ސިނަމާލެ ބްރިޖް ހައިވޭ ސަރަޙައްދުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން އެކްސިޑެންޓެއް ހިނގައި، ދުއްވަން އިން މީހާއަށް އަނިޔާ ވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި، ހައިވޭގެ ހަތަރުވަނަ ލޭން ހިމެނޭ ސަރަހައްދުންނެވެ.
ފުލުހުން މަޢުލޫމާތުދީފައިވާ ގޮތުގައި އެކްސިޑެންޓް ވެފައިވަނީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ. އަދި އެކްސިޑެންޓް ރިޕޯރޓް ކުރެވުނީ ރޭ 7:45 ހާއިރުކަމަށެވެ. ފުލުހުން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އެކްސިޑެންޓްވި ޒުވާނާއަށް ލިބިފައިވާ އަނިޔާތަކަށް ޓްރީޓޮޕްގައި އަންނަނީ ފަރުވާ ދެމުންނެވެ.
މީގެ ދެދުވަސް ކުރިން ވެސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ދުއްވާފައި ދިޔަ ދިރާގުގެ ކާރެއް ކޮންޓްރޯލް ނުވެ، ވޯކްވޭ މައްޗަށް އަރައި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައި ވެއެވެ.