ޚަބަރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޑިޖިޓަލް ވުޑް އިފެކްޓް ފައިބަރ މެޓް ބޭނުންކޮށްގެން ދޯންޏެއް ބަނދެފި

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ވުޑް އިފެކްޓް ފައިބަރ މެޓް ބޭނުންކޮށްގެން ރ. އަލިފުށީގައި ދޯންޏެއް ބަނދެފިއެވެ.

މޯލްޑިވްސް މެރިން ސަރވިސް (އެމް.އެމް.އެސް) އިން ބަނދެފައިވާ މި ދޯންޏާއި ބެހޭ ގޮތުން އަލިފުށި ލައިވް އަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ އޯނަރު، އަލީ ހަސަން ވިދާޅުވެފައިވަނީ، މި ދޯންޏަކީ، ކުރިން ކާބަފައިން ލަކުނޑިން ބަންނަމުން ދިޔަ އޮޑިދޯނި ފަހަރުގެ މައިގަނޑު ބައްޓަމަށް ކުރަހައި، ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބަނދެފައިވާ ވަރަށް ބޮޑު އަދި ބުރަ މަސައްކަތްތަކެއް ހިމެނޭ ދޯންޏެއް ކަމަށާއި، މިދޯނީގައި މެޓީރިއަލް އަކީ ޕްރިންޓެޑް ވުޑް އިފެކްޓް އަދި ފައިބަރ މެޓް ކަމަށެވެ.

އެނޫހަށް މައުލޫމާތު ދެއްވަމުން އަލީ އިތުރަށް ވިދާޅުވެފައިވަނީ، މިދޯނީގެ ބޭރުފުށުން ލަކުނޑީގެ ކުލައާއި ސިފަތައް ފެނުނު ނަމަވެސް، އަސްލުގައި މިދެންނެވުނު ފަދައިން ފައިބަރ ގްލާސް މެޓް ކަމަށާއި އެއްގޮތަށް މިފަދަ އުޅަނދެއް ފަހުގެ ޖީލުތަކަށް ފެންނަން އޮންނާނެހެން ތަޢާރަފު ކުރެވުމުން، އެކަމަށްޓަކައި އުފާކުރާ ކަމަށެވެ.

ޢަލީ ޙަސަން ފާހަގަކުރެއްވި ގޮތުގައި، މިދޯނި ބަނުމުގެ މަސައްކަތަކީ، އޮޑި ދޯނިފަހަރު ބަނުމުގެ ތާރީޚުގައި ފާހަގަ ކުރެވޭނެ މަސައްކަތެއް ކަމަށެވެ.

އެމްއެމްއެސް އަލިފުށީ ބޯޓް ޔާޑްގައި ބަނދެފައިވާ މިދޯންޏަކީ، ރިސޯޓްތަކުގެ އެކްސްކާޝަން ފަދަ ހަރަކާތްތަކާއި، އަދި ފަތުރުވެެރިން ގޮވައިގެން ދަތުރު ކުރުމަށް ޚާއްސަކޮށް ބަނދެފައިވާ ދޯންޏެކެވެ.