ވިޒިޓް ނަޑެއްލާ ލިޔެފައި ތައްޔާރު ކުރި މޮނިއުމަންޓް ނަޑެއްލާ ކައުންސިލާއި ޙަވާލުކޮށްފިއެވެ
ރޭ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން މޮނިއުމަންޓާއި ޙަވާލު ވެލެއްވީ ކައުންސިލް ގެ ރައީސް މުހައްމަދު އަނާޝާއުއެވެ.
މަސައްކަތް ކުރި ފަރާތްތުން މޮނިއުމަންޓް ޙަވާލު ކުރުމުގެ ލިޔުން ކައުންސިލް ގެ ރައީސާއި ޙަވާލު ކޮށްދެއްވީ ފެނަކައިގެ ފަރާތުން މުހައްމަދު ހުސައިން ، ރޯޒީއެވެ.
މިރޭ ނަޑެއްލާ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޑެއްލާ ރައީސް އަންޝާއު ވިދާޅުވީ އެ މަސައްކަތް ކޮށްދިނުމަށް ފެނަކައިން ދިން އެހީތެރިކަން ފާހަގަކޮށް ފެނަކައިގެ އެމްޑީ އަހުމަދު ސައީދު އަށާއި އެ ކުންފުނިން ނަޑެއްލާ ގައި ހިނގަމުންދާ ޕްރޮޖެކްޓް ގައި އިސްކޮށް މަސައްކަތް ކުރަމުންދާ މުޙައްމަދު ޙުސައިން އާއި އަލީ ނަޖީބް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި އެ ރަށުގެ ޒުވާނުންނާއި ރައްޔިތުން ދެކެން ބޭނުންވި ގޮތަށް މި މޮނިއުމަންޓް ތައްޔާރު ކޮށްދެއްވުމުގައި ޗިކާ ދެއްވި އެހީ އާއި ޢަމަލީގޮތުން ޙަރަކާތްތެރި މިންވަރަށް އަދި ޒުވާނުން ގޮވައިގެން ކުރެވި ބުރަ މަސައްކަތަށް ހިތުގެ އިޚްލާޞްތެރި ޝުކުރު އަދާ ކޮށް އެކަން ފާހަގަ ކުރައްވާ ކަމަށެވެ. އަދި މީގެ ސަބަބުން ރަށުގެ މޫނުމަތި ނަލަ ވެގެން ގޮސްފިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ވިޒިޓް ނަޑެއްލާ” މޮނިއުމަންޓް އާންމުކޮށް އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާ ރަށު ރައްޔިތުން އެ މޮނިއުމަންޓް ކައިރީގައި ވަރަށް ގިނައިން ފޮޓޯ ނަގާ ކަން ފާހަގަ ކުރެވެއެވެ.
ނަޑެއްލާ އަށް ޒިޔާރަތް ކުރާ މެހެމާނުންނަށް މަރުހަބާ ދެންނެވުން ރަމްޒު ކޮށްދޭ ގޮތަށް ތައްޔާރު ކުރި އެ މޮނިއުމަންޓަކީ ރަށުގެ ބަނދަރު މަތިން މަލަމަތި ފެނުމާއި އެކު ފެންނަ ގޮތަށް ތައްޔާރު ކޮށްފައިވާ 26 ފޫޓް ދިގު 5 ފޫޓް ފުޅާ އަދި 7 ފޫޓު އުސް އެއްޗެކެވެ. މި މަސައްކަތުގެ 80% މަސައްކަތް ކޮށް އެހީތެރިކަން ދިނީ ފެނަކަ ކުންފުނިން ކަމަށް އަދި 20 % އެހީތެރިކަން ދީފައިވަނީ ނަޑެއްލާގެ ރައްޔިތެއް ކަމުގައިވާ އިބްރާހީމް ނާފިޒް ، ޗިކާ އާއި ހެޔޮއެދޭ ފަރާތްތަކަށް ކަމުގައި އެ ރަށު ކައުންސިލުން ވިދާޅުވެއެވެ.