ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އަންނަ ތެލުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި މިބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ގެންދިއުމަށްޓަކައި ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން ވިދާޅުވާ ގޮތުގައި ތެޔޮ ގަންނަން ލިބޭ އަގުވެސް މިވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 10 ރުފިޔާ 72 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކީ 10 ރުފިޔާ 95 ލާރިއަށެވެ. އެހެންނަމަވެސް މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 44 ލާރި ބޮޑު ވެފައި ވާއިރު، ޑީސަލް ލީޓަރަކުން ވަނީ 89 ލާރި ބޮޑުވެފައެވެ.
އެހެންކަމުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ ލީޓަރެއް 11 ރުފިޔާ 16 ލާރި އަށް އަދި ޑީސަލް ލީޓަރެއް 11 ރުފިޔާ 84 ލާރިއަށެވެ.
އެސްޓީއޯއިން ހާމަކުރާ ގޮތުގައި ދުނިޔޭގެ ތެލުގެ ބާޒާރުގައި ފާއިތުވީ 7 އަހަރާ އަޅާބަލާއިރު ތެލުގެ އަގު މިވަނީ ދުވަހަކުވެސް ބޮޑުނުވާ މިންވަރަކަށް ބޮޑުކޮށްފައިކަމަށާއި މިބަދަލާއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައީ ކަމަށެވެ.