ރާއްޖޭގެ ސިއްޚީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޖަޕާނުން ރާއްޖެއަށް ތިން މިލިޔަން ޑޮލަރުގެ އެހީއެއް ދީފިއެވެ. އެއީ ރާއްޖެ ރުފިޔާ 46.2 މިލިޔަން ރުފިޔާގެ އެހީއެކެވެ.
ޖަޕާނުން ރާއްޖެއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖޭގެ އެކިއެކި ރަށްރަށަށް ޒަމާނީ ސީއެމްބިއުލާންސް ފޮނުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި އެވެ.
Japan Gives a Grant Aid of 400 Million Japanese Yen for the Provision of a Sea Ambulance
📃 Press Release | https://t.co/MGSVUh5YyK pic.twitter.com/Y59tJaJDLV
— Ministry of Foreign Affairs 🇲🇻 (@MoFAmv) October 4, 2021
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ހަލީލް ފާހަނގަކުރެއްވި ގޮތުގައި ރާއްޖޭގެ ސިއްޚީ ދާއިރާގައި ބޭނުންކުރާ ތަކެތި މަދުވުމުގެ ސަބަބުން ކޮވިޑްގެ މިނުރައްކާތެރި ހާލަތުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. އެހެންކަމުން މިއަދު ޖަޕާނުން ފޯރުކޮށްދިން އެހީގެ ސަބަބުން ގިނަ ކަންތައްތައް ހައްލުވެގެން ދާނެ ކަމަށް ވިދާޅުވަމުން ހަލީލްވަނީ ޖަޕާން ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ. ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ޖަޕާނުން ދީފައިވާ އެހީތައް ފާހަނގަކޮށް އެގައުމަށް ހަލީލް ޝުކުރު އަދާކުރި އެވެ.