ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ތިނަދޫގައި ހުންނަ އަތޮޅު ކައުންސިލުގެ އިދާރާގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ތިނަދޫ މުވައްސަސާ ތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ޝަރަފުވެރި މެހުމާން ގދ.އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ އެވެ.
މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ އޮނަގާޑުގައި އެރުވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ގދ.އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ އެވެ.
ދިދަ އެރުވުމަށްފަހު ރައީސް ފައިހަތުގެ ވާހަކަފުޅުގައި ޤައުމީ ދުވަހުގެ މުހިންމުކަމާއި، ދިވެހިރާއްޖޭގެ ބަތޮލުންގެ ހަނދާން ވަނީ އާކޮށްދީފައެވެ. އެގޮތުން، ޝަހީދު އަލިރަސްގެފާނު ދިވެހި ގައުމަށްޓަކާއި ވި ގުރުބާނީގެ ވާހަކައިގެ އިތުރުން ދިވެހި ގައުމަށްޓަކާއި، ދިވެހިން ޝަހީދުވެގެން ދިޔަ ވާހަކަ ވަނީ ހަދުމަކޮށް އަރުވާފައެވެ.
ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން ގެނެސްފައެއް ނުވެއެވެ.
15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.