ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ވީއައިޕީ ލޯންޖުން ޚިދުމަތް ދިނުން މާ ރަނގަޅުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ،ޝަހީމް މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އެކޮމިޓީން ނިންމީ، މެންބަރުންނާއި މެންބަރުންގެ އާއިލާގެ އިތުރަށް އެ މެމްބަރަކު އިޚުތިޔާރުކުރާ އިތުރު ދެ މީހަކަށް ލޯންޖު ބޭނުން ކުރެވޭ ގޮތަށެވެ.
“މަޖިލިސް މެންބަރުންގެ ރައްޓެހިންނަށް އެއާޕޯޓް ވީއައިޕީ ބޭނުންކުރެވޭނަމަ، އާއްމު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހެދުން މާ ހެޔޮކަން ބޮޑު، ވަކިން ހާއްސަކޮށް ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުން މާއައުލާ” – ޑރ.ޝަހީމް
މެންބަރުންގެ އެކުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރެވޭ ގޮތް ހަދާކަށް ތާއިދެއް ނުކުރާ ކަމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގެ ހިދުމަތް ދިނުމާއި މެދު ދެކޮޅު ހައްދަވާފައެވެ.