ޚަބަރު
މަސައްކަތް ކުރި ފަރާތްތަކަށް ފައިސާ ނުލިބި ލަސްވާތީ ތިނަދޫ ކައުންސިލަށް ފާޑުކިޔުން!

ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 55 އަހަރު ފުރުމުގެ ގޮތުން ތިނަދޫ ކައުންސިލުން އިސްނަގައިގެން ބޭއްވި ހަރަކާތްތަކުގައި މަސައްކަތް ކުރި ފަރާތްތަކަށް ފައިސާ ނުލިބޭ ކަމަށްބުނެ މީސްމީޑިއާގައި ކައުންސިލަށާއި، ތިނަދޫގެ ރައީސް އަށް ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

އެގޮތުން މީސްމީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އާބާދީ 55 އެއްގެ އިވެންޓެއްގައި މަސައްކަތް ކުރުވާފައި ފާއިސާ ނުދޭކަމަށެވެ. އަދި އޭނާގެ ޕޯސްޓުގައި “ރަޓާ ލެބީގެ ކުން! މަސައްކަތާ ކޮޅެ ލާރިޔާ ނު ލެބެއި” ޖަހާފައި އޮތެވެ.

މިކަމާއި ގުޅިގެން ހުވަދޫ ނިއުސް އިން ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ތިނަދޫ ރައީސް ގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް، ތިނަދޫ ނައިބް ރައީސް ނަސްރުﷲ އަލީ އަށް މި ނޫހުން ގުޅާލުމުން ނަސްރު ވިދާޅުވީ، އެ ކަމަކީ ވަކި ޕްރޮސީޖާ އެއްގެ ދަށުން ކުރިއަށް ދާ ކަމެއް ކަމަށާއި، ހުރިހާ ކައުންސިލް މެމްބަރުންނަށް ވެސް އިނގޭނެހެން އެމަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފައިސާގެ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން ދާކަމަށާއި، އެއްވެސް ބިލެއް ނުދައްކާ ނުބަހައްޓާނެ ކަމަށް ނައިބްރައީސް ނަސްރު ވިދާޅުވިއެވެ.

ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 55 އަހަރު ފާހަގަ ކުރުމުގެ ގޮތުން ތިނަދޫ ކައުންސިލުން ވަނީ 5 ލައްކަ ރުފިޔާގެ ބަޖެޓެއް ފުރަތަމަ ފަހަރަށް ފާސްކޮށް އަދި އެއް ލައްކަ ފަންސާސް ހާސް ރުފިޔާގެ ބަޖެޓެއް ފަހުން ފާސްކޮށްފައެވެ. އަދީ އާބާދީ 55 ފާހަގަ ކުރުމުގެ ގޮތުން ކައުންސިލުން ވަނީ ތިނަދޫ ވޯޓާރ ޕާރކް ރަސްމީކޮށް ހުޅުވާ، ފުޓްބޯޅަ މެޗަކާއި އަދި ބަޅެނޮންޓާ ގެ ކުޅިވަރު ކުޅުމުގެ އިތުރުން ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ހަރަކާތްތަކުގައި ބައިވެރި ވުމަށް ރަށުން ބޭރުން ގިނަ މެހުމާނުން ތަކެއްވަނީ ތިނަދޫ އަށް ވަޑައިގެންފައެވެ.

ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް ތިނަދޫ ކައުންސިލުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގައި ކޮރަޕްޝަން ހުރިތޯ ބަލައިދިނުމަށް މިދިޔަ މަހު ދެވަނަ ދުވަހު އޭސީސީއަށް ވަނީ ހުށަހަޅާފައެވެ. އަދި އޭސީސީއަށް ހުށަހެޅުއްވި މައްސަލާގައިވަނީ ތިނަދޫ ކައުންސިލް އިދާރާއިން ފަސް ލައްކަ ރުފިޔާ ހަރަދުކޮށްގެން ތިނަދޫ އާބާދީ 55 ފާހަގަކުރުމަށް ކައުންސިލްގެ ރައީސް ސައުދު އަލީ އިސްވެހުރެ ކުރާ ކަންކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Comment