ވާހަކަ
ދެހަށި އެއްފުރާނަ-04

“ރަޔާންއަކަށް އާނާ ނުފެންނާނެ ދެން. މާދަމާ ހެދުނު އަހަރެން އާނާ ގޮވައިގެން ރަށަށް ދާން ފުރާނަން. އެކަމާ ދެންނުވިސްނާ ނިދާލާ. އަހަރެން އިންނާނަން އާނާ ކައިރީ.” އެދުގައި އާނާ ބާއްވަމުން މަޑުމަޑުން އޭނަގެ ބޮލުގައި ފިރުމާލަ ފިރުމާލާ ނަބީލް އިނެވެ.

ހެދުނު ހޭލައިގެން އާނާ އާއި ނަބީލް ތައްޔާރުވަމުންދިޔައީ ފުރުމަށެވެ. ކާރެއް ނުލިބިގެން މަގުމަތީގައި އެހެން ތިބޭތާވެސް ބައިގަޑިއިރުވަނީއެވެ. ސްކޫލަށް ކުދިން ދާންޖެހޭ ގަޑިކަމުން މަގުމަތީގައި ދުއްވާ އެއްޗެހި ވަރަށް ގިނައެވެ.

ކުއްލިއަކަށް އާނާގެ ލޮލުގައި އަޅައިގަތީ ކައިރިން ދިޔަ ސައިކަލެއްގައި އިން މީހެކެވެ. އެއީ ރަޔާންއެވެ.

އާނާ ނަބީލްގެ ފުރަގަހަށް ވަދެ ފިލީއެވެ. ނަބީލްއަށްވެސް ރަޔާންފެނުނެވެ. ދުއްވާ އެއްޗެހި ގިނަކަމުން ރަޔާން އަށް މަޑުކުރެވޭކަށް ނެތެވެ. އެމީހުން ފެނޭތޯ ރަޔާން އެބުރި އައިއިރު އާނާއާ ނަބީލް ފެންނާކަށް ނެތެވެ. އެހެންކަމުން ރަޔާން އެބުރި ދިޔައީއެވެ.

ނަބީލްއާއި އާނާ ފުރަން ލޯންޗަށް އަރާތިއްބާވެސް ނަބީލްއަށް ރަޔާން ފެނުނެވެ. ރަޔާންދިޔައީ އެމީހުން ފެނޭތޯ ހޯދަމުންނެވެ. ނަބީލް އާނާގެ ކުރިމައްޗަށް ހުއްޓިގަތެވެ. ފުރަގަހުން ރަޔާން އަށް ނަބީލް ފާހަގަކުރާކަށް ނޭގުނެވެ. އޭނައަށް އާނާވެސް ނުފެނުވެ.

” ސާބަސް ނަބީލް. ކީއްވެ ޖެހި ބުދެއްހެން އަހަރެން ކުރިމަތީ ހުއްޓި ތިހުރީ. މިތާ އިށީނދެބަލަ” އާނާ ބުނެލިއެވެ.

” އަހަރެން ހުންނާނީ އިރުކޮޅަކަށް ކޮޅަށް. އޭރުންތާ އާނާގެ ތިރީތި މޫނު އަހަންނަށް ފެންނާނީ.” ނަބީލް މިހެން ބުނުމުން އާނާ ލަދުރަކި ގޮތަކަށް ހީލިއެވެ.

ލޯންޗް ފުރިއިރުވެސް ރަޔާން ފެރީޓާމިނަލްގައި ހުއްޓެވެ. ހުރިހާ ލޯންޗެއް ބަލަމުންދިޔައެވެ.

ރަށަށް އާދެވުމާއެކު އާނާ ގެޔަށް ލާފައި ނަބީލް ދިޔައީ ގެޔަށެވެ. ކޮޓަރިޔަށް ވަދެ ދަބަސް އެދުމައްޗަށް އެއްލާލާފައި ނުކުމެ ބޭރު ޖޯލީގައި ޖައްސާލިއެވެ. ސިޓިންގރޫމްގައި ކުޅެން އިން ނުހައިކް ދުވެފަ އައިސް ނަބީލްގެ އުގަށް އެރިއެވެ.

ދީމާ ޖޫސްތައްޓެއް ހިފައިގެން އައިސް ޖެހިގެން ހުރި ޖޯލީގައި ޖައްސާލިއެވެ.

“މާލެ ގޮސްސަދޯ ތިއައީ؟” ދީމާގެ ސުވާލުން ނަބީލް ހާސްވިއެވެ. އެއްފަހަރާ ޖޫސްތަށި ދިރުވާލިއެވެ.

“ކާކު ބުނީ އަހަރެން ދިޔައީ މާލެއޭ. އަހަރެން ބުނީމެއްނުން އަހަރެން ދިޔައީ ރިސޯޓަށޭ!” ނަބީލް ބުނެލިއެވެ.

” ދަރިފުޅުދޭ އެތެރެއަށް ކާޓޫން ބަލަން” ދީމާ ނުހައިކް ކައިރީ މިހެން ބުނުމުން ނުހައިކް ދުވެފަ އެތެރެއަށް ދިޔައެވެ.

“އަހަންނަށް އެގޭ ނަބީލް އާއި އާނާ ދިޔައީ މާލެކަން. ނަބީލް އޮފީސް ކުއްޖަކު ނަބީލް އޮފީހަށް ނުދާތީ އެވާޙަކަ އަހަރެން ކައިރިން އެހުމުން އަހަރެން ނަބީލްއަށް ގުޅީ ޔަޤީން ކޮށްލަން. އަހަރެން ބެލިން ނަބީލް ދިޔައީ އޮފީސް ދަތުރަކުތޯވެސް. މިއަދު މާލެއިން ރަށަށް އައި ލޯންޗުން ނަބީލް އާއި އާނާ އައި ވާހަކަ ލޯންޗުން ދަތުރުކުރި އަހަރެންގެ އާއިލާ ކުއްޖަކު ބުނި އަހަރެން ކައިރީ.” ނަބީލްގެ ދޮގު ފަޅާއެރުމުން ނަބީލް އަގައިންވެސް ނުބުނެ އިނީއެވެ.

” އަހަރެން ހިންހަމައެއް ނުޖެހޭ ނަބީލް އާނާ އާ ތިބާއްވާ ގާތްގުޅުމާ ދޭތެރޭ. ދެން ކަންތައް ކުރަންވާގޮތް އެގޭނީ ނަބީލްއަށް.” މިހެން ބުނެފައި ދީމާ ގޮސް އެތެރެއަށް ވަނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ނަބީލްއާއި އާނާގެ ގުޅުން ބަދަހިވަމުންދިޔައެވެ. ދީމާގެ ކަމަކަށް އޮންނަނީ ގެޔަށް ވަނުމާއެކު ޒުވާބުކުރުމެވެ. އެހެންވެ ނަބީލް ގިނަ ވަގުތު އުޅެނީ ގެއިންބޭރުގައެވެ.

އާނާ ވަރިޔަށް އެދި ފޯރމްލުމުން ރަޔާން އާނާ ވަރިކޮށްނުދިނެވެ. އަނެއްކާވެސް 3 މަސްފަހުން އާނާ ވަރިޔަށް އެދި ފޯރމްލިއެވެ. މިފަހަރު ރަޔާންގެ އަތުން ވަރިނަގައިދީ ކޯޓުންނެވެ. މިނިވަންވުމުން އާނާ ވަރަށް ހިތްހަމަ ޖެހުނެވެ. އާނާ ބޭނުންވީ ކުރިންވެސް އުޅުނުހެން މިނިވަންކަމާއެކީ މާލޭގައި އުޅޭށެވެ. ވަޒީފާވެސް މާލެ ބަދަލުކުރުމަށްފަހު އާނާ މާލެ ބަދަލުވިއެވެ. އާނާ މިހާރު ރަޔާންދެކެ ބިރެއް ނުގަނެއެވެ. އާނާ މާލެ ހެޑް އޮފީހަށް ބަދަލުވުމުން ރަޔާން ވަޒީފާއިން ކެޑިގެން ފުރައިގެން ދިޔައީއެވެ.

ނަބީލްވެސް މާލެ ބަދަލުވާން ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް ދީމާ ބޭނުން ނުވާތީ ނުދެވުނީއެވެ.

އާނާ މާލެ އައި ފަހުން ނަބީލް އާއި ދުރުވާން ފަށައިފިއެވެ. އުޅޭލެއް ބިޒީ ކަމުންނޭ ކިޔާފަ ގިނަދުވަހު ނަބީލްއަށް ގުޅާވެސްނުލައެވެ.

ދުވަސް މަސްތަކަށް ބަދަލުވަމުން ދިޔައެވެ. އާނާ ނަބީލް އާ ވަރަށް ދުރުވެއްޖެއެވެ. މަހަކު އެއްފަހަރުވެސް ނުގުޅައެވެ. ނަބީލް ގުޅިޔަސް ފޯނު ނުނަގައެވެ. ފޯނުކަޑާލާފައި މެސެޖެއް ކޮށްލައެވެ.

އާދައިގެ މަތިން ދުވަހެކެވެ. އާނާ އިނީ ރައްޓެއްސަކާއެކު މެންދުރުގެ ކެއުމަށް އިންސާފްކުރާށެވެ.

“އައްސަލާމް އަލައިކުމް” ފަހަތުން މީހަކު ސަލާންގޮވީލި އަޑަށް އާނާ އެބުރި ބަލާލިއެވެ.

” ނަބީލް!” އާނާއަށް ލިބުނީ ހައިރާން ކަމެކެވެ.

“އިށީނދޭ! ކޮންވަޑާމެއް މާލެ އައިސްގެން ތިއުޅެނީ.” ކައިރީގައި ހުރި ގޮޑި ދައްކާލަމުން އާނާ އަހާލިއެވެ.

” އަހަރެންގެ ވަރަށް އަގުބޮޑު އެއްޗެއް ގެއްލިގެން މިއައީ އެ ފެނޭތޯ” ކުރިމަތީ އިން ކުއްޖާއަށް ލޯ އަޅަމުން ނަބީލް ބުނެލިއެވެ.

“އޯހް! ސޮރީ. މީ ނަވާލް. އަހަރެންގެ ބޯއި ފްރެންޑް. ނަވާ މީ ނަބީލް މައި ބެސްޓްފްރެންޑް”  ނަބީލް އަށް ނަވާލް ތައާރަފްކޮށްދެމުން އާނާ ބުނެލިއެވެ.

ނަބީލް ޝޮކްވިއެވެ. އެވަރުގެ ކަމެއް އާނާ ކުރިއިރު ނަބީލްއަށް އަންގާވެސްނުލައެވެ. ނަވާލް ނަބީލްއާ ސަލާން ކުރަން އަތްދިއްކޮށްލުމުން ނަބީލް އެތަނުން ތެދުވެގެން ދިޔައީ ސަލާންވެސް ނުކޮށެވެ.

” ދަނީތަ!” ނަބީލް ތެދުވުމުން އާނާ އަހާލިއެވެ.

“އާ! އަހަރެން ތަނަކަށް ދާންޖެހޭ. އިރުކޮޅަކުން އަހަރެން  ފުރަން.” ނަބީލް ޖަވާބު ދިނެވެ.

އާނާ އޯކޭ ބުނުމުން ނަބީލްއަށް ރޮވުނެވެ. އެހާގިނަދުވަސް ކޮށްފަ ފެނުމުން އާނާ ކަންތައް ކުރިގޮތުންނާއި ފުރަން އުޅޭ ވާހަކަ ބުނުމުން އާނާ އަޅާނުލީމައެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ނަބީލް ނުކުމެގެން ދިޔައީ އެވެ. ނަބީލް އައީ ދެތިން ދުވަހު މަޑުކުރާ ގޮތަށެވެ. ނަމަވެސް ދެރަވި ވަރުން އެދުވަހު ފުރައިގެން ދިޔައީއެވެ.

ނަބީލް ކަރުނަ ފޮހެނުތަން ނަވާލްއަށް ރަގަޅަށް ފެނުނެވެ. ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދުނެވެ.

ނަބީލް ރަށަށް ފުރައިގެން ދިޔުމުންވެސް އާނާ ނުގުޅައެވެ. ނަބީލްވެސް ނިންމީ ދެން އާނާއަށް ނުގުޅުމަށެވެ.

އާނާ އާއި ނަވާލް އުޅެމުން އައީ ވަރަށް އުފަލުގައެވެ. ނަވާލް އަކީ ރާއްޖެތެރޭ ރަށެއްގެ ކުއްޖެއް ކަމުން މާލެ އަންނަނީ ވަރަށް މަދުންނެވެ. ނަވާލް ވަޒީފާއަކަށް ނުދާތީ އޭނަގެ ހުރިހާ ޚަރަދެއް ހިފެހެއްޓީ އާނާއެވެ. ނަވާލް އާނާއަށް ވަރަށް ރަގަޅެވެ. ވަރަށް ކެއާ ކުރެއެވެ.  މިހެން އުޅޭތާ ތިންމަސް ފަހުން އާނާ ބޭނުންވީ ކައިވެނިކުރާށެވެ. ނަމަވެސް ނަވާލް ބޭނުމީ ފުރަތަމަ ވަޒީފާއެއް ލިބި ހަމަޖެހިގެން ކައިވެނިކުރާށެވެ.

އާނާ ނަވާލްއަށް ސަޕްރައިޒްއެއް ދޭންވެގެން އެރަށަށް ދިޔައީއެވެ. ދާ ވާހަކަ އެކަކު ކައިރީވެސް ނުބުނެއެވެ. އާނާގެ އެންމެ ގާތްއެކުވެރިޔާ ސަރާ އާނާ އެކުގައި ދިޔައެވެ. އާނާއަށް ނަވާލްގެ ގޭގެ އެޑްރެސް އެގޭތީ ޓެކްސީއަކުން އެގެޔަށް ދިޔައީއެވެ.

“އައްސަލާމް އަލައިކުމް” ގޭގެ ދޮރާށި މަތީގައި ހުރެ އާނާ ސަލާން ގޮވާލިއެވެ.

” ވައަލައިކުމް ސަލާމް” އެތެރެއިން ނުކުތް އަންހެނަކު ސަލާން ބަލައިގަތެވެ. ހީވާ ގޮތުން އެއީ ނަވާލްގެ މަންމައެވެ.

“ކޮންކުއްޖެއް؟”

“އަހަންނަށް ކިޔަނީ އާނާ. މީ ސަރާ. ނަވާލް އުޅުއްވާތޯ؟” އާނާ ނަވާލްގެ މަންމައާ ވާހަކަ ދެއްކިއެވެ.

” ވަދެ އިށީނދޭ! އެބައަންނަން ނަވާލްއަށް ގޮވާލާފަ.” ސިޓިންރޫމްގެ ސޯފާގައި އާނާމެން ބައިތިއްބާފައި މަންމަ ނަވާލްއަށް ގޮވަން ދިޔައެވެ.

“އާނާ. ވަޓް އަ ސަޕްރައިޒް!” ނަވާލް އުފަލުން އައިސް އާނާގެ ގައިގައި ބައްދައިގަތެވެ. ކައިރީގައި ހުރި ސަރާ ކަރުކެހިލިއެވެ.

” މަންމާ! މީ އާނާ. އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާ.” މަންމައަށް އާނާ ތައާރަފްކޮށްދިނުމުން ނަބީލްގެ މަންމަ ހުރީ ވަރަށް އުފާވެފައެވެ.

“ހަމަ ރަގަޅަށްތަ ދަރިފުޅާ. މަންމަ ހާދަ އުފާވޭ ތިކަހަލަ ރަގަޅު ކުއްޖެއް ނަވާލްގެ ހަޔާތަށް އައީމަ. މަންމަގެ ހިތަށް އެބަ އަރައޭ އަނެއްކާ ކިހިނެއްހޭ މިވަނީ މަގޭ ދަރިއަށް. ރައްޓެހިންނާއެކު ރަށުތެރޭ އެބުރޭ ކުއްޖަކު އަބަދު ގޭތެރޭ އޮންނާތީ އާއި ވަޒީފާއެއް ހޯދަން އެވަރަށް މަސައްކަތްކުރާތީ މަންމަ މިހުންނަނީވެސް އަހަން ކިހިނެއްވީހޭ! މީދޯ މިއައި ބަދަލަކީ.” މަންމަ މިހެން ބުނުމުން ނަވާލް ލަދުރަކިގޮތަކަށް ހީލަމުން ބޯކަހާލިއެވެ.

އާނާ ހުރީ ނަވާލްމެންގޭގައެވެ. އެރަށަށް ދިޔައީ ހަފްތާއަކަށް ޗުއްޓީ ނަގައިގެންނެވެ. ދެދުވަސް ނިމިގެން ދިޔައީ މަޖާކުރުމުގައެވެ. ނަވާލްގެ މަންމަ އާނާއާ ވަރަށް ރުހި ގަބޫލެވެ. ސަރާވެސް އާނާމެންނާ އެކީ އެމީހުންދާ ކޮންމެތަނަކަށް ގެންދެއެވެ. ސަރާ އަކީ އެރަށަށް ބީރައްޓެހި ކުއްޖަކަށް ވީމަ އެކަނި ނުކުރަންވެގެންނެވެ. މިހެން އުޅުމުގެ ތެރޭގައި ނަވާލް ސަރާއާ ވަރަށް ގާތް ގުޅުމެއް ބާއްވާކަން އާނާއަށް ފާހަގަކުރެވުނެވެ.

“ނަވާލް! އަހަރެން އެހާ ހިތަހަމް ޖެހޭ ކަމެއްނޫން ނަވާލް ސަރާއާ އެހާ ކްލޯސްކޮށް އުޅުމަކީ.” އެންމެ ފަހުން އާނާ ނަވާލް ކައިރީ ބުނެލިއެވެ.

“އާނާ! އަހަރެން މިހުންނަނީވެސް ތިވާހަކަ އާނާ ކައިރީ ދައްކާނެ ގޮތެއް ނޭގިފަ.” ނަވާލް ބުނެލިއެވެ.

“ކީކޭ ތިބުނީ! ނުވިސްނުނު!”

އާނާއާއި ނަވާލް ތިބީ ގޭގެ ބޭރުގައި ހުރި ޖޯލިފައްޗެއްގައެވެ. ސަރާ ނިދާށޭ ކިޔާފަ އެތެރެޔަށް ވަނެވެ. ސަރާ ވަނުމުން އާނާ މިވާހަކަ ފެށީއެވެ.

ނަވާލް ޖޯލިން ތެދުވެ ދުރަށް ޖެހިލިއެވެ.

” އަހަރެން ސަރާ ދެކެ ލައިކްވޭ. މިހާރު ލޯބި..”

“ހުއްޓާލާ!” ނަވާލްގެ ވާހަކަ މެދުކަޑާލަމުން އާނާ ބުނެލިއެވެ.

” ލޯބި އޭ! ނަވާލް. މީ ކުޅޭ ކުޅޭ ކުޅިވަރެއްތަ. ހިތަންއެރީމަ ލޯބިވެފަ ހިތަން އެރީމަ ގުޅުން ކަޑާލަން.” އާނާ ރުޅިގަދަވިއެވެ.

” ނަވާލް. އަހަންނަށް ތިހެންނަހަދާ! އަހަރެން ނަވާލްދެކެ އިންތިހާއަށް ލޯބިވޭ. ނަވާލްއަށްޓަކާ އަހަރެން މިހިރީ ކޮންމެ ގުރުބާނީއެއްވެސް ވާން ތައްޔާރަށް. އަހަންނަށް ތިހެންނަހަދާ!” އާނާ ފަހުން ދެރަވިއެވެ.

“އާނާ! ސޮރީ. އެކަމަކު އަހަރެން މިހާރު އާނާ ދެކެ ލޯބި ނުވޭ. އަހަރެން ލޯބިވަނީ ސަރާ ދެކެ.” ނަވާލް މިހެން ބުނެފައި އެތެރެޔަށް ވަދެގެން ދިޔައީއެވެ.

އާނާ ރޮމުން ގޮސް ކޮޓަރިއަށް ވަންއިރު ސަރާ އޮތީ ފޯނުން ޓިކްޓޮކް ބަލާށެވެ. އާނާ ރޮމުންގޮސް ފާޚާނާއަށް ވަނުމުން ސަރާ ވަރަށް ކަންބޮޑުވިއެވެ. އާނާ ނުކުންނަންދެން ސަރާ އޮތީ ނުނިދައެވެ. ގާތްގަޑަކަށް ފަނަރަ މިނިޓް ވީއިރުވެސް އާނާ ނުނުކުތުމުން ސަރާ ގޮސް ފާޚާނާ ދޮރުގައި ޓަކިޖަހަން ފެށިއެވެ. އާނާ ދޮރު ނުހުޅުވިއެވެ. ސަރާ ދިޔައީ ނަވާލްއަށް ގޮވާށެވެ. ނަވާލް ފާޚާނާ ތަޅުދަނޑި ހިފައިގެން އައިސް ހުޅުވާލުމުން ސަރާ އާ ނަވާލްއަށް ލިބުނީ ޝޮކެކެވެ.

” އާނާ!” ސަރާއަށް ރޮވުނެވެ.

(ނުނިމޭ)

  1. ަގުލާބު ޖާން

    މީ ވަރަށް ރީތި ވާހަކަ އެއް…. މި ވާހަކަ ލިޔާ ކުއްޖާ ވަރައް މޮޅު…. ށާބަހޭ… މި ވާހަކަ ހަބޭސް