ފުލުހުންގެ އިސްމަގާމުގައި ތިއްބެވި 7 އޮފިސަރުން ބޯޑުން ވަކިކުރަން ނިންމި ނިންމުން ހިއްސާކޮށްފައިނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާއަށް ހޯމްމިނިސްޓަރ އިމްރާން ވަނީ ހާޒިރުކޮށްފައެވެ. މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރުމާއި ގުޅޭގޮތުން މިނިސްޓަރު އިމްރާންއާއި ސުވާލު ކުރައްވާފައެވެ. އަދި އެކަންތައް ހިނގާފައިވަނީ އިންސާފްވެރި ގޮތަށްތޯ ސުވާލުކޮށްފައެވެ.
އެސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ބޯޑުގެ ނިންމުން އޭނާއާއި ހިއްސާކޮށްފައި ނުވާކަމަށާއި ފުލުހުންގެ ބޯޑުން އެގޮތަށް ނިންމީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ބޯޑުން ނިންމާ ނިންމުންތަކުގައި ހޯމް މިނިސްޓަރަށް ލަފާ ދީ އެކަމުގައި ވަޒީރުގެ ދައުރު އޮންނާނެކަމަށް ގާނޫނުގައި ބުނެފައިވީނަމަވެސް އެކަމާއި ގުޅޭ މާއްދާ ފަރުމާކޮށްފައި އޮންނަނީ ބޯޑުގެ ނިންމުންތަކުގައި މިނިސްޓަރުގެ ދައުރެއް ނޯންނަގޮތަށް ކަމަށެވެ. އެހެންކަމުން 7 އޮފިސަރުން ވަކިކުރުމުގައި އޭނަގެ ދައުރެއް ނޯންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވުމުން މެމްބަރ ޝިޔާމް ވިދާޅުވީ އެފަދަ ބޮޑު ނިންމެވުމެއް ބޯޑުން ނިންމެވިއިރު އެފުލުހުންނަށް މިނިސްޓަރ ނޯޓިސްއެއް ފޮނުވާފައިވޭތޯއެވެ. އެސުވާލުގެ ޖަވާބަކަށް އިމްރާން ވިދާޅުވީ ފުލުހުންގެ ބޯޑަށް އެފަދަ ނޯޓިސްއެއް ފޮނުވާފައި ނުވާނެކަމަށެވެ.
މެމްބަރު ޝިޔާމް ކުރެއްވި ސުވާލާއި އިމްރާންގެ ޖަވާބު ދިމާނުވުމުން މަޖުލީހުގެ ރިޔާސަތުގައި އިންނެވި މަޖުލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސުވާލުކުރެއްވިއެވެ. އަދި މެމްބަރުގެ ސުވާލު ތަކުރާރުކޮށްލިއެވެ.
އެއަށްފަހު އިމްރާން ވިދާޅުވީ އޭގެ ތެރެއިން ތިން ފުލުހަކަށް އަމިއްލައަށް އިސްތިއުފާ ދިނުމަށް ދަންނަވައި ނޯޓިސްއެއް ފޮނުވާފައި ނުވާނެކަމަށެވެ.
މިމައްސަލައިގައި ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށްވެސް މިހާރު ވަނީ ހުށަހަޅައިފައެވެ.