މާލެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް އަޑިޔަށް ގޮސްގެން އެމް.އެން.ޑީ.އެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ “ބްލެކް ޕާލް” ނަމަކަށް ކިޔާ ލޯންޗެއް އަތޮޅުވެއްސާ ދިމާލުން ފަޅުތެރޭގައި އޮތްވާ އަޑިއަށް ދިއުމާ ގުޅިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާއެކު ފެންމަތިކޮށްފައިވާ ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހެދުނު 9 ޖަހަން އުޅެނިކޮށް ކަމަށާއި 10:30 އެހާކަންހާއިރު އެލޯންޗް ނަގާފައިވާ ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލާއެކު ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތައް މިވަނީ އިތުރުވެފައެވެ. އެގޮތުން މީގެ ދެދުވަސް ކުރިން 17 މީހުންނާއެކު ދަތުރުކުރި “ހޭންޑީ ގްރޫޒާ” ނަމަކަށް ކިޔާ ސަފާރީއެއް އަޑިޔަށް ގޮސް އެއިން ދަތުރުކުރި މީހަކު ކަނޑުވެ މަރުވެފައިވާއިރު އިއްޔެ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް ކަމަށްވާ “ވައިވިލާ” ވަނީ އަޑިއަށް ގޮސްފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމް.އެން.ޑީ.އެފުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި “އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ” ބޯޓެއް ދިޔަވެ އެބޯޓު އަޑިއަށް ދަނިކޮށް ބޯޓުގައި ތިބި ނުވަ މީހުން އެމްސީޕީ ސަލްޒްބާގް ނަމަކަށް ކިޔާ ބޯޓަކަށް ނަގައިފިއެވެ.
އެމްއެންޑީއެފް އިން ރޭ ވިދާޅުވީ ކޯސްޓްގާޑު އުޅަނދު ޝަހީދު އަލީ ބޯޓު އޮތް ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށާއި ބޯޓް މިރޭ 23:45 ކަންހާއިރު މާލެ އަށް ބަނދަރު ކުރާނެ ކަމަށް ބެލެވެއެވެ. މީހުން ނެގި ބޯޓަކީ ލަންކާ އިން ފުރައިގެން ރާއްޖެ އަށް ދަތުރުކުރާ ބޯޓެކެވެ.