ރިޕޯޓް
ދިރިއުޅުމަށް އެންމެ މުހިންމީ ކޮން އެއްޗެއް؟

ދިރިއުޅުމަށް އެންމެ މުހިންމީ ކޮންއެއްޗެއްތޯ ސުވާލުކޮށްފިނަމަ، ތަފާތު ޖަވާބުތައް އައުމަކީ ޝައްކެއްވެސް ނެތްކަމެކެވެ. މިގޮތުން މިސުވާލުގެ ޖަވާބުގައި ގިނަ ބަޔަކު އިޚްތިޔާރުކުރާ ބައެއް ޖަވާބުތައް މިލިޔުމުގައި ހިމަނާލަމެވެ. ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި ދިރިއުޅުމަށް އެންމެ މުހިންމީ ފައިސާއެވެ. ހަމަ މީބަދައިން ބައެއް މީހުން އެއްބަސްވާގޮތުގައި ދިރިއުޅުމުގައި އެންމެ މުހިންމީ ކުރިއެރުމެވެ. އަދި ހަމަ އެހެންމެ މަދުން ނަމަވެސް މީހުން ޤަބޫލުކުރާގޮތުގައި ދިރިއުޅުމަށް އެންމެ މުހިންމީ ލޯތްބެވެ.

ދިރިއުޅުމަށް އެންމެ ބޭނުންތެރި އެއްޗަކީ ފައިސާކަމަށް ޤަބޫލުކުރާ މީހުންގެ ވާހަކައަކީ، ފައިސާއިން ހާޞިލްނުކުރެވޭ އެއްވެސް ކަމެއް ނޯންނާނެއެވެ. މިއީ ތެދަކަށްވުން ވެސް އެކަށީގެންވެއެވެ. ފައިސާއަކީ އެއިން ދުނިޔޭގެ ތަފާތު އުފާތަށް ހޯދުމަށް ބޭނުންކުރެވިދާނެ ވަޞީލަތެކެވެ. ފައިސާވެރިންނަކީ ގިނަބަޔަކު ގަދަރުކުރާ، ނުފޫޒުގަދަ، ބޭނުންވާ ކޮންމެ ކަމެއް ފަސޭހައިން ހާޞިލްކުރާ ބަޔެކެވެ. އަދި މުއްސަނދި ތަނަވަސް ދިރިއުޅެއް އުޅެން ލިބުމަކީ ކޮންމެ މީހެއްގެ ހުވަފެނެކެވެ.

ފައިސާއާއި އެއްފަދައިން، ދިރިއުޅުމުގައި ކުރިއެރުމަކީ ގިނަބަޔަކު އެހާމެ ބޭނުންވާ އެއްޗެކެވެ. ހުރި ހާލަތުން އެހެން ހާލަތަކަށް، ނުވަތަ ހުރި މަޤާމުން އެއަށްވުރެ މަތީ މަޤާމަކަށް ނުވަތަ ވަޒީފާގެ ކުރިއެރުން ހޯދުމަކީ ގިނަ ބަޔަކުގެ އެދުމެކެވެ. ވަޒިފާގެ ކުރިއެރުން ހޯދުމަށް، ވެރިންގެ ރުހުން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. މީހާގެ މުޅި ދިރިއުޅުމަކީ ވަޒީފާކަމުގައި ދެކޭ މީހުންވެސް މަދެއް ނޫނެވެ.

މަދުން ނަމަވެސް މީހުން ޤަބޫލުކުރާގޮތުގައި ލޯތްބަކީ އެއާއި ނުލައި އިންސާނާއަށް ދިރިއުޅެން ދަތި އެއްޗެއްކެވެ.  ލޯތްބަކީ ޠަބީއީ ގޮތުން އިންސާނާގެ ކިބައިގައި ﷲ ތަޢާލާ ލައްވާފައިވާ މަތިވެރި އިޙްސާސެކެވެ. ބައެއް ލިޔުންތެރިންނާއި ޝާއިރުން، ލޯތްބަކީ ކަނު އަނދިރި އެއްޗެއްގެ ގޮތުގައި ސިފަކުރާއިރު، ލޯތްބަކީ ކޮންމެ އިންސާނަކުވެސް ބޭނުންވާނެ އެއްޗެއްގެ ގޮތުގައި އެއްބަޔަކު ބުނެއެވެ. އަހަރަމެންނަށް އަބަދުވެސް އަޑު އިވެނީ ލޯތްބަކީ ދުނިޔޭގައިވާ ހުރިހާ ފައިސާއެއް އެއްކުރި ކަމުގައި ވިޔަސް އެއިން ގަނެ ނުލެވޭނެ އެއްޗެއްގެ ގޮތުގައެވެ. މިއީ ކިހާވަރެއްގެ ހަޤީޤަތެއް އެކުލެވޭ ބުނުމެއް ބާވައެވެ؟

“ބިންގހެމްޓަން ޔުނިވާސިޓީ ސްކޫލްއޮފް މެނޭޖްމަންޓް” އިން ޖަރުމަނުގެ 7،500 ބޮޑެތި މީހުން ބައިވެރިކޮށްގެން ކޮށްފައިވާ ދިރާސާއެއް ކަމުގައިވާ “އެޕްލައިޑް ރިސާރޗް އިން ކޮލިޓީ ލައިފް” އިން ދައްކާ ގޮތުގައި، ފައިސާއާއި ކުރިއެރުމަކީ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ހިންހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ އެއްޗެކެވެ. ނަމަވެސް މިދިރާސާގެ ބައިވެރިންގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ފައިސާ އަދި ކުރިއެރުރުމަކީ ދިރިއުޅުމަށް އެންމެ މުހިންމު ވަޞީލަތްކަމަށް ދެކި ފައިސާ އަދި ކުރިއެރުން ހޯދަން މަސައްކަތް ކުރާ ގިނަ ފަރާތްތަކަށް ހަމަޖެހޭ ދިރިއުޅުމެއް ލިބިފައި ނުވެއެވެ.

“ޕްރިންސްޓޮން ޔުނިވާސިޓީ” އިން ތަނަވަސްކަމާއި އުފާވެރިކަމާއި ގުޅުމެއް ވޭތޯ ބެލުމަށް 2010ގައި ޚާއްސަ ދިރާސާތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މިދިރާސާއިން ދައްކާގޮތުން އާންމުންނަށް ވިސްނިފައި އޮންނަ ގޮތާއި ތަފާތުކޮށް، މާލީ ތަނަވަސްކަން މަތިވާވަރަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ދިރިއުޅުމުން ދަށްވެގެން ދެއެވެ. ބަދަލުގައި، ނުތަނަވަސްކަން، މާޔޫސްކަން، ފިކުރު ބޮޑުވުން، އިތުރުވެގެންދާކަން މިދިރާސާއިން ހާމަވެގެން ގޮސްފައިވެއެވެ. ހިތްހަމަޖެހޭ އުފާ ފާގަތި ދިރިއުޅުމެއް އުޅުމަށް ބޭނުންވަނީ ފައިސާއާއި ކުރިއެރުމެއް ނޫންކަން ގެނެވިފައިވާ ދިރާސާތަކުގެ އަލީގައި އެނގި ފާޅުވެގެން ދެއެވެ.

ފައިސާ އާއި ކުރިއެރުމަކީ ދިރިއުޅުމަށް ހިންހަމަޖެހުމާއި އުފާ ފާގަތިކަން ގެނެސްދޭ ހަމައެކަނި ވަޞީލަތްކަމަށް ދެކި، ދިރިއުޅުމުގައި އެންމެ އިސްކަން ދޭންޖެހެނީ ވަޒީފާ އަދި ތަނަވަސްކަން ހޯދުމަށް ކަމަށް ދެކޭ މީހުން ދިވެހި މުޖުތަމަޢުގައިވެސް ގިނައެވެ. ދިރިއުޅެންޖެހެނީ ވަޒީފާ އަދާކުރުމާއި ފައިސާ ހޯދުމަށް ނޫނެވެ. އަދި ދިރިއުޅުމަކީ ވަޒީފާއެއްވެސް ނޫނެވެ. ލިޔުންތެރިންނާއި ޝާއިރުން ބުނެފައިވާ ފަދައިން ލޯތްބާއި، އުފާ އަދި ހިންހަމަޖެހުމަކީ ފައިސާއިން އަގު ނުކުރެވޭ، އަދި ފައިސާއިން ހާޞިލް ނުކުރެވޭނޭ އެއްޗެކެވެ.

ލޯތްބާއި، ހިންހަމަޖެހުން ދިރިއުޅުމުގައި ހޯދުމަށް އެދޭމީހާ، ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހާޞިލްކުރުމަށް މަސައްކަތް ކުރާށެވެ. އާއިލާ އާއި އަބިދަރިންނަށް ވަގުތު ހޯދައި، އާއިލާއާއި އެކު ގިނަ ވަގުތު ހޭދަކުރާށެވެ. ދިރިއުޅުމަށް އެންމެ މުހިންމީ ފައިސާ އަދި ކުރިއެރުމެއްވެސް ނޫނެވެ. ދިރިއުޅުމަށް އެންމެ މުހިންމީ ލޯތްބާއި ކުލުނާއި، އޯގާތެރިކަމެވެ.