ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިއަދު ހިނގާދިޔަ ކާރު އެކްސިޑެންޓުގައި އެއަރޕޯޓްގައި ބަހައްޓާފައި ހުރި ކަނޑުގެ ދިޔަވަރު ބަލާ ސްޓޭޝަނަށް ގެއްލުންވެއްޖެއެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކާރެއް ކޮންޓްރޯލްނުވެ ގޮސް ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ ޓާރމިނަލްގެ ކުރިމަތީގައި މޫދާވީ ފަރާތުގައެވެ. މެޓްއޮފީހުން ބަހައްޓާފައި ހުރި ދިޔަވަރުބަލާ ސްޓޭޝަން ހުންނަނީ އެސަރަހައްދުގައި ކަމުން ކާރު ކޮންޓްރޯލްނުވެ ވަދެގެން ދިޔުމުން އެތަނަށް ވަނީ ގެއްލުންވެފައެވެ.
2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާއަށްފަހު މެޓް އޮފީހުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކަނޑުގެ ދިޔަވަރު ބަލާ ސްޓޭޝަނެއް ބަހައްޓާފައެވެ.
މެޓްއޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް ވިދާޅުވެފައިވަނީ އެ ސްޓޭޝަން ބަހައްޓާފައި ހުރި ކޮންކްރީޓު ގަނޑު އެއްފަޅިން ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދި އެތަނުގައި ހަރުކޮށްފައި ހުރި އެންޓަނާގެ ބޮކްސް އެނބުރިފައިވާ ކަމަށެވެ. އަދި ދިޔަވަރު ބަލާ ސްޓޭޝަނަށް ލިބުނު އިތުރު ގެއްލުމުގެ ތަފްސީލް މިހާރު ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކްސިޑެންޓްވެފައިވަނީ ދިރާގުގެ ކާރެއް ކަމުން ދިރާގުން ވަނީ އެކަމާ މާފަށް އެދިފައެވެ. އަދި އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދެމުން ދިރާގުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގި ގޮތް ތަހުގީގުކުރާ އިދާރާތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.