ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ވަޒީފާގެ މަސްއޫލިއްޔަތު އަދަކުރެވެން ނެތްކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސްކަމުގެ މަޤާމުން މުޙައްމަދު ހަމްދޫން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވިކަން އަންގާ ލިޔުނު ސިޓީގައި ހަމްދޫނު ބުނެފައިވަނީ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ވަޒީފާގެ މަސްއޫލިއްޔަތްތައް އަދާކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެމްޖޭއޭގެ ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން އެކަށީގެންވާ ވަގުތު ހޭދަކުރެއްވެން ނެތްކަމަށެވެ.
އެމަޤާމަކީ ފުލްޓައިމް އަދާކުރަންޖެހޭ ވަޒީފާއަކަށް ވުމައި ގުޅިގެން މިވަގުތުގެ ހާލަތު ނިޔާކުރާ ގޮތުން އެވަރަށް ވަގުތު ދެވެން ނެތްކަމަށް ހަމްދޫނުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ވޭތުވެދިޔަ މުއްދަތުގައި އެމްޖޭއޭގެ މެންބަރުން އޭނާއަށް ދެއްވި އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އެމްޖޭއޭގެ ރައީސްކަމަށް ހަމމްދޫން އައްޔަން ކުރެވުނީ 2020 ވަނަ އަހަރު ސެޕްޓެމްބަރ 5 ވަނަ ދުވަހުގައެވެ. އަދަދު ނޫހުގެ މެނޭޖިން އެޑިޓަރަކަށް އުޅޭ ހަމްދޫނު އަބަދުވެސް މަސައްކަތް ކުރަމުން ގެންދިޔައީ ނޫސްވެރިކަމުގެ ދާއިރާގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދެވޭތޯއެވެ.
މީގެކުރިން ހަމްދޫނު ވަނީ ހަވީރު ނޫހާއި، މިހާރު ނޫހުގައި މަސައްކަތް ކުރައްވާފައެވެ.