ކޮވިޑް-19 ހަލުވިކަމާއެކު ގދ.ތިނަދޫގައި ފެތުރެމުން ދިޔުމާއި ގުޅިގެން ތިނަދޫގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ތިނަދޫ އިމާރޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފިއެވެ.
ތިނަދޫގެ އީއޯސީ އާއި މަޝްވަރާ ކުރުމަށް ފަހުގައި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ހުވަދޫ ނިއުސް އަށް ދީފައިވާ ބަސްދީގަތުމެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން ޓައިމް ބައުންޑް ޕާރމިޓާއި އެކުގައި ބޭރުގައި އުޅުމުގެ ހުއްދަ ދޭންނިންމާފައިވާ ކަމަށެވެ. އަދި ފަތިހު 5:30 އާއި 6:30 ދެމެދުގެ ވަގުތުތަކުގައި ކަސްރަތަށް ނުކުތުމުގެ ހުއްދަދޭން ވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ކައުންސިލްގެ ހުއްދައާއި އެކު މަސްވެރިކަމަށް ޖާގަދިނުމަށްވެސް ވަނީ ނިންމާފައެވެ. މި ހުއްދައިގެ ދަށުން މަހަށް ފުރާނަމަ ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ދޯނީގައި ތިބެންޖެހޭނެ ކަމަށް ވެސް ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ވިދާޅުވިއެވެ.
ރަށުގެ ހާލަތައް ބަލައި ތިންދުވަސް ފަހުން ފިހާރަތައް ގައިޑްލައިނާއި އެއްގޮތަށް ހުޅުވުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށްވެސް ސައުދު އިތުރަށް ވިދާޅުވިއެވެ. މީގެއިތުރުން ބަންދުވެފައި ހުންނަ ތަންތަނުގައި ކުރާ މަސައްކަތްތަކަށް ކައުންސިލުން ހާއްސަ ހުއްދަ އެއް ދިނުމަށް ވަނީ ނިންމާފައެވެ.
ހަމައެއާއެކު މާދަމާއިން ފެށިގެން ގައިދުރުކޮށް މިސްކިތް ތަކުގައި ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދޭން ނިންމާފައެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރަށުގެ ހާލަތައް ބަލައި އިތުރު ލުއިތަކެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
މާދަމާއިން ފެށިގެން ދިނުމަށް ހަމަޖެހިފައިވާ ލުއިތައް:
-
ޓައިމް ބައުންޑް ޕާރމިޓާއި އެކުގައި ބޭރަށް ދިނުމުގެ ހުއްދަ
-
ފަތިހު 5:30 އާއި 6:30 ދެމެދުގެ ވަގުތުތަކުގައި ކަސްރަތަށް ނުކުތުމުގެ ހުއްދަ.
-
ކައުންސިލްގެ ހުއްދައާއި އެކު މަސްވެރިކަމަށް ޖާގަދިނުން.
-
ބަންދުވެފައި ހުންނަ ތަންތަނުގައި ކުރާ މަސައްކަތްތަކަށް ކައުންސިލުން ހާއްސަ ހުއްދަ އެއް ދިނުން.
-
ގައިދުރުކޮށް މިސްކިތް ތަކުގައި ނަމާދު ކުރުމުގެ ހުއްދަ
މިއަދު ތިނަދޫގެ ނަތީއްޖާއަށް ބަލާއިރު ޖުމްލަ 15 ފަރާތެއްވަނީ ފައްސިވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ފްލޫކްލިނިކަށް ދެއްކި އެއްފަރާތަކާއި، ކޮންޓެކްޓް ޓްރޭސިންގްގެ 14 ފަރާތެކެވެ. އެއާއެކު ތިނަދޫގައި މިވަގުތު މުޅި ޖުމްލަ 218 އެކްޓިވްކޭސް އެބައޮތެވެ.