މަޢުލޫމާތު
އިއްދައިން ކެނޑުމަށް ފަހު ކުރިމަތިވާ އުދަގޫތަކުން ސަލާމާތްވާނީ ކިހެނެއް؟

އުމުރުން ދުވަސްވެ، ވަކި ހިސާބަކަށް ދިއުމުން އަންހެނުންނަށް މައްސަރު ކަންތައް ހުއްޓި، އެމީހުންގެ ކިބައިގައިވާ ދަރިމައިވުމުގެ ކުޅަދާނަކަން ގެއްލި ދެއެވެ. އެއާއެކު ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް ގެނުވައި އުދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. ބައެއް އަންހެނުންނަށް އިއްދައިން ކެނޑުމަކީ ތިމާގެ އަންހެން ވަންތަކަން ގެއްލި ދިއުން ކަމުގައި ސިފަކުރެވޭގޮތް ވެއެވެ. އަދި އެއީ ބައްޔެއް ކަމުގައި ބެލެވެން ފަށައެވެ. ނަމަވެސް މިއީ ކުށްހީ އެވެ. އެހެނީ މިއީ ތަބީޢީ ގޮތުން އުމުރުން ދުވަސްވުމުން އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކެކެވެ. ފަހަރެއްގައި ވެސް ކުރިމަތިވާ ބައްޔެއް ނޫނެވެ.

އިއްދައިން ކެނޑުމަށްފަހު ކުރިމަތިވާ އުދަގޫތައް ނުވަތަ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔައިދީ އެއީ ތަބީއީ ކަމެއްކަން އަންހެނާއަށް ވިސްނައިދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެއީ ކޮންމެ އަންހެނަކަށް ވެސް ކުރިމަތިވާ ދުވަސްވަރެއްކަން އަންގައިދީ ވިސްނައިދެވިދާނެއެވެ.

އިއްދައިން ކެނޑުމަކީ އަންހެން ވަންތަކަން ގެއްލިގެން ދިއުން ނޫންކަން އަމިއްލަ ނަފުސަށް ވެސް ގަބޫލުކުރަންވާނެއެވެ. ގިނަ ފަހަރު މިގޮތަށް ބުނެކިޔައިދީ ހެދުން ފަރުވާ އަކަށް ފުދެއެވެ. އިއްދައިން ކެނޑުމަށް ފަހު ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރަން އާދަކުރަން ވާނެ އެވެ. ޚާއްޞަކޮށް ވިޓަމިން ޑީ ހިމެނޭ ކާނާގެ ބާވަތްތައް ގިނަކުރަންވާނެ އެވެ. ކަޅުސައި، ކޮފީ، އަދި ކޯލާ ފަދަ ބުއިންތަކާއި ދުރުހެލިވާށެވެ. އެއީ މިފަދަ ބުއިންތަކުގެ ސަބަބުން ނާރުތަކުގެ ނިޒާމް ހީވާގިވެ، ނިދިނައުމާއި، ހިތްހަމަނުޖެހުން ފަދަ ކަންތައްތައް މެދުވެރިކުރުވާތީ އެވެ.

މީގެ އިތުރުން ކޮންމެވެސް ކުޅިވަރެއް ކުޅުމަށް ނުވަތަ ލުއި ކަސްރަތެއް ކުރުމަށް އާދަކުރާށެވެ. ކޮންމެ ދުވަހަކު ވެސް ބޭރަށް ނިކުމެ، ހިގާލުމަކީ ހަށިގަނޑަށް ފައިދާހުރި ކަސްރަތެކެވެ. އެކަމުގެ ސަބަބުން ހަށިގަނޑު ހީވާގިވެ، ކާހިތްވެ، ފަސޭހަ ކަމާއި އެކު ނިދުމަށް އެހީތެރިވެދެއެވެ. ހޫނު އެރުމުން ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށްޓަކައި ނިދާކޮޓަރި ފިނިކޮށް ބެހެއްޓުން، ގަޔަށްދޫ އަދި ކަފަ ބޭނުންކޮށްގެން ހަދައިފައި ހުންނަ ހެދުން ބޭނުންކުރުން، އަދި ހޫނު އަރާން ފެށުމުން ފިނިބުއިން ބޭނުންކުރުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ.

ބައެއް ކަހަލަ އުދަގޫތަކަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ލިބިގަންނަށް ޖެހެއެވެ. މިގޮތުން ޑަކްޓަރުން ބައެއް ފަހަރު ”އެސްޓްރަޖަން” ހޯރމޯންގެ ފަރުވާގެ ގޮތުގައި ހަށިގަނޑަށް ފޮނުވައެވެ. މިހޯރމޯން ފަރުވާގެ ގޮތުގައި ބޭނުންކުރުމުން ހޫނު އެރުން، ކުޑަކަމުދާ ނިޒާމްގެ މައްސަލަތަކާއި، އަންހެނާގެ ޖިންސީ ގުނަވަނުގައި ހިރުވައި ކެހުމުން އުފެދޭ އުދަގޫތައް ކުޑަކޮށްދޭ ކަމުގައި ބުނެއެވެ.