މުޙައްމަދު ތަކުރުފާނު ޕޯޗުގީޒުން އަތުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ކުރެއްވި ޖިހާދަށް ފިލްމެއް އުފައްދަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ވަނީ ނިންމާފައެވެ.
ޤައުމީ ދުވަސް ފާހަގަކުރުމަށް، ހއ. އުތީމުގައި ބޭއްވި ޚާއްސަ ޖަލްސާގައި ފިލްމެއް ތައްޔާރުކުރަން ނިންމާފައިވާކަން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވަނީ އިއުލާންކޮށްފައެވެ. މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ގައުމީ ދުވަހަށް ފިލްމް ގެނެސްދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެފައިވާ ގޮތުގައި، ބޮޑުތަކުރުފާނުގެ ޒިކުރާ އާކުރުމުގެ ގޮތުން ތައްޔާރު ކުރެވޭ މިފްލްމަކީ އަންނަން އޮތް ޖީލުތަކަށްޓަކާ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރިވެގެންވާ ޖިހާދާއި, ގުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޒަމާނުގެ ލޯތަކަށް ޅަދަރިންނާ ހަމައަށް އެ ޖިހާދު ގެނެސްދިނުމަށްޓަކައި ފެއްތެވި ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. ފިލްމުގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށް ވިދާޅުވެ، މިމަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެދިވަޑައިގެންނެވިއެވެ.
ހޯމް މިނިސްޓަރ ހާމަކޮށްފައިވާ ގޮތުގައި، އެމަނިކުފާނު، 5 ފަހަރު ބޮޑުތަކުރުފާނު ވާހަކަ ވިދާޅުވެފައިވެއެވެ. އަދި ކޮންމެ ފަހަރަކުމެ ވިދާޅުވަމުން ގެންދަވާ އިރު އެ ކުރެއްވި ބޮޑު ޖިހާދުގެ ވަރުގަދަ ގުރުބާނީގެ އާ ވިސްނުންތަކެއް އާ އިހުސާސްތަކެއް ކުރެއްވޭކަމުގައި ފާހަގަކޮށްފައި ވެއެވެ.
ބޮޑުތަކުރުފާނުގެ ހަނދާނުގައި އުފައްދާ މިފިލްމް ޑައިރެކްޓް ކުރަނީ ޑައިރެކްޓަރު އަޝްހަރު ވަހީދު ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.