ޚަބަރު
ދާންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ލިބިއްޖެ: އެމް.ޓީ.ސީ.ސީ

ގއ.ދާންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބޭނުންނާ ބޮޑުހިލައިގެ ފުރަތަމަޝިޕްމަންޓް ލިބިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ދާންދޫގެ ބިންހިއްކައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ. މިދިޔަ އޮގަސްޓުމަހުގެ 10 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށިގެންދިޔަ މިމަޝްރޫއުގެ ދަށުން އެރަށު ގޮނޑުދޮށުގައި ޖަހަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އިއްޔެވަނީ އެރަށަށް ގެންދެވިފައެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1238 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި މިއީ 186.6 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެކުންފުނިންވަނީ ވިދާޅުވެފައެވެ.

ދާންދޫގެ ބިންހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރެވުނީ 350 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ. އެހެންނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން މިމަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ވަނީ ލަސްވެފައެވެ.

Comment