ކޮލަމް
ތިނަދޫ ގައި ކަށަވަރު ނުވާ އާބާދީއެއް!

މިއީ އަޖައިބުވާ ވަރު ސުވާލެކެވެ. މި ސުވާލުގެ ޖަވާބު އިނގޭ މީހަކު މި އުޑު ހިޔަލު ދަށުގައި ނެތޭ ބުނުމުން އެ ވާނީ މަޖާ ހެއްވާ ކަމަކަށެވެ.
ޖަޒީރާ ކުދި ކުދި ރަށް ތަކެއްގެ ތެރޭގައި ހިމެނޭ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ގައި ދިރިއުޅޭ މީހުންގެ އަދަދެއް, ރަޖިސްޓަރީ ވެފައި ތިބި ބައެއްގެ އަދަދެއް ސައްޙަކަމާއެކީ ބުނެލަން އިނގޭ އޮފީހެއް ހޮސްޕިޓަލެއް ތިނަދޫ ގައި ނެތްތާ މިރާއްޖޭގައި ވެސް ނެތުމަކީ ބޮޑު ޖޯކެއް ނޫންތޯއެވެ. އެ އަދަދު ޔަގީން ވާނެ ހެން ލިޔެފައި ފޮތެއް، ގަނޑެއް ނުވަތަ ފެންނާން ހުރި ސިސްޓަމެއް ނެތް ކަމަށްބުނުމަކީ ސުވާލު މައްޗަށް ސުވާލު އުފެދި ގެންދާ ކަމެކެވެ.

ދާދި ފަހުން ތިނަދޫގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރު ކުރުމަށް ތިނަދޫ ކައުންސިލުން ބޭއްވި ކްލަބް ހައުސް ބައްދަލުވުމެއްގައި ތިނަދޫ ދެކުނު ދާއިރާ ގެ މެމްބަރުން ޢަބްދުﷲ ސަނީފް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދާ އިރު ރަށުގެ އާބާދީގެ ސާފް ޢަދަދު ވެސް ސައްޙަ ކަމާއެކު އިނގެންވެއްޖެ ކަމަށާއި ފިނޭންސް މިނިސްޓްރީން ބަޖެޓް ހަދާ އިރު ފެންނަން އޮންނަނީ 4500 ވަރަކަށް މީހުންގެ އާބާދީ އެއް އޮންނަ ކަމަށެވެ. ނަމަވެސް ތިނަދޫ ގައި ރައްޔިތުންގެ މަޖްލިސް ތަމްސީލު ކުރައްވާ 2 މެމްބަރުން ތިއްބަވާ ކަމަށާއި 2 ވަނަ މެމްބަރު އިތުރު ވީ އާބާދީ 5000 އަށް ވުރެ އިތުރުވެގެން ކަމީ ޔަޤީންވާ ކަމެއް ކަމަށެވެ.

މެމްބަރު މި ވިދާޅުވާ ވާހަކަފުޅަކީ ތެދުފުޅިއެއް ކަމަށް ވަނީ ނަމަ ތިނަދޫ އަށް ބަޖެޓް ކަނޑައެޅިގެން އަންނަ ގޮތާ ޢަދަދާ މެދުވެސް ސުވާލު އުފެދެއެވެ.
އެހެން ދިމާއަކަށް އެނބުރިލާއިރު ކޮވިޑް-19 ގެ ވެކްސިން ޖެހުމުގެ ޢަދަދު ހުރީ ކިހިނެއްތޯ ބަލައިފައި ނަމަ އެ ވިދާޅުވާ އާބާދީ ގެ އަދަދު އެނގި ދާނެތޯޗެކެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 4576 މިހުންކަމަށް ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ރިޕޯޓް ތަކުން ދައްކައެވެ. ބާކީ ނުޖެހި ހުރި މީހުންގެ އަދަދު އެނގުމުން އާބާދީ ގެ ޖަވާބު އެންގުނީތާއެވެ. ނޫނެކެވެ. އެކަމެއް އެތާކުން ވެސް އިނގޭ ކަށްނެތެވެ.

ތިނަދޫ ގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ބާކީ ތިބި މީހުންގެ ސީދާ އަދަދު ނޭގޭ ކަމަށާއި އާބާދީ ގެ އަދަދުތައް އިނގޭ ލިސްޓެއް ނެތް ކަމަށެވެ. ވެކްސިން ޖެހުމުގައި ހަރަކާތްތެރިވާ ތިނަދޫ ޕަބްލިކް ހެލްތުގެ އިސް ބޭފުޅަކު ވިދާޅުވީ އާބާދީ ގެ ސީދާ އަދަދު އިނގޭ ލިޔުމެއް ނުވަތަ ލިސްޓެއް ނެތުމުން ތިނަދޫ ގެ އާބާދީ ގެ ވެކްސިން އިންސައްތަ ހަދަން ނޭގޭ ކަމަށާއި ކިތަންމެ ވަރަކަށް ރަށު ތެރޭގައި އިޢުލާން ކޮށް އާދޭސް ކުރަމުން ވެސް ވެކްސިން ޖަހަން އަންނަނީ މަދު ބައެއް ކަމަށެވެ. ނަމަވެސް އޭނާ ބުނީ މީހުން އައުން ހުއްޓުމަކަށް އަދި އައިސްފައި ނުވާ ކަމަށެވެ.

މި ލިބުނު މައުލޫމާތައް ބަލާއިރު ވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އާބާދީ އޭ ކިޔައިގެން އިވޭ އަޑު ތަކާ ދިމާ ނުވެއެވެ.
މި މައްސަލަ މިހެން އޮތް ކަމުގައި ވަނީނަމަ ދެން އެންމެ ރަނގަޅު ވާނީ ރަށުގެ ބެލެނިވެރި ފަރާތުން އެހިއްޔާއެވެ.

ތިނަދޫ ރައީސް ސައުދު ޢަލީ ވިދާޅުވީ މެމްބަރު ސަނީފް ދެއްކެވި ވާހަކަވެސް އަޑު އެހި ކަމަށާއި ސައްޚަ އާބާދީ އެނގުމުގައި މެމްބަރު ސަނީފް އެ ފާހަގަ ކުރެއްވި ގޮތަށް ސުވާލު އުފެދޭކަމަށެވެ. ސައުދު އިތުރަށް ވިދާޅުވީ ދެކެވޭ ވާހަކަތަކުގައި ކުރީގެ ވެރިންނާއި މީޑިއާ ތަކުން ތިނަދޫގައި ދިރިއުޅޭ އާބާދީ އަކީ 12000 ކަމަށް ބުނަމުން ދާކަމަށެވެ. އަދި ތިނަދޫގެ ރަޖިސްޓަރީ އިން އެހެން ރަށްރަށަށް ބަދަލު ވެފައިވާ މީހުންނާއި ތިނަދޫ ގައި ދިރިއުޅޭ ބިދޭސީންނާއި ބީރައްޓެހިން އުނި ކޮއްފިނަމަ ތިނަދޫގެ އާބާދީ އަކީ 8700 ކަމަށް ވެސް ބުނެ އުޅޭކަމަށެވެ. އެހެން ކަމަށް ވާނަމަ އަދި މި އެނގެނީ ސައްޚަ އަދަދެއް ކަމަށް ޔަޤީން ނުވެއެވެ.

ކޮންމެއަކަސް މިއީ ވިސްނާލަން މަޖުބޫރު ކުރުވާ މުހިންމު ވާހަކަ އެކެވެ. ރަށެއްގައި ބަޔަކު ވަޒަންވެރިވެ ދައުލަތެއްގެ ހިޔަލުގައި ދިރިއުޅޭ ކަމަށް ވާނަމަ އެތަނުގައި ދިރިއުޅޭ އާބާދީގެ ތަފްސީލު އިނގެން ޖެހޭ ސަރުކާރުގެ މަވައްސަސާއެއް ހުންނަން ޖެހޭނެއެވެ. އަހަރުން އަހަރަށް ބޯ ނުހިމެނި ނަމަވެސް އެ ރަށެއްގެ އާބާދީ ތެރޭގައި ދިރިއުޅޭ ބަޔަކު އިނގެން ޖެހެއެވެ. އާބާދީ އިން އުނިވާ ބަޔަކާ އިތުރުވާ ބަޔަކު އިނގެން ޖެހެއެވެ. ރަށާ ބެހޭ ހުރިހާ މައުލޫމާތެއް “އެއް ބަޓަނަކުން” ތަފްޞީލް ވާން ޖެހޭނެއެވެ. ދުރުން ނަޒަރެއް ދީފައި ބިދޭސީން އެއްވަރަށޭ މިވެނި ބަޔަކު މިވަރަށޭ ބުނެލައިގެން ތިބުމަކީ އޭގެ ފަހަތުން އެތައް އުނދަގުލަކާ ދުއްތުރާ ތަކެއްވެ “އޮޅުންބޮޅުން” ވެގެން ދާނެކަމެކެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް ގުޅާލިޔަސް އެރަށެއްގެ އާބާދީ ގެ މައުލޫމާތު ސައްޚަކަމާއެކު ލިބެއެވެ. ހުވަދު އަތޮޅުގެ ވެސް ތިނަދޫ ފިޔަވާ އެހެން ހުރިހާ ރަށެއް މި ދަންނަވާ ކަމުގައި މައްސަލައެއް ނޫޅެއެވެ.

ތިނަދޫ ކައުންސިލުގެ ރައީސް އާއި ކޮށްލި ސުވާލު: ރަށުގެ އާބާދީ ޖުމްލަ ތަފްސީލެއް ނެގުމަށް ނުވިސްނަވަންތޯއެވެ؟

” އަބާދީގެ ތަފްސީލު ސައްޙަ ކޮށް އެނގެން ނެތުމުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތި ވޭ. އެހެންކަމުން އެކަން ބަލައި ޔަޤީން ކުރުމަށް ސާރވޭ އެއް ހަދަން ޖެހޭ. އެކަން ލަސްނުކޮށް ފައްޓާނަން. އަދި ރަށުގެ އިތުރު މަޢުލޫމާތު ވެސް އެކުލަވާލާނެ ” – ތިނަދޫ ރައީސް ސަޢުދު އަލީގެ ޖަވާބު

ތިނަދޫ ރައީސް ސަޢުދު އެ ވިދާޅުވާ ކަމަކީ މާދަމާ އަށްވެސް ލަސްކޮއްފައި ބާއްވައިގެން ފަރުޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެކަން ބެލެހެއްޓި “ޑިޖިޓަލް ކުރެވިފައި” އޮތް ނަމަ ކުޑަ މިނުން ކޮވިޑް-19 އަށް ޖަހަމުން މިދާ ވެކްސިން “ޖެހި ނުޖެހި” ބަޔަކު ވެސް އެނގި އެކަމުގައި މަސައްކަތް ކޮށްލަންވެސް ކިހާ ފަސޭހަ ވާނެ ތޯއެވެ. މިއަދު އުޅެން މި ޖެހެނީ ތިނަދޫ ގެ އާބާދީ ސީދާ އަދަދު ކަށަވަރު ނުވެގެންނެވެ. ރައްޔިތުން ތިބީ 1200 ކިޔައިގެންނެވެ. ފޮތުގައި އެ އަދަދު ނެތެވެ. އަދި ކިއެއްތަ, ގޮތުގައި މިއީ 10000 އާބާދީ ހަމަވެގެން “ތިނަދޫ ސިޓީއެއް” ވެސް ނޫނެވެ.

  1. ޢިބޫ

    ކިހިނެއް ކުޑަ ކުދިން އިގޭނީ ތި ވެކްސިން އައް ބަލާގެން، ބޯހިމަނަން ޖެހޭނީ!

  2. ޖޯން

    ތިނަދޫ މީހުންނަކީ އަމިއްލަ އެދުމާއިގެން އުޅޭބަޔެއް.މިހާރުވެސް ތިނަދޫ ކޮންމެ ރައްޔިތަކަށް އެލަވަންސެއްދޭން ހަމަޖައްޔާ ނަންނޯޓް ކުރަން އުޅެބަލަ.އެއިރުން ހިސާބު ކިތާބު އިނގޭނެ.

  3. ޢަދުުނާނު

    ރަށުގައި ދިރިއުޅޭ މީހުންގެ ޢަދަދާ،، ރަށު އާބާދީގެ ޢަދަދު އެއީ ދޭއްޗެއްތާ؟

  4. ޚިޑޯ

    ތިނަދޫގެ ނަން ސަދޫމް ސިޓީއަށް ބަދަލުކޮށްލާ.

  5. ޢަލީ

    ޑީއެންއާރ އިން ލިބޭނެ މިހާރު ކޮންމެ ކުއްޖަކަށްވެސް އޮންނާނީ އައިޑީ ކާޑު ހައްދާފަ

    • އަލީ

      ވަރަށް ހެޔޮ ވާހަކައެއް

      • ށަވިޔަނި

        ގައިމުވެސް ވޯޓުލެވޭ ޢުމުރު އެނގޭތާ. އެވަރުން ބަޔަކަށް ފުދޭވިއްޔާ