ކުޅިވަރު
ލަންކާ އަށް ބަލި ނުކުރެވުނު ދިވެހިން އަނެއްކާވެސް މޮޅުވެއްޖެ

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިއަދު ހަވީރު ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރި މެޗު 1-0 ގެ ނަތީޖާއަކުން ދިވެހިރާއްޖެ ކާމިޔާބުކޮށްފިއެވެ.

19 އަހަރުގެ ދިގު ތާރީޚުގައި ލަންކާ އަށް ރާއްޖެ ބަލިކުރެވިފައެއް އަދި ނުވެއެވެ. ސާފް ޗެމްޕިއަންޝިޕްގެ މިމުބާރާތުގައި މި ދެޓީމު ވަނީ މީގެ ކުރިން ހަތް ފަހަރު ބައްދަލުކޮށްފައެވެ. އަދި ރާއްޖެ ވަނީ ފަސް ފަހަރު މޮޅުވެފައެވެ. ބާކީ ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މިއަދުގެ މެޗުގައި ރާއްޖެ ކޮޅުން ޖެހި ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ އަލީ އަޝްފާޤުއެވެ. އަޝްފާގު މި ގޯލު ރާއްޖޭގެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ 6 މިނެޓް ތެރޭގައެވެ.

މިއަދުގެ މެޗް ކިކްއޮފްކޮށްފައި ވަނީ ރާއްޖޭގެ ޓީމުންނެވެ. ފުރަތަމަ ހާފްގައި ރާއްޖެ ޓީމުން ޖެހި ފުރަތަމަ ގޯލަށް ފަހުވެސް ރާއްޖޭގެ ގައުމީ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އަމާޒު ކޮށްފައެވެ. އަދި ރާއްޖެ ޓިމަށް ލަނޑު ޖެހުމުގެ ފަހި ފުރުސަތުތަކެއްވެސް ވަނީ ލިބިފައެވެ.

ފުރަތަމަ ހާފުގައި ސްރީލަންކާގެ ޓީމުން ފެނިގެން ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުން ދިޔަތަނެވެ. މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލްކޮށް، ރަނގަޅު އެޓޭކްތަކެއް ރާއްޖެއިން އުފެއްދިއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ޓީމު ވަރަށް ބޮޑަށް ޕްރެޝަރުގައި ކުޅެމުން ދިޔަ ތަން ފެނިގެން ދިޔައެވެ. އަދި ސްރީލަންކާ ޓީމުން ކުޅުން ވަރުގަދަކޮށް، ރާއްޖެ ކޮޅަށް ގިނަ ހަމަލާތަކެއް ވަނީ އަމާޒު ކޮށްފައެވެ.

މިއަދު ހަވީރު ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މި މެޗު ބެލުމަށް ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ނަމާލް ރާޖަޕަކްސާ ވެސް އިންނެވިއެވެ.

ލީގު އުސޫލުން ކުރިޔަށްދާ މި މުބާރާތުގެ ފައިނަލަށް ދާނީ ފަސް ޓީމު ކުޅޭ ލީގު ބުރުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި މުބާރާތުގައި ދެން ބައްދަލު ކުރާނީ ނޭޕާލާއި އާއި އިންޑިއާއެވެ. މި މެޗު އޮންނާނީ މިރޭ 9 ޖަހާއިރުއެވެ.

Comment