ކޮލަމް
ދަރިން ތަރުބިއްޔަތު ކުރުމާއި، މުޖްތަމަޢުއާ ހުރި ގުޅުން

ކުއްޖާގެ އުޅުމާއި އަޚްލާގު އަދި ވިސްނުމާއި، އިޙްސާސްކުރެވޭ ގޮތްތަކާއި، އަމަލުތައް ގެންގުޅޭނެ ގޮތްތައް ކަނޑައެޅި ތަރައްގީވަނީ ކުއްޖާގެ އުމުރުން 5 އަހަރާއި 6 އަހަރާއި ދެމެދު ކަމަށް ވުމާއެކު ދިރިއުޅޭ މާހައުލުން އެކުދިންނަށް ރީތި ނަމޫނާ ނުދެއްކޭނަމަ އެކުދިންގެ މުޅި އުމުރަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެއެވެ. އެއްތަނެއްގައި ދިރިއުޅޭ އެންމެނަކީ އެއް މުޖުތަމައެކެވެ. އެހެންކަމުން އެބަޔަކު ދިރިއުޅޭ މާހައުލުން ފެންނަ ކަންތައްތަކާއި އިވޭ އަޑޫތަކުން އެމާޙައުލެއްގައި ބޮޑެތިވަމުންދާ ކުޑަކުދިންނަށް އަސަރުކުރާނެކަން ކަށަވަރެވެ. ރަނގަޅު ތަރުބިއްޔަތަކީ ރަނގަޅު ޖީލެއް ބިނާކުރުމުގެ އެންމެ މުހިންމު އަސާސް ކަމުގައި ވާއިރު، މައިންބަފައިންނާއި، ސްކޫލް، މަދަރުސާ އަދި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅުންހުރި އެންމެހާ ފަރާތްތަކުން އެދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ހާއްސަކޮށް އިސްލާމީ ތަރުބިއްޔަތެއް ދެވޭނަމަ މުޖުތަމަޢުން “ކުށް” މަދުވާނެކަން ޔަގީނެވެ.

ދަރިން ދީނަށް ލޯބިޖެއްސުމަށްޓަކާ ދަރިންނަށް ފެންނަ ހިސާބުގައި މައިންބަފައިން ނަމާދުކޮށް، ޤުރުއާން ކިޔަވާނަމަ ދަރިން ދީނީ ކަންތައްތަކަށް ދޭ ސަމާލުކަން އިތުރުވާނެއެވެ. އަދި ހަމައެހެންމެ ދަރިން ކުރިމަތީގައި ރުޅިވެރިކަމާއެކު އަދަބު ކުޑަކޮށް ކަންތައްކުރާނަމަ އެމަންޒަރު ފެންނަ ކުއްޖާ އެކަން ދަސްކޮށް އަމަލުކުރާނެ ކަމުގައި ދިރާސާތަކުން ދައްކައެވެ. އެހެން ކަމުން ކުއްޖަކު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް މައިންބަފައިން، އިސްލާމީ ރިވެތި އުސޫލުތަކަށް ތަބަޢުވެ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެނގެއެވެ. އެއާއެކު ކުދިންނަށް ގޭތެރެއިން މިފަދަ ރަނގަޅު ނަމޫނާ ދެއްކުމުގައި އިހުމާލު ވެވޭނަމަ އެކުދިން ދީނީ ކަންތައްތަކަށް ސަމާލުކަންދިނުން ކުޑަވާނެއެވެ. ކުޑަކުދިން ދިރިއުޅޭ މާހައުލުގައި ހިގާ ކޮންމެ ކަމަކާއި، އަންނަ ކޮންމެ ބަދަލަކީ އެކަމުގެ ހެޔޮ އަސަރާއި، ނުރަނގަޅު އަސަރު ސީދާކޮށް ނުވަތަ ނުސީދާކޮށް ފޯރާނެ ކަމެކެވެ. ހަމައެހެންމެ ކުއްޖާގެ ތަރުބިއްޔަތު އެތައް މާޙައުލެއްގައި، އެތައް މަރުހަލާއަކަށް ބެހިގެން ގޮސް ގެއާއި، އެދުރުގެތަކާއި، ދިރިއުޅޭ ރަށާއި، މަގުމަތީގެ މާހައުލަކީ ތަރުބިއްޔަތަށް އަސަރުކުރުވަނިވި ތަންތަން ކަމުގަިއ ވާކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

މަގުގެއްލިފައިވާ ޒުވާނުންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭ ކުދިން އެޒުވާނުންގެ އުޅުން ކޮޕީ ކުރާނެއެވެ. ތިމާއަށްވުރެ ބޮޑެތި މީހުން ގަވާއިދާއި، ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ނުހިތާނަމަ އެމަންޒަރު ފެންނަ ކުޑަކުދިން، ޤަވާއިދާއި ގާނޫނުތަކަށް އިޙްތިރާމް ނުކުރާނެއެވެ. އެހެންކަމުން ކުޑަކުއްޖަކު ފުރިހަމަ ތަރުބިއްޔަތާއެކު ޒިންމާދާރު މީހެއްގެ ގޮތުގައި ބޮޑު ކުރުމަށް، އެކުއްޖެއްގެ ވަށައިގެންވާ މާހައުލަކީ އަޚްލާގު ރަނގަޅު ބަޔަކު ދިރިއުޅޭ މާހައުލަކަށް ވާންޖެހެއެވެ.

ކުދިންނާއެކު މައިންބަފައިންނަށް ވަގުތު ހޭދަނުކުރެވުން

ކުޑަކުއްޖަކަށް ލިބޭ އެންމެ އުފާވެރި ހިތްހަމަޖެހޭ ވަގުތަކީ އެކުއްޖެއްގެ މައިންބަފައިންނާއެކު ހޭދަކުރާ ވަގުތެވެ. ނަމަވެސް ކުދިންނަށް ރަނގަޅު ތަޢުލީމަކާއި، އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކާ، އެކަށީގެންވާ އާމްދަނީއެއް ލިބޭނެފަދަ ވަޒީފާއެއް އަދާކުރުމަކީ ކޮންމެ ދެމަފިރިއެއްގެވެސް ޢަޒުމަކަށްވެއެވެ. އެހެންކަމުން ދެމަފިރިން ވަޒީފާ އަދާކުރަންޖެހޭ ޙާލަތްތަކުގައި އެމީހުންގެ ދަރިންބެލުމާއި، ޙަވާލުވަނީ ބިދޭސީއެކެވެ. ދަރިން ބެލުމަށް ހަވާލުކުރެވޭ މިފަދަ މީހުންނަކީ ގިނަފަހަރަށް އަވަށްޓެރި ގައުމުތަކުން ވަޒީފާއެއް ހޯދުމަށް އަންނަ ޣައިރު މުސްލިމުންނެވެ. އިސްލާމީ ރިވެތި އާދަކާދަ ނުދަންނަ ބަޔަކާއި ހަވާލުކޮށްގެން ދަރިންނަށް އިސްލާމީ ރަނގަޅު ތަރުބިއްޔަތެއް ނުދެވޭނެއެވެ.

ކުއްޖާ ބަލަހައްޓަނީ ބިދޭސީއެއްކަމުގައިވާނަމަ އެކުދިންނަށް ދަސްވަމުންދާނީ އިސްލާމީ ރިވެތި އަޚްލާގުގެ ބަދަލުގައި އެކުއްޖަކު ބަލަހައްޓާ މީހެއްގެ ދީނާއި، ސަގާފަތެވެ. މިއީ އިސްލާމްދީނާއި، ދިވެހި ސަގާފަތަށް ކުއްޖާ ބީރައްޓެހިވާ ސަބަބަކަށް ނުވާނެހެއްޔެވެ؟ އެހެންކަމުން މިގޮތަށް ބިދޭސީންނާ ދަރިންގެ ހުރިހާ ޒިންމާއެއް ހަވާލުކުރުމަކީ އެކުދިންނަށް ދޭންޖެހޭ މައިންބަފައިންގެ ލޯތްބާއި އިސްލާމީ ތަރުބިއްޔަތު ދިނުމުގައި ބެލެނިވެރިންނަށް ވެވޭ އިހުމާލަކަށް ނޫނީ ނުވާނެއެވެ.