ޚަބަރު
ހަސަން ލަތީފް ދައްކާ ވާހަކަ އާއި އަމަލާ ނުގުޅޭ: މަހުލޫފް

އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފްގެ ވާހަކަތަކާއި އަމަލުތައް ދިމާނުވާކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ތުހުމަތާއި ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވޯޓުގައި މަހުލޫފް ބައިވެރިނުކުރަން ނިންމުމަށްފަހު ވޯޓަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް މަހުލޫފް ވޯޓުގައި ބައިވެރިވެ ކާމިޔާބް ހޯދާފައިވާތީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފްވަނީ އެކަމާ ފާޑުކިޔާފައެވެ.

ހަސަން ލަފީތް ވިދާޅުވިގޮތުގައި މަޚްލޫފަށް ވޯޓުގައި ވާދަކުރެވޭގޮތަށް ނިންމި ނިންމުމަކީ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ނިންމެވި ނިންމުމެއްކަމަށެވެ. އަދި އެކަމާ ހަސަން ލަތީފްވަނީ ދެކޮޅުހަދާފައެވެ.

އެހެންކަމުން ހަސަން ލަތީފް އާއި ބެހޭގޮތުން މަހުލޫފް ވިދާޅުވެފައިވަނީ ޗެއަރޕާސަން އަކީ ދެފުށް ދެގޮތް ބޭފުޅެއް ކަމަށާއި އެބޭފުޅާގެ ޢަމަލުތައް ހުރީ ވަރަށް ލަތުވެތިކޮށްކަމަށެވެ. އަދި  އޭނާ ދައްކަވާ މޫނާއި، އޭނާގެ އަމަލުތައް ހުންނަނީ އެހެން ގޮތަކަށްކަމަށް މަހުލޫފް ވަނީ އަވަސް މީޑިޔާއަށް ދެއްވި ވީޑިއޯ އިންޓަރވިއުއެއްގައި ވިދާޅުވެފައެވެ.

މަހުލޫފް އިތުރަށް ވިދާޅުވި ގޮތުގައި ހަސަން ލަތީފްގެ އަމަލުތައް ފެންނަނީ ވަރަށް ބީރައްޓެހި ގޮތަކަށް ކަމަށާއި ހަސަން ލަތީފްއަކީ ކުލަބަދަލުކުރާ ބޯވައެއް ކަމަށެވެ. އަދި އޭނައާ ދެކޮޅަށް ޗެއަރޕާސަން އެންޓި ކެމްޕެއިން ކުރެއްވިކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ވަނީ ދެދައުވާއެއްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން، އެސް.އީ.ޒެޑްގެ ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000 އެމެރިކާ ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވި ފައިސާގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ ދަށުން، ކުރާ ދައުވާއެކެވެ.

މަހުލޫފްގެ މައްޗަށް ކުރެވޭ ދެވަނަ ދައުވާއަކީ މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

މިތުހުމަތްތަކާއި ގުޅިގެން މަސައްކަތުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފަ ހުރުމަށްފަހު މަހުލޫފްވަނީ އަލުން ވަޒީފާއަށް ނުކުމެފައެވެ.