ޚަބަރު
ޔާމިންގެ އިސްތިއުނާފީ ޝަރީއަތުގައި އާހެއްކެއް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސްއަހަރުގެ ޖަލުހުކުމް އިސްތިއުނާފް ކުރުމުގެ ޝަރީއަތަށް އެމަނިކުފާނުގެ ފާރާތުން އާ ހެއްކެއް ކޯޓަށް ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ ވީޑީޔޯ ރެކޯޑިންއެކެވެ.

އެވީޑިޔޯއަކީ 2015 ވަނަ އަހަރު މާރޗް 12 ވަނަ ދުވަހު ރެކޯޑްކޮށްފައިވާ ވީޑިޔޯއެކެވެ. އެވީޑީޔޯގައި އަދީބް ބުނެފައިވަނީ އޭނަގެ އަތުގައި ޔާމީންގެ ފައިސާ ހުންނާނެ ކަމަށާއި އެފައިސާ މެނޭޖް ކުރައްވާ ކަމަށެވެ.

ޔާމީންގެ ވަކީލުން ފާހަނގަ ކުރެއްވި ގޮތުގައި އެފައިސާއަކީ ޔާމީންގެ ކެމްޕެއިންއަށް ދީފައިވާ ފައިސާ ކަމަށާއި އެކަން ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްއާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދުގެ ނަން ވަނީ ހުށަހަޅާފައެވެ. އިތުރު ކިތާބީ ހެކިންގެ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި ސިޓީގެ އިބާރާތަކާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ ލީކުވެފައިވާ އޯޑިއޯ ވެސް ހުށަހެޅުއްވިއެވެ.

އެ ހެކި ހުށަހަޅުއްވާފައި ވަނީ އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުންނާނެ ކަން ސާބިތު ކޮށްދިނުމަށާއި އެއް މިލިއަން ޑޮލަރަކީ އެ ފައިސާ ދެއްވުމަށް އެދިވަޑައިގަތުމުން ދެއްވި ފައިސާއެއް ކަން ސާބިތު ކުރަން ވެގެން ކަން ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ. އަދި މިއަދުގެ އަޑުއެހުމުގައި ވަކީލުން ނިންމެވީ ލީކުވެފައިވާ ތިން ޤާޒީންގެ އޯޑީޔޯ ކޯޓަށް ހުށަހެޅުމަށް ނިންމި ނިންމުން އަބުރާ ނެންގެވުމަށްވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21ވަނަ ދުވަހުއެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަހަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.