ހިތްދަތި ދިރިއުޅުން އުޅެމުން އަންނަ ފަރާތްތަށް ނޭނގި ނަމަވެސް ކުރެވޭ ބައެއް ކަންކަމުން، ހިތްދަތިކަން އިތުރުވެ، މާޔޫސްކަން ދިރިއުޅުމުގައި އިތުރުވެގެން ދެއެވެ. ހިތްދަތިކަމާއި ނުތަނަވަސްކަމުން އަރައިގަންނަށް އަމިއްލަޔަށް ކުރެވޭ ކުޑަ އާދައިގެ ކަމަކުންވެސް، ބޮޑުތަފާތެއް ގެނެވި، ދިރިއުޅުމަށް ބަދަލެއް އައުމަކީ އެކަށީގެންވާކަމެކެވެ.
ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް، އުފަލާއި ހިތާމަ އެކުލެވެއެވެ. ދިރިއުޅުމުގައި، ދިމާވާ ހުރިހާ ކަމެއް ގޯސްކޮށް ނަގައި، ވިސްނުމާއި ފިކުރު ނެގެޓިވްކޮށް ބަދަލުކުރުމުން، ހިތްދަތިކަމާއި، ނުތަނަވަސްކަން ދިރިއުޅުމުގެ ކޮންޓްރޯލް ނަގައެވެ.
ދިރިއުޅުމަށް އުފާވެރިކަން ގެނައުމަށް، ކަންކަމާމެދު ރަނގަޅަށް ވިސްނުން ކުރިޔަށްނެރެ، ގެންގުޅެވޭ ބައެއް އާދަކާދަ ބަދަލުކޮށްގެން ދިރިއުޅުމުގައި ކުރިމަތިވާ ހިތްދަތިކަމާއި، ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވިދާނެއެވެ.
ކަންކަމާމެދު އެންމެ ގޯސްކޮށް ވިސްނުން
ދިމާވާ ކޮންމެ ކަމެއްގައި ތިބާ އެންމެ ގޯސްކޮށް ތާއަބަދު ވިސްނުމަކީ ދިރިއުޅުމުގައި އުފާވެރިކަން ގެއްލިގެންދާ ކަމެކެވެ. ހާލަތު ދިމާވާގޮތުން، ތިބާ ވިސްނާފަދައިން، ހުރިހާ ކަމެއް އެންމެ ގޯސްކޮށް ދިޔުމުގެ ފުރުޞަތުވެސް އޮވެދާނެއެވެ. ނަމަވެސް، ޤަބޫލު ނުކުރެވުނަސް، ކަންކަން ރަނގަޅު ވާނެކަމަށް އުއްމީދުކޮށް ގޯސްކޮށް ވިސްނުން ހުއްޓާލުމުން، އެކަމެއް ރަނގަޅަށް ކުރިމަތި ވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.
ކުރިން ވެފައިވާ ހިތި ތަޖުރިބާއަށް ބަލައި ހުރިހާކަމެއް ކުރިމަތިވާނީ އެހެން ކަމުގައި ނިންމުން:
ދިރިއުޅުމުގައި ތިބާއަށް ކުރިމަތިވެފައި ހިތްދަތި ތަޖުރިބާއަކަށް ބިނާކޮށް މާޒީއަށް ބުރަވެ ކަންކަމުގައި ވިސްނާގޮތް އެއްކޮށް ބަދަލުކޮށް، މުސްތަޤްބަލް ކަންވާނެގޮތް ނިންމާލުމަކީ ރަނގަޅުގޮތެއް ނޫނެވެ. މާޒީގައި ގޯސްކަމެއް ކުރެވުނީތީ، ނުވަތަ ފަޚުރުވެރި ނުވާ ކަމެއް ކުރެވުމަކުން، ތާއަބަދު ތިބާ އެފަދަ މީހެއްގެ ގޮތުގައި ހުންނާކަށް ނުޖެހެއެވެ. އެކަން ބަދަލުކުރުމުގެ އިޚްތިޔާރު ތިބާގެ ކިބައިގައި ނެތްނަމަ، އެކަމުން އެއްކިބާވެ، އިތުރު އެހެން ގޮތެއް ހޯދާށެވެ.
އުނދަގޫ މީހުންނާއި އެއްކޮށް ގުޅުން ކަނޑާލުން
އެއްކޮށް އުޅެން އުދަނގޫ އިދި ވިސްނުމުގެ މީހުންނާއި ގުޅުން ބޭއްވުމަކީ އޭގެ ސަބަބުން، ދިރިއުޅުމަށް ތަފާތު މައްސަލަތައް ކުރިމަތި ކުރިމަތި ކުރުވާ ކަމެކެވެ. މިފަދަ ފަރާތްތަކާއި ގުޅުން ބޭއްވުމަކީ ތިބާއަށް ނެގެޓިވިޓީ އަށް ނުވަތަ އިދި ވިސްނުން ކުރި އެރުވުމަށް ދެވޭ ފުރުޞަތެކެވެ. އެއްކޮށް އުޅޭ ފަރާތްތަކާއި ގުޅުން ކަނޑާލުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ދިރިއުޅުމުގައި ހަމަޖެހުމާއި، ނުތަނަވަސްކަން އަދި ހިތްދަތިކަން ކަނޑުވާލުމަށް، އިދި ވިސްނުން ގެންގުޅޭ، ނެގެޓިވިޓީ ކުރިއަރުވާ ފަރާތްތަކާއި އެއްކޮށް ގުޅުން ކަނޑާލުން މުހިންމެވެ.
އެހެންމީހުންނާއި އަމިއްލަޔަށް އަޅާކިޔުން
އެއްވެސް އިންސާނަކީ، ހުރިހާކަމެއް ފުރާ ފުރިހަމަ ވެފައިވާ މީހެއް ނޫނެވެ. އެހެން މީހުންނާއި، ތިބާއާއި އަޅާ ކިޔުމަކީ އޭގެސަބަބުން އަމިއްލަޔަށް ދަށްކަން ފާހަގަކުރެވި، ދިރިއުޅުމަށް މާޔޫސްކަމާއި ހިތްހަމަ ނުޖެހުން ކުރިމަތިވެގެންދާނެ ކަމެކެވެ. އެހެން މީހުންގެ ދިރިއުޅުމުގައިވެސް، ހިތާމަޔާއި، ހިތްދަތިކަން ނުވަތަ ދެރަ، އެކުލެވިގެން ވެއެވެ. އެފަދަ ސިފަތަށް އެހެން މީހުންގެ ދިރިއުޅުމުން ތިބާއަށް ނުފެނުމަކީ، އެމީހުންގެ ދިރިއުޅުމުގެ ހުރިހާކަމެއް ފުރިހަމަ ވުމެއް ނޫނެވެ. އުފާވެރި ދިރިއުޅުމަކަށް އެހެން މީހުންގެ ދިރިއުޅުމާއި ތިބާގެ ދިރިއުޅުން އަޅައި ނުކިޔާށެވެ.
ފެއިލް ވެދާނެތީ، މާބޮޑަށް ބިރުގަތުން
ފެއިލްވެދާނެތީ ބިރުގަތުން ދޫކޮށް، ކުރާ ކޮންމެ ކަމެއްގައި، އެމީހެއްގެ ޤާބިލިޔަތުކަން ތަންދިން އެންމެ ފުރިހަމަޔަށް ބޭނުންކުރަން ޖެހެއެވެ. ފެއިލްވެދާނެތީ ބިރުގަތުމަކުން ތިބާޔަށް ލިބޭ އެއްވެސް ރަނގަޅެއް ނުވަތަ ކުރިއެރުމެއް ނެތެވެ. ބައެއް ޙާލަތުގައި ފެއިލްވުމަކީވެސް އެއިން އިބްރަތް ހާޞިލްކޮށް ކާމިޔާބު ހޯދުމުމަށް، އެޅޭ ވަރަށްބޮޑު ބާރަކަށް ވެގެންދެއެވެ. ދުނިޔޭގައި މިހާތަނަށް ހޯދުނު އެންމެ ބޮޑެތި ކާމިޔާބުތަކަކީ، އެތައް ފަހަރަކު ފެއިލްވެ، އެއިން އިބްރަތް ހާޞިލްކޮށްގެން ހޯދާފައިވާ ކާމިޔާބެވެ.
އަމިއްލަޔަށް ދަށް މީހެއްގެ ގޮތުގައި ދެކުން
އަމިއްލަޔަށް ދަށް މީހެއްގެ ގޮތުގައި ދެކުމަކީ، ދިރިއުޅުމުގައި މާޔޫސްކަމާއި ހިތްދަތިކަން ކުރިމަތިކުރުމާ ކަމެކެވެ. ތިބާ އަކީ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫންކަން ފުރަތަމަ އަމިއްލަޔަށް ޤަބޫލުކުރުން މުހިންމެވެ. އަމިއްލަ ނަފްސު ދެކެ ލޯބިވާ، ތިބާ އެންމެ ފަޚުރުވެރިވާ ޝަޚުސިއްޔަތަކަށް އަމިއްލަ ނަފްސު ހެދުން މުހިންމެވެ. އަމިއްލަޔަށް އެންމެ ރުޅިއަންނަ ފަރާތަށް އަމިއްލަ ނަފްސު ނުހަދާށެވެ. އަމިއްލަ ނަފުސަށް ގެއްލުންދީ، ދަށްކުރުވާ މީހަކަށް ވުމުގެ ބަދަލުގައި، އަމިއްލަޔަށް ހިތްވަރު ނެރެ، އަމިއްލަ ނަފްސު ބިނާކުރުމަށް ބާރުއެޅިއްޖެ ނަމަ، ދިރިއުޅުމުގައި ތަފާތު ފެންނާނެއެވެ.
ދިރިއުޅުމުގައި ހުރި ރަނގަޅުކަންކަން ބަލައިގަތުން
ތިބާއަކީ ދިރިއުޅުމުގައި ހުރި އުނި ކަންކަން އެކަނި ފާހަގަކުރާ ފަރާތަކަށް ވުމުގެ ބަދަލުގައި، ދިރިއުޅުމުގައި، ލިބިފައިވާ ކާމިޔާބުތައް ފާހަގަކޮށް، ކަންކަމާއި ދެކޭގޮތް ބަދަލުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިސާލަކަށް ފެންތައްޓެއްގައި ފެންހުރީ ދެބަކުޅަ އެއްބައި ހުހަށް ހުރިކަން ފާހަގަކުރުމުގެ ބަދަލުގައި އެފެންތަށީގައި ދެބައިކުޅަ އެއްބައި ހުރީ ފުރިފައި ކަމަށް ބަލައިފިނަމަ، އެ އިސްކުރެވެނީ “ޕޮސިޓިވިޓީ” އެވެ. މިފަދަ ވިސްނުން ނެރެ އިސްކުރުމަށް ވަގުތު ނެގުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ ގޮތަކަށް ބިނާކުރަނިވި ވިސްނުން އިސްކޮށް ކަންކަމުގެ ހައްލު ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް ފުރުޞަތުތައް ފަހިވެގެން ދެއެވެ.
އެހެން މީހުންގެ މައްސަލަތަކަށް އަމިއްލަޔަށް ޒިންމާ ނުނެގުން
ތިބާގެ އަމިއްލަ މައްސަލަތަކަށް އެހެން ފަރާތްތަށް ބޮލުގައި އިލްޒާމް އަޅުވައި، ޒިންމާ ނަގަން ޖެހޭނެކަމަށް ބުނާނަމަ އެކަން ހުއްޓާލާށެވެ. އަމިއްލަޔަށް ކޮށްފައިވާ ކަންކަމަށް ފުރިހަމަޔަށް ޒިންމާ ނެގުމުގެ އާދަ ގެންގުޅެންޖެހެއެވެ. ކަމެއް ކިތަންމެ ގޯސްވި ނަމަވެސް ނުވަތަ ރަނގަޅުވި ނަމަވެސް މިކަން އޮންނަން ޖެހޭނީ މިގޮތަށެވެ. އެހެން މީހުންގެ ބޮލަށް ކަންކަން ޖަހައިގެން އިލްޒާމް އަޅުވަން ކުޅޭ ގޭމުން ގެއްލުން ލިބިގެންދާނީ އަމިއްލަޔަށެވެ.
މަޢާފް ކުރުމަށް އަމިއްލަޔަށް ދެކޮޅު ހެދުން
ދިމާވާ ތަފާތު ކަންކަމުގައި، ހިތުގައި އުފެދޭ ތަފާތު ހިންހަމަ ނުޖެހޭ ކަންކަމާއި ގުޅިގެން އަނެކާއަށް ފަސޭހައިން މަޢާފް ނުކުރެވޭނަމަ، ތިބާއަށް އެއުފެއްދެނީ ނެގެޓިވް މައިންޑްސެޓެކެވެ. މިފަދަ އިދި ޚިޔާލުތަކާއި، ރުޅިވެރި، ބަދަލު ހިފުމުގެ ރޫޙު ގެންގުޅެގެން، އުފާވެރިކަން ނުވަތަ ހިތްހަމަޖެހުން ދިރިއުޅުމަށް ނުގެނެވޭނެއެވެ. މަޢާފް ކުރުން ގިނަކޮށް، އަނެކާއަށް ހިތް ޚަލާސްކޮށް، ދެކޭގޮތް ރަނގަޅުކޮށްފި ނަމަ، ދިރިއުޅުމުގައި ބަދަލެއް އަންނާނެއެވެ.
އަމިއްލަ ނަފުސު ކަންކަމަށް އެކަށީގެންވާ ކަމަށް ނުދެކުން
އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ދަށްވެ، ކަންކަމަށް އެކަށީގެން ނުވާކަމަށް ދެކުމަކީ، އުފާވެރިކަން ދިރިއުޅުމުން ގެއްލިގެންދާ ކަމެކެވެ. އަމިއްލަޔަށް ދެކޭގޮތާއި ޚިލާފަށް ތިބާގެ ކިބާގައިވާ ތަފާތު ނޭގޭ ހުނަރުތަކެއް އެކުލެވިގެން ވެއެވެ. މިދުނިޔެއަށް ތަފާތު މޮޅެތި އާގޮތް ތިބާގެ ފަރާތުން ދެއްކިދާނެއެވެ. އަމިއްލަ ނަފްސުގެ ޤާބިލްކަން ދެނެގަތުމަކީ މުހިންމު ކަމެއްކަމަށް ދެކި، އަމިއްލަ ނަފްސް ދެކެ ލޯބިވާ މީހަކަށް އަމިއްލަޔަށް ބަދަލުވުމަކީ އުފާވެރިކަން ހާޞިލްކުރުމުގެ ތަޅުދަނޑިއެއް ކަމުގައި ހަދާށެވެ.