ސަރުކާރުން ހިންގާ މަޝްރޫޢުތައް ކަނޑައެޅިފައި އޮންނަ ވަގުތަށް ނުނިމި ލަސްވާނަމަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި ތިބޭ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ވޯލްޑް ބޭންކުން ބޭއްވި “ޕޯޓްފޯލިއޯ ޕާފޯމަންސް ރިވިއު” ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަ އަމީރު ވިދާޅުވީ ކަނޑައަޅާ ޓައިމްލައިންތަކާ އެއްގޮތަށް މަޝްރޫއުތައް ނިންމަން ޖެހޭ ކަމަށެވެ. އެ ކަން އެ ގޮތަށް ނުވާ ނަމަ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް (ޕީއެމްޔޫ) ގައި ތިބޭ މުވައްޒަފުން ވަކިކޮށް، އާ މުވައްޒަފުންނާ އެ ޕްރޮޖެކްޓެއް ހިންގަން ހަވާލު ކުރާނެ ކަމަށެވެ.
މިގޮތަށް ނިންމަންޖެހުނީ މަޝްރޫޢުތައް އަވަހަށް ނިންމާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދެވުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސައުރާކުން ހިންގަމުން އަންނަ މަޝްރޫޢުތައް ލަސްވުމާއި ގުޅިގެން ގިނަބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ވަނީ މަޝްރޫއުތައް މިހާރު ލަސްކަމަށް މީޑިއާގައި ވެސް އިއުތިރާފުވެފައެވެ.
ވޯލްޑް ބޭންކުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ އާއި ސްރީ ލަންކާ އަށް ވޯލްޑް ބޭންކުން ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ކިޔޯ ކަންޑާ ވިދާޅުވެފައިވަނީ މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް ދެ ގުނަ އިތުރު ކޮށްފައިވާ ކަމަށާއި މިހާރު 10 މަޝްރޫއެއް ކުރިއަށްގެންދާއިރު އެ މަޝްރޫއުތަކުގެ އަގު 182 މިލިއަން ޑޮލަރަށް އަރާކަމަށެވެ.
މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާއިރު ދީފައި އޮންނަ މުއްދަތުގެ ތެރޭގައި އެމަސައްކަތް ނުނިމި ލަސްވަމުންދާތީ މިނިސްޓަރު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މަސައްކަތަށް ފަރުވާ ކުޑަކުރާ މީހުންނާމެދު ފިޔަވަޅު އަޅާ އެމުވައްޒަފުން ވަކިކުރާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.