ނޫސްވެރިކަމުގެ އެވޯޑް ދިނުމުގައި މީޑިޔާ ކައުންސިލުން އިންސާފްވެރިނުވުމާއި ގުޅޭ މައްސަލައިގެ އަޑުއެހުން މާދަމާ ހެދުނު 9:30 އަށް ސިވިލް ކޯޓުގައި ތާވަލްކޮށްފިއެވެ.
މީޑިޔާ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިކަމުގެ އިނާމު ދިނުމުގައި ގެންގުޅޭ އުސޫލްތަކާ ޚިލާފަށް އެކައުންސިލުން ބޭއިންސާފުން ކަންތައްކޮށްފައިވާތީ ގިނަ ނޫސްވެރިންގެ ސޮޔާއެކު މިމައްސަލަ ވަނީ ސިވިލްކޯޓަށް ވައްދާފައެވެ.
ހަމީޑިޔާއެއްގެ 20 ނޫސްވެރިންގެ ފަރާތުން ކޯޓަށް ވައްދާފައިވާ މިމައްސަލައިގައި ނޫސްވެރިންގެ ފަރާތުން ވާހަކަދައްކާނީ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާގެ ލޯފާމް ޝުނާނާ އެންޑް ކޯ އެލްއެލްޕީ ލޯގެ ފަރާތުންނެވެ.
މިމައްސަލައިގައި ސިވިލްކޯޓުގައި މިއަދު ވަނީ ފުރަތަމަ މަރުހަލާ އަޑުއެހުމެއް ބާއްވާފައެވެ. މިއަޑުއެހުމަކީ ނޫސްވެރިންގެ ފަރާތުން ހުށަހެޅި މައްސަލައިގައި މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމުގެ މަރުހަލާއެވެ. އެހެންނަމަވެސް މަޝްވަރާކޮށްގެން ހައްލެއް ނުލިބުމުން މާދަމާ ހެދުނަށް ވަނީ ދެވަނަ އަޑުއެހުމެއް ތާވަލްކޮށްފައެވެ.
މީޑިޔާ ކައުންސިލުން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ނޫސްވެރިންނަށް އިނާމް ދިނުމުގެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށްވެސް ވަނީ ދައުވަތު އަރުވާފައެވެ. އިނާމަށް ކުރިމަތިލާފައިވާ 10 މީޑިޔާގެ ތެރެއިން ހަތް މީޑީޔާއަކުން ވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާއެކު ރައީސަށް ސިޓީއެއް ހުށަހަޅާފައެވެ. އަދި މިމައްސަލަ ހައްލުނުކުރައްވާ އެޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން އެމީޑިޔާތަކުން ވަނީ ނޫސްވެރިންގެ ސޮޔާއެކު މީޑީޔާ ކައުންސިލަށްވެސް ޕެޓިޝަނެއް ހުށަހަޅާ މަޖުލީގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ.
މީޑިޔާތަކުން ބުނާގޮތުގައި އެކައުންސިލުން އިނާމްދިނުމުގައި ގެންގުޅެނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ މުޅިން ޚިލާފް އުސޫލްތަކެއް ކަމަށެވެ. އެގޮތުން އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލަކުން މާކްސް ދީފައި، ބްރޯޑްކާސްޓިން މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ވަކި ޕެނަލްއަކުން މާކްސް ދިނުމަށް ފަހު، ދެ ބާވަތުގެ މީޑިއާ އެއްކޮށްލައިގެން އިނާމު ދިނުމަށް ނިންމާފައި ވުމެވެ. ވަކި ފަނޑިޔާރުންގެ ދެ ޕެނަލެއް ނަގަން ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު ޖާގައެއް ނުދޭ ކަމަށް ނޫސްވެރިން ފާހަގަކުރެއެވެ.