އަންހެނާގެ އަދި ފިރިހެނާގެ އައުރަ ޒަރޫރީ ހާލަތެއްގައި މެނުވީ ކަޝްފުކުރުމަކީ ޚަރާމް ކަމެއް ކަމަށާއި އައުރަ ނިވާކުރަން ޖެހޭނެ ވިދާޅުވެ ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ނަސޭޙަތް ދެއްވައިފިއެވެ.
ޝެއިޚް ޒައިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވަރަށް ބޮޑު ޒަރޫރީ ހާލަތެއްގައި މެނުވީ އައުރަ ކަޝްފުކުރުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށާއި އަދި އެކަން ކުރާ މީހާ ތައުބާވާންޖެހޭ ކަމެއް ކަމަށެވެ.
ވަރަށް ބޮޑު ޟަރޫރީ ޙާލަތެއްގައި މެނުވީ އިސްލާމްދީނުގައި ޢައުރަ ކަޝްފު ކުރުމަކީ ޙަރާމްކަމެއް! އެއީ އެކަންކުރާ މީހާ ފާފަވެރިވާނޭ ކަމެއް! އަދި ތައުބާވާންޖެހޭނޭ ކަމެއް!
— Ali Zaid (@alizaid1000) October 5, 2021
ޝެއިޚް ޒައިދު މިފަދައިން ނަސޭޙަތްތެރިވީ ކޮން ސަބަބަކާ ހެދި ކަމެއް ސީދާ ވިދާޅުވެފައެއް ނުވެއެވެ.
އައުރަ ނިވާކުރުމާއި ބެހޭގޮތުން ޝެއިޚް ނަސޭހަތްތެރިވެފައިވާއިރު އިއްޔެ ރައްޔިތުންގެ މަޖުލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ ނާޒިލް ވަނީ މަޖިލިސްތެރޭގައި އޭނަގެ އައުރަ ފާޅުކޮށްފައެވެ. ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމަށް، ޖިންސީ ފުރައްސާރައަކަށް ވާ ފަދަ އަމަލެއް ކުރިކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެނގިފައިވާ ގޮތުގައި، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން މެންބަރު ނާޒިލް އޭނަގެ އައުރަ ދައްކާފައިވެއެވެ. އެހެންކަމުން މިމައްސަލަ ބަލައިދިނުމަށް އެދި މިހާރުވަނީ ސެކްރެޓޭރިއަޓަށް ހުށަހަޅާފައެވެ.