އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރާއްޖެއިން އިންޑިއާ ބަލިކޮށްފިނަމަ ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރ މަޙްލޫފަށް އަމާޒުވެއްޖެއެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ، ސިލްސިލާ މިޔުޒިކް ޝޯވް ތަކެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިން ނިންމަވައި، އެކަން ޓްވީޓް ކުރެއްވުމުން ގިނަ ރައްޔިތުންތަކެއްގެ ފާޑުކިޔުން މަޙްލޫފަށް އަމާޒުވެއްޖެއެވެ.
އެކަމާ ގުޅިގެން އާންމުގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނައިރު ބައެއް ފަރާތްތަކުން ދެކެނީ މިއީ ދައުލަތުގެ ފައިސާ އިސްރާފުކުރުން ކަމަށެވެ. ގިނަ ފަރާތްތަކަކުން ބުނާގޮތުގައި މިވަގުތު އެފަދަ ޝޯވް ތަކެއް މުހިންމު ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެތައް ރައްޔިތުންތަކެއް އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބާ، ހަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތް ތަކުގައި ތަޅާ ހުސްކުރަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ.
އެތައް ރައްޔިތުންތަކެއް އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބާ، ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތް ތަކުގައި ތަޅާ ހުސްކުރަން ކުރައްވާ މަސައްކަތް ހުއްޓަވާލައްވާ. @AhmedMahloof
— Dr.Mohamed Iyaz (@dr_iyaz) October 12, 2021
އޭގެ އިތުރުން މޮޅުވިޔަސް ބަލިވިޔަސް ހިސާބުގަނޑު މީހުންނަށް އުޅެން އުނދަގޫވާ ޒާތުގެ ކަންތައް ކޮށްގެން ނުވާނެ ކަމަށް ވެސް ޑރ. އިޔާޒު ވަނީ ވިދާޅުވެފައެވެ. ޑރ. އިޔާޒުގެ ވާހަކަތަކަށް ވެސް ގިނަ ބަޔަކު ވަނީ ތާއީދު ކޮށްފައެވެ.