ޚަބަރު
މިދުވަސްވަރު ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފުމަކީ މަނާ ކަމެއް: އީޕީއޭ

މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ގިނަ ބާވަތެއްގެ ދޫނިތައް ހިޖުރަ ކުރާ ދުވަސްވަރެއް ކަމަށާއި އެގޮތަށް އަންނަ ދޫނިތައް ހިފައި ގޯނާ ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެ ހިޖުރަކުރާ ދޫނިތަކަކީ ”ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު“ ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެއް ކަމަށާއި ކޮންމެ އަހަރަކުވެސް މިގޮތަށް ހިޖުރަކުރާ ދޫނިތައް ހިފާ ގޯނާކުރާކަމަށެވެ. އެހެންނަމަވެސް މިފަހަރު އެގޮތަށް ހިޖްރަކުރާ ދޫނި ހިފާ ގޯނާ ކުރާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް އެޖެންސީއިން ވަނީ އަންގާފައެވެ.

ކޮންމެ އަހަރަކުވެސް މިގޮތަށް ރާއްޖެ ހިޖުރަކުރާ ދޫނިތައް ހިފާ ކަމުގެ ޝަކުވާ އެއެޖެންސީއަށް ލިބޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި އެދޫނިތަކަށް ގޯނާ ނުކުރުމަށް ނަސޭހަތްތެރިވަމުން އީޕީއޭ އިން ބުނެފައިވަނީ މިކަމާ ޚިލާފުވާ މީހުންނަށް ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

Comment