މިއަހަރު ފާހަނގަ ކުރަމުންދާ ބައިނަލް އަޤުވާމީ ޓީޗަރުންގެ ދުވަހާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނާއި އެއްވަގުތެއްގައި ވާޗުއަލްކޮށް ބައްދަލުކުރައްވައި ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ކިޔައިފިއެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ފާހަނގަކުރެއްވި ގޮތުގައި ރާއްޖޭގައި ކޯވިޑްގެ ހާލަތުގެ ގޯސްވި ދުވަސްވަރު ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ދަރިވަރުންނަށް ގެނެސްދިނީ މުދައްރިސުންގެ ޤުރްބާނީގެ ސަބަބުންނެވެ.
ކޮވިޑްގެ ނުރައްކާތެރި ހާލަތުގައިވެސް ޓީޗަރުން ކުރެއްވި ބުރަ މަސައްކަތް ފާހަނގަކޮށް އެޑިއުކޭޝަން މިނިސްޓަރ ވަނީ ހުރިހާ ޓީޗަރުންނަށް ޝުކުރު އަދާކޮށްފައެވެ.
“މުދައްރިސުންނަށް ޖެހުނީ އައު ކަންތައްތަކެއް ދަސްކޮށްގެން، އެހެންޏާ ބޭނުންނުކުރާ ވަސީލަތްތަކެއް ބޭނުންކޮށްގެން، އެހެންޏާ ނުކިޔަވައިދޭ ގޮތަކަށް ކިޔަވައިދޭން. މުދައްރިސުން މިކަން ނުކުރިނަމަ، ދަރިވަރުންނަށް ވާނޭ ގޮތް، ގޭބިސީގެ އިޖްތިމާޢީ ދިރިއުޅުމަށް އަންނާނޭ ހުސްކަން އަޅުގަނޑަށް ދަންނަވާކަށްވެސް ނޭނގޭ.” ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.
މިއަހަރުގެ ޓީޗަރުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ “ކިޔަވައިދިނުން އިހު އޮތްގޮތަށް އިޢާދަކުރުމުގެ ހިތަކީ މުދައްރިސުން“ މިއެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ދަތި ޙާލަތުގައި ބަލިމަޑުކަމުން އަރައިގަތުމުގެ ސިއްރަކީ މުދައްރިސުންކަމަށާއި ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީސްތަކުންނަށް ހިތްވަރާއި ހިތްހަމަޖެހުން ކޮންމެވެސް ސިފައެއްގައި ގެނެސްދިނީ މުދައްރިސުންކަމަށެވެ.
މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮންމެ ސްކޫލަކަށް ކޭކެއް ފޮނުވާފައެވެ. އަދި މިއީ ރާއްޖޭގެ ވަޒީރަކު ޤައުމެއްގެ ހުރިހާ ސްކޫލްތަކުގެ ޓީޗަރުންނާއި މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.