“ހިޔާ” މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ބިއްލޫރިގަނޑުގައި ރެނދުލައި ތަޅައިގެން ހިގައްޖެއެވެ.
މިހާތަނަށް އައިއިރު ފަސް އެޕާޓްމެންޓެއްގެ ބެލްކަނީގެ ބިއްލޫރިގަނޑާއި ކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިގަނޑުވަނީ ތަޅައިގެން ގޮސްފައެވެ. ތަޅައިގެން ގޮސްފައިވާ ބިއްލޫރިގަނޑާއި ރެނދު އަޅާފައިވާ ބިއްލޫރިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
100 އަށްވުރެ ގިނަ އާއިލާ މިހާރު ދިރިއުޅެމުންގެންދާ ހިޔާ ފްލެތްތަކުގައި ބިއްލޫރިގަނޑު ތަޅައިގެން ދިޔުމުގެ އިތުރުން ވިއްސާރަ މޫސުމުގައި ބޭރު ކުޑަދޮރުތަކުން ކޮޓަރިތެރެޔަށް ފެން ލީކުވުމުގެ މައްސަލަވެސް ދަނީ ކުރިމަތިވަމުންނެވެ.
ހިޔާ ޔޫނިއަންގެ ހެޑް ފައުންޑަރު، އަބްދުﷲ އަމްޒަލް މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް ލިބިފައިހުރި ޝަކުވާތަކަށް ބަލާލާއިރު ފަހަކަށް ވުރެ ގިނަ ފްލެޓްތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާކަމަށާއި މިމައްސަލަ ހައްލުކުރުމަށް އެޗްޑީސީއިން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަމްޒަލް ފާހަނގަކުރެއްވި ގޮތުގައި ފްލެޓްތަކުގެ ބިއްލޫރިގަނޑު ތަޅައިގެންދަނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ. އަދި އެއީ ރާއްޖޭގެ މާހައުލާ ނުގުޅޭ ބިއްލޫރިތަކެއް ކަމަށް އޭނާ ވަނީ މައުލޫމާތުދީފައެވެ.