ރިޕޯޓް
މީހާގެ ފެންވަރު ބެލުމަށް ބޭނުމީ ތަޢުލީމީ ސެޓްފިކެޓެއް ނޫން

މީހާގެ ފެންވަރު ބެލުމަށް ބޭނުންވަނީ އެމީހަކަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓެއް ނޫނެވެ.

މީހަކު ދިއްކޮއްލާ ކަރުދާސްކޮޅަކަށް ބަލައި އެއީ ކިހާ ފެންވަރެއްގެ މީހެއްކަން ނިންމުމަކީ ދިވެހިން ދޫކޮށްލަން ޖެހޭ އާދައެކެވެ. ދިވެހި ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކަށް ގިނަފަހަރު ކުރިއެރުމެއް ނުލިމުގެ މައިގަނޑު ސަބަބަކީވެސް، މިދެންނެވި ކާރުދާސްކޮޅަށް ބަލައި ނުވަތަ އެމީހެއް ނިސްބަތްވާ ކުލަޔަށް ބަލާފައި ވަކި ފަރުދެއްގެ ގައިން މިންނަގައިގެން ފަހާލެވޭ ކޯޓެއްހެން ވަޒީފާ އުފައްދައި، ވަޒީފާ ދިނުމުގެ އުޞޫލެއް މިމުޖުތަމަޢުގައި ޤާއިމް ވެފައި ވުމުގެ ސަބަބުންނެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމް މުޅިންހެން ބައްޓަންވެފައި އޮތީ، ފޮތުގައި އޮންނަ އެއްޗެއް ކިޔަވައިގެން، ރާއްޖެއިން ބޭރުން ދޭ އިމްތިހާނެއް ހެދުމަށެވެ. ސްކޫލް ނިންމާ ދަރިވަރުގެ މުސްތަޤްބަލް ކަނޑައަޅާއެއްޗަކަށް ވެފައި އޮތީ، ކަރުދާސްކޮޅެއްގައި އޮންނަ އޭ،ބީ، ސީ، ޑީ ގެ އަކުރެކެވެ. މުދައްރިސުންނާއި ބެލެނިވެރިން މަސައްކަތް ކުރަނީ، ދަރިވަރުން ގާނާލައިގެންވެސް މިދެންނެވި ކަރުދާސްކޮޅުގައި، އޭ އެއް ނުވަތަ އޭ ސްޓާރ އެއް އެރުވުމަށެވެ. މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް ދަރިން މުސްތަޤްބަލް އަލިކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންކަން ހުންނަނީ އަތުން ދޫވެފައެވެ.

ދަރިންގެ ތަރުބިއްޔަތުގައި، އަދި ތަޢުލީމުގެ އެންމެ މުހިންމު އަމާޒަކަށް  ވާންޖެހެނީ، ރަނގަޅު ހަރުދަނާ އިންސާނެއް މުޖްތަމަޢުއަށް ނެރުމެވެ. މުޖުތަމަޢުގައި ހުރި ގޯސް ކަންތައްތަކާއި، ރަނގަޅު ކަންކަން ވަކިކުރަން ދަންނަ، ދުނިޔެއަށް ލޯ ހުޅުވިފައިވާ ހަރުދަނާ ޒިންމާދާރު، ރައްވެއްސަކަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކުދިން ވާންޖެހެއެވެ. މިހެން މިކަން ނުވާނަމަ ދެވޭތަޢުލީމުގެ މާބޮޑު ބޭނުމެއް ނެތެވެ.

ޤައުމީ ގަދަ 10 ގައި ހިމެނެގެން ސްކޫލް ނިންމާ ދަރިވަރުންވެސް، މަތީތަޢުލީމް  ހޯޛުމަށް ބޭރު ޤައުމަކަށް ގޮސް މައިންބަފައިންނާއި ވަކިން ދިރިއުޅެން ޖެހި، އަމިއްލަޔަށް ކައްކައި ކާން  ޖެހުމުން، އެކަން ކުރަން އުދަނގޫވެގެން ކިޔެވުން ހުއްޓާލައި އަނބުރާ ޤައުމަށް އައުން ފަދަ ހިތާމަވެރި ކަންކަން ކުރިމަތިވެފައި  އެބހުއްޓެވެ. ހަމަ މިބީދައިން، ލީޑަރޝިޕް ކޯސްތައް ފުރިހަމަ ކޮށް، މާސްޓާރސް ނުވަތަ ޕީ.އެޗް.ޑީ ނިންމާ ބޭބޭފުޅުން، ތަންތަނުގެ ވެރިންނަށް އައުމުން، މުއައްސަސާގެ ހިންގުން ބޮއްސުންލައި، ތަނުގައި މަސައްކަތްކުރާ ރަނގަޅު މުވައްޒަފުން ކެރިއަރ މަތިން ފޫހިވެ، ދާއިރާ ދޫކޮށްދާފަހަރުވެސް އަހަރަމެންނަށް ފެންނަގޮތް މަދެއް ނޫނެވެ.

މިއިން ދޭހަކޮށްދޭ ހަޤީޤަތަކީ، ހާޞިލް ކުރާ ސެޓްފިކެޓް ތަކަކުން މީހާ ވަޒަން ނުކުރެވޭނެ ކަމެވެ. ތަޢުލީމީ ސެޓްފިކެޓްތަކާއި އެއްވަރަށް، މަސައްކަތުގެ ހުނަރާއި، މީހުން ގޮވައިގެން އުޅުމުގެ ހުނަރު އެނގެން ޖެހޭކަމެވެ. ހުނަރުތައް ދަސްކޮށްދީ، މުޖުތަމަޢުއަށް ބޭނުން ހިފޭ، އެހެން މީހުންގެ އިޙްސާސްތައް ދަންނަ، ދުނިޔެއަށް ލޯހުޅުވޭ ބަޔަކަށް، އަހަރަމެންގެ ދަރިން ހަދަން ޖެހެއެވެ. ދަރިވަރުންނަށް ދެވޭ ރަސްމީ ތަޢުލީމުގެ އިތުރުން، ދަރިވަރުންގެ ހުނަރު ފާހަގަކޮށް ހުނަރު ކުރިއެރުވުމަށް މަސައްކަތް ކުރުމާއެކު، ތަފާތު ދިރިއުޅުމުގައި ބޭނުންވާ، ހުނަރުތަކާއި، ރިވެތި އަދަބުތަކާއި، އެހެންމީހުންގެ އިޙްސާސްތަކަށް އިޙްތިރާމް ކުރަން ދަންނަ، މުޖުތަމަޢަށް ބޭނުން ހިފޭ ބަޔެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭނެ ގޮތަކަށް ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމް ބައްޓަން ކުރަންޖެހެއެވެ.

ލިބިފައިވާ ސެޓްފިކެޓްތަކަކުން މީހާގެ ފެންވަރު ނޭނގުނު ނަމަވެސް އަނެކުންނާއި މެދު އަމަލުކުރާގޮތުން، އެއީ ކިހާ ފެންވަރެއްގެ މީހެއްގެ ކަން ވަރަށް ފަސޭހައިން ދަނެގަނެވިދާނެއެވެ. އެހެން މީހުންނާއި ދޭތެރޭ އިޙްސާންތެރިކޮށް ހިތައި، އަޅާލުމަކީ، ރަނގަޅު ލީޑަރުންގެ ސިފައެކެވެ. މީހުންނަށް އިހްތިރާމް ކުރަން އެނގުމާއި އެކު، މީހުންގެ ރުހުމާއި ލޯބި ހޯދަން އެނގޭ ލީޑަރުންނަށް މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

ތަޢުލީމީ ސެޓްފިކެޓަށް ބަލައިގެން ވަޒީފާ ދިނުމުގެ ބަދަލުގައި މީހުންގެ ކިބައިގައިވާ ޤާބިލިއްޔަތުތަކަށް ބަލައިގެން ތަފާތު ޒިންމާތައް ހަވާލުކުރެވުމުން، އެދާއިރާއަކުން، ނަތީއްޖާ ނެރެން ފަސޭހަވެގެން ދާނެއެވެ.