ރައްޔިތުންގެ މަޖުލީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުގައި ފަސް މަސްދުވަސް ހޭދަކުރުމަށްފަހު މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މިއަދު މެންދުރު 2.50ގެ ފްލައިޓުން ނަޝީދު ވަޑައިގަންނަވާތީ އެމަނިކާފަނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ރައީސް ސޯލިހު އެއަރޕޯޓަށް ދާގޮތަށް ވަނީ ނިންމާފައެވެ.
މިދިޔަ ބުދަދުވަހު ދުބާއިގައި ބޭއްވުނު އެކްސްޕޯއެއްގައި ބައިވެރިވެވަޑައިގަންނަވަން ނަޝީދު ވަނީ ދުބާއީއަށް ވަޑައިގެންފައެވެ. އެހެންކަމުން އެމަނިކުފާނަށް ތާއީދުކުރާ ބައެއް ބޭފުޅުން ވަނީ އެމަނިކުފާނާ ބައްދަލުކުރައްވަން ދުބާއީއަށް ވަޑައިގެންފައެވެ.
މީގެ ކުރިން ނަޝީދު ރާއްޖެ ވަޑައިނުގަތީ އެމނިކުފާނުގެ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. ރާއްޖެ ވަޑައިގެންފިނަމަ އެމަނިކުފާނަށް ހަމަލާ ދޭނެކަމަށް ފާޅުގައި އިންޒާރު ދީފައިވާތީއެވެ. އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަޚަމްތަކާއި އަނިޔާތަކަށް އަދިވެސް އެމަނިކުފާނު ދަނީ ފަރުވާ ކުރަމުންނެވެ. އެގޮތުން ކަނާތުގެ ތިން އިނގިލި އައްސިވެ އިނގިލިތައް ބޭނުން ނުކުރެވޭ ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.
މިއަދު ނަޝީދު ރާއްޖެ ވަޑައިގަތް ނަމަވެސް ރާއްޖޭގައި މަޑުކުރައްވާނީ ތިންދުވަސް ކަމަށް ވަނީ ހާމަކޮށްފައެވެ.