ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހާއި ގުޅުވައިގެން ވިލާކޮލެޖްގައި ސައިކޮލޮޖީ އެސޯސިއޭޝަނެއް އިފްތިތާހުކޮށްފިއެވެ. މިއެސޯސިއޭޝަން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ.
ވިލާކޮލެޖުން އިސްނަގައިގެން “ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް” ފާހަގަކުރުމުގެ ގޮތުން އެ ކޮލެޖުގެ ހޯލުގައި އިއްޔެ ހަވީރު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ ކޮލެޖުގެ ސްޓްރެޓީޖިކް ޕްރިއޮރިޓީ އަކަށް ނަފްސާނީ ދުޅަހެޔޮކަންވެ، ކޮލެޖުގެ މުސްތަގްބަލު ބިނާކުރުމުގައި ނަފްސާނީ ދުޅަހެޔޮކަން އިސް ދައުރެއް އަދާކުރުމަށް އެކަމަނާ އެދިވަޑައިގަންނަވާކަމަށާ، އަދި އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުމުގައި އިސް ދައުރެއް އަދާ ކުރާ ކޮލެޖަކަށް ވިލާ ކޮލެޖު ވެގެން ދިއުމަށް އެކަމަނާ އެދިވަޑައިގަންނަވާ ކަމަށެވެ.
ވިލާ ކޮލެޖުން އިސްނަގައިގެން މިފަދަ އެސޯޝިއޭޝަނެއް އެ ކޮލެޖުގައި ގާއިމުކުރުމުން އެކަމަނާ ވަނީ އެކަމަށް ތައުރީފުކުރައްވާފައެވެ.
މީގެއިތުރުން ރާއްޖޭގައި ނަފްސާނީ ބަލިމީހުން ދުވަހެއް ދުވަހެއް އިތުރުވަމުންދާކަން ފާހަނގަކުރެވޭ ކަމަށާއި މިމައްސަލައިގެ ހައްލު ހޯދުމަށް ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތްކޮށްދިނުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.
ނަފްސާނީ ހިދުމަތްދޭ ފަރާތްތަކުން އެ ހިދުމަތް ދިނުމުގައި އެތިކްސްގައި ހިފެހެއްޓުމަށާއި، އޭގެ ސްޓޭންޑަޑާ އެއްގޮތަށް އަމަލު ކުރުމަށް އެދިވަޑައިގަތެވެ. އެގޮތުން ޝަނަލް މެންޓަލް ހެލްތު ސްޓްރެޓިޖިކް ޕްލޭން 2016 – 2021ގައި ވާގޮތުގެ މަތީން ނަފްސާނީ ބަލިތަކަށް ފަރުވާދޭ ފަރާތްތަކުގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ގާއިމުކުރުމަށް ގޮވާލަމުން އެކަމަނާ ވަނީ ކޯޑް އޮފް އެތިކްސް ގާއިމުވެ، އެއަށް އަމަލުކުރަން ފެށުމަކީ ކިހާ މުހިންމުކަން ހާމަކޮށްދީފައެވެ.
އަދި ހުރިހާ ފަރާތްތަކުން ވެސް އިހްސާންތެރިވުމުގެ ސިފައަށަގެންނެވުމަށް އެކަމަނާ ބާރުއެޅުއްވެވިއެވެ. މީގެ އިތުރުން އެކަމުގެ ސަބަބުން މުޅި މުޖުތަމައަށް ލިބިގެންދާނެ ފައިދާތަކަށާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް މި ހަފްލާގައި އެކަމަނާ އަލިއަޅުއްވާލެއްވެވިއެވެ.