ޚަބަރު
ރައީސް ސޯލިހު ހުންނެވީ ޤާނޫނު އަސާސީ ސަަސްޕެންޑް ކޮށްގެން : އިބްރާ

ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ޤާނޫނު އަސާސީ ސަސްޕެންޑް ކުރައްވައިގެން ކަމަށް އިބްރާހިމް އިސްމައިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ޤާނޫނު އަސާސީ ސަސްޕެންޑް ކުރައްވައިގެން ކަމަށެވެ.

ބެލެވޭ ގޮތުގައި އިބްރާގެ މިޓްވީޓް ގުޅިފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ކަމުގައި ހުންނެވި އަބްދުﷲ ޝާހިދުއަށެވެ.

ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނާ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖުލީހުގެ ވަޒީރުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް އިތުރު އެއްވެސް ވަޒީފާއެއް އަދާނުކުރެވޭނެއެވެ. އެހެންނަމަވެސް ޝާހިދު ވަޒީރެއްގެ މަޤާމުގައި ހުންނަވައިގެން އދ.ގެ އާއްމު މަޖުލީހުގެ ރައީސްގެ މަޤާމު އަދާކުރަމުން ގެންދަވާތީ އެކަމާ ހިތްހަމަ ނުޖެހުން  ފާޅުކުރުމުގެ ގޮތުން ޝާހިދުގެ ގެކޮޅު ކައިރީ ރޭގެ ވަގުތެއްގައި މުޒާހަރާ ވެސް ކޮށްފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުން ގެންދިޔައީ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ޝާހިދަށް އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ނުފުރެއްވޭނެ ކަމަށާއި އެއީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފް ކަމެއް ކަމަށެވެ.

ރާއްޖޭގެ ޤާނޫނީ ގިނަ ބޭފުޅުންވެސް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީން އެތައް ފަހަރެއްގެ މަތިން އެކަމާ ނުރުހުން ފާޅުކޮށްފައިވީނަމަވެސް ރޭ ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވަނީ އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައެވެ.

 

Comment