ޚަބަރު
ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ނައިބުންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްފި

ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ދެނާއިބުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހަށް ފޮނުއްވައިފިއެވެ.

މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށް، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށަހެޅި ބައެއް ބިޑްތައް ބާތިލުކުރުމަށްފަހު ވަކި ފަރާތްތަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމުގައި މަޤާމުގެ ބާރު ބޭނުންކޮށްފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ އޭސީސީއަށް މައްސަލަ ހުށަހަޅާފައެވެ. މިމައްސަލަ ތަހުޤީގުކުރުމަށްފަހު އޭސީސީން ވަނީ މިމައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދައުވާ ކުރުމަށް ޕީޖީ އަށް ހުށަހަޅާފައެވެ.

އެގޮތުން ދައުވާ ކުރަން ފޮނުވާފައިވާ ފަރާތްތަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑު ކޮމިޓީގައި ހިމެނޭ މިނިސްޓަރުގެ ނައިބު ޝިމާޒު އަލީ އާއި މިނިސްޓަރުގެ ނައިބު ހަމަދު އަބްދުލް ޣަނީއެވެ.

ދެ ނާއިބުންގެ އިތުރުން އޭސީސީން ދައުވާ ކުރަން ނިންމާފައިވާ ފަރާތްތަކުގެ ތެރޭގައި އަލީ އިކްރާމް (ވައިލެޓްވިލާ، ވ. ކެޔޮދޫ) އާއި، މުހައްމަދު ނިޒާރު އާދަމް (ގުލްބަކާގެ، ނ. މަނަދޫ) އާއި، މަރްޔަމް ސަމާހަތު (ފަތިސްހަނދުވަރުގެ / ހއ. ހޯރަފުށި) އަދި މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ. މާލެ) ހިމެނެއެވެ.

އޭސީސީން ވިދާޅުވާގޮތުގައި މިމީހުންގެ މައްޗަށް ކުރެވެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

Comment