އިންޑިޔާއިން ފިލައިގެން ދިޔަ ރެފިއުޖީންގެ ބަޔަކު އަތުލައި ރާއްޖެ ސަރުކާރާ ހަވާލުކުރިކަމުގެ މައުލޫމާތު ލިބިފައިނެތްކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި އިންޑިޔާގެ ކޭމްޕްތަކުން ފިލައިގެންދިޔަ 85 މީހުން ދަތުރުކުރަމުންދިޔަ ފެރީ މޮރިޝަސް އާއި ރާއްޖެއާއި ދެމެދަށް ވަނީ ހުއްޓިފައެވެ. އަދި އެމީހުން އަތުލައިގަތުމަށްފަހު ޑިއަގޯ ގާސިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ވަނީ އެމީހުން ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ސަރުކާރުން އިންޑިޔާގެ ކަމާބެހޭ ފަރާތަށް އަދި އަވަށްޓެރި ސްރީލަންކާއަށް އަންގާފައިވާކަމަށް އިންޑިޔާގެ މީޑިޔާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ދިވެހި ސިފައިން ވިދާޅުވަނީ އެފަދަ މައުލޫމާތެއް އެމީހުންނަށް ލިބިފައި ނުވާ ކަމަށާއި މިމައްސަލައާއި ބެހޭ މައުލޫމާތު މީޑިޔާއަށް ދެއްވާނީ ފުލުހުން ނުވަތަ ހޯމް މިނިސްޓްރީން ކަމަށެވެ. ނަމަވެސް ފުލުހުންގެ މީޑިޔާ އޮފިޝަލަކަށް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވާކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އޮފިޝަލުންނާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ބުނާގޮތުން އަތުލައިގަނެވުނު ބައެއް ރެފިއުޖީންގެ އަތުގައި ސައްޚަ ޕާސްޕޯޓެއްވެސް ނެތެވެ.
އިންޑިއާ ފުލުހުން ބުނެފައިވާ ގޮތުން އެ ގައުމުގެ 108 ކޭމްޕެއްގައި ލަންކާގެ 68 ހާހަށްވުރެ ގިނަ ލަންކާ ރެފިއުޖީން އެބަތިއްބެވެ. ލަންކާ މީހުން ފިލީ މިދޔަ މަހުގެ ކުރީކޮޅުއެވެ. އެ މީހުން ކެރެލާއަށް ގޮސް 50 ލައްކަ އިންޑިއާ ރުޕީސްއަށް ބޯޓެއް ގަނެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި މިދިޔަ ހުކުރު ދުވަހު، މަދޫރާއި އާއި ޓްރިޗީގެ ކޭމްޕްތަކުން ފިލި ލަންކާގެ 85 މީހުންގެ ތެރެއިން 59 މީހުންނަކީ ރެފިއުޖީން ކަމަށް ރިޕޯޓްތަކުގައި ހާމަކޮށްފައިވެއެވެ.