މާލޭގެ މަގުތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި މަސްތުވާ ތަކެތި ވިއްކަމުންދާ ކަމަށާއި ކަންމަތިތަކުގައި 10 އަހަރުގެ ކުދިންވެސް ގިނަވާން ފަށައިފިކަމަށް ވިދާޅުވެ އެމްޑީޕީ މާލެ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ސިފާ މުޙައްމަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޝިފާ ވިދާޅުވާ ގޮތުގައި އުމުރުން އެންމެ 10 އަހަރުގެ ކުދިން މާލޭގެ މަގުތަކުގެ ކަންމަތިތަކުގައި ގިނަވެ ވެހިކަލްތަކާއި ހިނގާ މީހުންނަށް އުނދަގޫވާވަރަށް މަގު އޮންނަނީ އޮލަވެފައެވެ. އަދި ދިވެހިންނާއި ބިދޭސީން ހިމެނޭޙެން ފާޅުގައި މަސްތުވާ ތަކެތި ވިއްކަމުންދާކަމަށް ޝިފާ ވަނީ ތުހުމަތުކޮށްފައެވެ.
ޝިފާ މިހެން ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރ އިމްރާން މީޑިޔާއަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެންނެވެ.
ދައުލަތުގެ މީޑީޔާއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ ޒުވާނުންގެ މެދުގައި އޮންނަ “ގޭންގު” ތަކުގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
މަސްތުވާ ތަކެތީގެ މައްސަލައަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ބުނެ އިމްރާން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ސަރުކާރުން އެމައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގައި ފަސްނުޖެހި އެދެވޭ ނަތީޖާ ނެރޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.