ޚަބަރު
ވާދޫ ކައުންސިލުން ވިޔަފާރި ކުންފުންޏެއް ހެދުމަށް އެލްޖީއޭގައި އެދިފައި އޮންނަތާ 3 މަސްވެއްޖެ

ގދ ވާދޫ ކައުންސިލުން ވިޔަފާރި ކުންފުންޏެއް ހެދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި އެދިފައި އޮންނަތާ 3 މަސް ވެއްޖެ ކަމަށް ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވާދޫގައި ހިންގަންޖެހޭ ތަރައްގީގެ އެކިއެކި މަސައްކަތްތަކާ ރަށުގެ އިޖްތިމާއީ ކަންކަމާއި އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގެ ޔަގީންކަމާއެކު ކައުންސިލުން އުފައްދަން މަސައްކަތްކުރާ ކުންފުނި އުފެެއްދުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވުމަށް ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވާދޫ ރައީސް ވިދާޅުވީ ކުންފުނި ހެދުމަށް ހުށަހަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީން ހަދާފައިވާ ގަވާއިދުގެ ދަށުން ކަމަށާއި އެފުރުސަތު އިންނަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅައި ހުއްދަ ލިބިގެން ކުރެވޭ ކަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތން ކުންފުނި ހެދުމަށް ބޭނުންވާ ހުރިހާ ލިޔެކިއުމެއް ވަނީ އެލްޖީއޭއަށް ހުށަހަޅާފައި ކަމަށްވެސް ރައީސް ހަސަން ވިދާޅުވިއެވެ.

“އެލްޖީއޭއިން ވިދާޅުވަނީ އިކޮނޮމިކް މިނިސްޓްރީއާއި ވާހަކަ ދައްކަމުންދާކަމަށް. އަޅުގަނޑުމެން ހުރިހާ ކައުންސިލަކުންވެސް މިތިބީ ކުންފުނި ހެދުމުގެ ފުރުސަތު ބޭނުންކޮށްގެން ރަށް ތަރައްގީ ކުރުމަށް ކިއު ހަދައިގެން. އެލްޖީއޭއިން އަދި މިނިސްޓްރީއިންވެސް މިކަން އަވަހަށް ނިންމަންޖެހޭ.” ވާދޫ ކައުންސިލްގެ ރައީސް ހަސަން ވިދާޅުވިއެވެ.

ވާދޫ ރައީސް ހަސަން ވިދާޅުވީ ކައުންސިލްތަކުން ކުންފުނި ހަދައި އާމްދަނީ ހޯދުމުގެ މަސައްކަތަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، ވާދޫ ފަދަ  ރަށްތަކަށް މީގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބި ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ ކަމަކަށެވެ.