ޚަބަރު
އުމުރުން ދުވަސްވީ މީހުންނަށް ނަފްސާނީ, ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބެމުންދާކަމީ މިނިސްޓްރީގެ ކަންބޮޑުވުމެއް- ޖެންޑަރ މިނިސްޓަރ

އުމުރުން ދުވަސްވީ މީހުންނަށް ނަފްސާނީ, ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބެމުންދާކަމީ މިނިސްޓްރީގެ ކަންބޮޑުވުމެއްކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހު މިނިސްޓަރ ދެއްވި ޚާއްސަ ޚިޠާބުގައި މިކަން ވަނީ ފާހަގަކޮށްފައެވެ. ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ގޮތުގައި އދ.އިން ކަނޑައަޅާފައި ވަނީ އޮކްޓޫބަރުމަހުގެ 1 ވަނަ ދުވަހެވެ. މިނިސްޓަރ ފާހަގކޮށްފައިވާ ގޮތުގައި މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ, ދުވަސްވީ މީހުންނަށް ހުރި ފުރުސަތުތަކާއި ދިމާވާ ގޮންޖެހުންތަކާއިމެދު ވާހަކަ ދައްކައި އެކަންތައްތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރުމެވެ.
މި ދުވަހުގެ ތީމުގެ ގޮތުގައި މިއަހަރު އދ.އިން ކަނޑައަޅާފައިވަނީ Digital Equity for all age “ސުމޭކުގެ ހަމަހަމަ ފުރުޞަތު ހުރިހާ އުމުރަކަށް” މި ތީމެވެ. ހުރިހާ އުމުރުފުރައަކަށް ހަމަހަމަކަމާއެކު ޑިޖިޓަލް ވަސީލަތްތަކުގެ ފަސޭހަކަން ހޯދައި ދިނުމަކީ, ބަވަނަވެފައިވާ ދުނިޔޭގައި މަޢުލޫމާތު ހޯދުމުގައާއި, ޢާއިލީ ގުޅުންތައް ޤާއިމް ކުރުމުގައިވެސް މުހިއްމު ވަސީލަތަކަށް މިހާރުވަނީ ވެފައެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް މިފަދަ ވަސީލަތްތަކާހަމައަށް ފަސޭހަކަމާއެކު ވާސިލުކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި, އަހުލުވެރި ކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ޤައުމަށާއި, މުޖުތަމަޢަށް އެތައްގިނަގުނަ ޚިދުމަތްތަކެއްކޮށް ތަފާތު ތަޖުރިބާތައް ލިބިފައިވާ ފަރާތްތަކެކެވެ. އެހެންކަމުން, ޤައުމު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ މަޝްވަރާއާއި ޚިޔާލަކީ ވަރަށް މުހިއްމު އެއްޗެކެވެ. ވުމާއިއެކު, ގޭތެރެއިން ފެށިގެން މުޖުތަމަޢުގެ ހުރިހާ ކަމެއްގައި އެފަރާތްތައް ޝާމިލުކުރުމަކީ ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ. ހަމައެއާއެކު އުމުރުން ދުވަސްވީ ފަރާތްތައް ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރި ކުރުމަށް ޢާއިލާތަކުންނާއި ކަމާގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރުމަކީވެސް މުހިއްމުކަމެކެވެ. ހަމައެހެންމެ މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން މަކަރާއި ޙީލަތުން, ނޭދެވޭ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފާރަވެރިވެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ބޭނުންތެރިކަމެއްގެ ގޮތުގައި ހިޠާބުގައި ބުނެފައިވެއެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަމުގައި މިނިސްޓަރ ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން, އުމުރުން ދުވަސްވީ ފަރާތްތަކަށް ކޮންމެ މީހަކުވެސް ކަމޭހިތައި އަދަބުވެރިކަމާއި އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމަކީ ނުހަނު ބޭނުންތެރިކަމެއްކަމުގައި ޚިޠާބުގައި ބަޔާންކޮށްފައި ވެއެވެ.
އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީހިނދު, އަޅުގަނޑުމެންގެ އުމުރުން ދުވަސްވީ މަންމަ އިންނާއި ބައްޕަ އިންނާއި, މާމަ އިންނާއި, ކާފައިންނަށް ހެޔޮކަށް ހިތައި, ރައްކާތެރިކަމާއި އަބުރުވެރިކަމާއެކު, ކަރާމާތްތެރި ދިރިއުޅުމެއް އެފަރާތްތަކަށް ދިރިއުޅެވޭނޭ މަގު ތަނަވަސްކޮށް ދިނުމަކީ މުސްލިމުންގެ ޙައިޘިއްޔަތުންވެސް އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާއެއްކަމުގައި މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަށް ރާއްޖޭގައިވެސް ތަފާތު ނަފްސާނީ, ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބެމުން ދާކަމީ, މިމިނިސްޓްރީގެ ނުހަނުބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން, އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއިން ދިމާވާ މިފަދަ އަނިޔާވެރި ޢަމަލުތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމުގައި މިނިސްޓަރގެ ޚިޠާބުގައި ފާހަގަ ކުރައްވާފައި ވެއެވެ.

Comment