ޚަބަރު
އަމީނުގެ މައްސަލައިގައި ސްޕްރީމް ކޯޓުގެ އިންޒާރެއް މީޑިޔާތަކަށް

މުހައްމަދު އަމީނަކީ ކުށްވެރިއެއްގެ ގޮތުގައި ދެއްކުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ޢަމުރުކޮށްފިއެވެ.

އައިއެސް ޖަމާއަތުގެ ލީޑަރެއް ކަމަށްބުނެ މީޑިޔާތަކުން ތުހުމަތުކުރަމުންދާތީ މުހައްމަދު އަމީންގެ ފަރާތުން މިމައްސަލަ ވަނީ ސްޕްރީމްކޯޓުގައި ހުށަހަޅާފައެވެ. އަމީންގެ ފަރާތުން ކޯޓަށް ހުށަހެޅި ޝަކުވާއަކީ އަމީންއަކީ ޓެރަރިސްޓުންނާއި ގުޅުން އޮންނަ މީހެއް ކަމަށް ދައްކުވައިދޭން މީޑިޔާތަކުން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެހެންކަމުން މިކަން ހުއްޓުވައިދިނުމަށް އެދި ވަނީ ދަންނަވާފައެވެ.

މިޝަކުވާތަކާއި ގުޅިގެން ސްޕްރީމްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ މީހެއްކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ހިނގަމުންދާ މުޙައްމަދު އަމީންގެ މައްސަލައާ ގުޅިގެން ޚިޔާލު ފާޅުކުރާ ފަރާތްތަކުންނާއި ޚަބަރު ފެތުރުމުގެ ތެރޭގައި، މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގަށް އެއްވެސް އުނިކަމެއް އަންނާނެ މޭރުމަކުން މައްސަލައިގެ ހަސްމު ތަސައްވަރުކޮށްދިނުމުގެ ގޮތުން އެއްވެސް ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެކަމެއްކަމަށެވެ.

އަމީންގެ މައްޗަށް ކުރެވުނު ދައުވާއަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. ހައިކޯޓުން އަމީން މިނިވަންކުރިނަމަވެސް އޭނާ މާލެ އިން ފުރުން މަނާކޮށް މޮނިކޮން އަމުރެއް އެކޯޓުން ވަނީ ނެރެފައެވެ. މާލޭގައި އުޅުނަސް، އޭނާއަށް ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ގެއިން ބޭރަށް ނުކުތުން ވެސް މަނާވާނެއެވެ.

Comment