ސާފް ޗެމްޕިއަންޝިޕް 2021 ގެ ބަންގްލަދޭޝް އާއި ރައްޖެ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކި ގޮތާއި މެދު ހިތްހަމަނުޖެހިގެން ޓްރާންޕޭރެންސީ އިން ފޭސްބުކް ޕޭޖުގައި ޕޯސްޓެއް ކޮށްފިއެވެ.
ޓްރާންސްޕޭރެންސީ އިން މި ޕޯސްޓް ކޮށްފައިވަނީ ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓްގައި އެހެން ގައުމެއްގެ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭނެކަމަށް އެފް.އޭ.އެމް އިން ބުނުމާއި ގުޅިގެންނެވެ.
މި ޕޯސްޓުގައި ވާ ގޮތުން އެފް.އޭ.އެމް އިން ވަނީ ބަންގްލަދޭޝް ސަޕޯޓަރުންނާއި މެދު ނަސްލީ ތަފާތުކުރުންތަކެއް ގެންގުޅެފައެވެ. އަދި އެއީ ބައިނަލްއަގުވާމީ ގޮތުން ކުޅިވަރުގެ ހަމަތަކާއި މުޅިން ޚިލާފް ނިންމުމެއް ކަމެއް ބުނެ ޓިކެޓް ވިއްކާ އުސޫލަށް ބަދަލު ގެނައުމަށް އެފް.އޭ.އެމް އަށް ގޮވާލާފައި ވެއެވެ.
ހޯމްވޯކުގައި ހުރި މައްސަލަތައް:
ސާފް ޗެމްޕިއަންޝިޕް 2021 ދިވެހިރާއްޖޭގައި ބޭއްވި ކަމުގައި ވިޔަސް މުބާރާތުގެ އުސޫލުތަކާއި ގަވައިދުތަކަކީ ރާއްޖެއިން ހަދައި ފާސްކުރާ ގަވައިދުތަކެއް ނޫނެވެ. އެއީ ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން(ސާފް) ގެ އެކްސްކޯ އިން ނިންމާ ނިންމުންތަކެކެވެ. އެހެންކަމުން ޓްރާންސްޕޭރެންސީ އިން ހެދި ހޯމްވޯކްގެ ފުރަތަމަ ކުށަކީ އެފް.އޭ.އެމް ކުށްވެރި ކުރުމެވެ.
ދެވަނަ ކުށަކީ ބައިނަލްއަގުވާމީ ކުޅިވަރުގެ ހަމަތަކާއި އެއްގޮތް ނުވާކަމާއި ބަންގްލަދޭޝް ސަޕޯޓަރުންނާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނުމެވެ. ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް އާންމުކޮށް އަވޭ ޓީމްގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަނީ ހޯމް ޓީމުގެ ސަޕޯޓަރުންނަށް ވިއްކާ ވަރަށްވުރެ މަދުންނެވެ. ކޮންމެ މުބާރާތެއްވެސް ފެށުމުގެ ކުރިން ޓިކެޓް ވިއްކުމުގެ އުސޫލު ކަނޑައަޅައި އެއަށް އަމަލުކުރެއެވެ. އަދި އެ އުސޫލު ހިންގޭނީ ކަނޑައެޅިގެން ވަކި އަވޭ ޓީމެއްގެ ސަޕޯޓަރުންނަކަށް ނޫނެވެ. ސާފް ޗެމްޕިއަންޝިޕް 2021 ގެ އަވޭ ޓީމްތަކުގެ ގޮތުގައި ހިމެނޭ ބަންގްލަދޭޝެއް އިންޑިޔާއެއް ލަންކާއެއް ނޭޕާލެއް ތަފާތެއް ނުވާނެއެވެ. އެ އެންމެނަށްވެސް ވިއްކޭނީ ގިނަވެގެން 200 ޓިކެޓްކަމަށް މުބާރާތުގެ ގަވައިދު ބުނެއެވެ.
ނޭޕާލް އަދި ރާއްޖެ ބައްދަލުކުރި މެޗުގައި ވެސް ޓިކެޓް ވިއްކީ ހަމަ އެއް އުސޫލަކުންނެވެ. އެ ދުވަހު ޓްރާންސްޕޭރެންސީ މޯލްޑިވްސް އެއް ފެންނާކަށް ނެތެވެ. ނަމަވެސް ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރާ މެޗާއި ދިމާކޮށް ބަންގްލަދޭޝް ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ކަމާއި ނުބެހޭ މުއައްސަސާއެއް ކުށްވެރިކޮށް، އެއްވެސް އޮށްޓަރެއް ނެތް ވާހަކަތަކެއް ދައްކާތީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް ދަނީ އަމާޒުވަމުންނެވެ.