މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހުމުން ރިޔާސަތު ބަލަހައްޓަވަމުންދަނީ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ އެވެ. މަޖިލީހުގެ މިދައުރުގެ ގިނަ ދުވަސްތަކުގައި ތަޅުމުގައި ކުރާނެ ކަމެއްނެތި މަސައްކަތްތައް ވަރަށް ކުރީބައިގައި ނިންމާލައެވެ.
މިއީ ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފުރަތަމަ ޖަލްސާއެވެ. ރައީސް ނަޝީދު މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާއިރު، އެމަނިކުފާނު ނެތި މަޖިލީހުގެ ޖަލްސާތައް އެންމެ އެކަށޭނެ ގޮތަކަށް ކުރިއަށް ނުދާކަމަށް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި ހުންވައި މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށި ދުވަހު ފޮނުވި ސިޓީގައި ވިދާޅުވީ އެމަނިކުފާނަށް ދިން ޙަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަޙްޤީޤު އަދި ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވާކަމެވެ.
އެ ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކާއި ޚުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއްކަމަށެވެ.
މަޖިލީހުގެ ރައީސް ވަނީ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ހިތް ޚަލާޞްކުރައްވައި، އެފުރުސަތު ފަހިކޮށްދެއްވުމަށް މަޖިލީހުގެ ކިބައިން އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު މާދަމާގެ ޖަލްސާއަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ މިދަތުރަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު އެނބުރި ބޭސްފަރުވާއަށް އިނގިރޭސި ވިލާއަށް ދާންޖެހޭތީ ތިންދުވަސް ފަހުން ރައީސް ނަޝީދު އެނބުރި އިނގިރޭސި ވިލާތަށް ވަޑައި ގަންނަވާނެއެވެ.