މަޢުލޫމާތު
މަސްގުޅަކަނީތަ؟ މިއޮތީ ފަރުވާ

މަސްގަނޑު ގުޅަކެއުމުން މަސްގަނޑު މާބޮޑަށް ވާންވެ ހަރުވެ މަސްގަނޑު ރަނގަޅަށް ދަމައިނުލެވި ތަދެއް އިހުސާސްކުރެވެއެވެ. މިއީ ވަރަށް ގިނަ މީހުންނަށް މެދުވެރިވާ ކަމެކެވެ. މަސްގުޅަކާން ޖެހޭ ވަރަށްގިނަ ސަބަބުތައް އެބަހުއްޓެވެ. އޭގެތެރޭގައި ހަށިގަނޑަށް ލިބެންވާ ކަސްރަތް މަދުވުމާއި، މަދުން ފެންބުއިން އަދި ބައެއް މީހުން ޕީރިއަޑް ވުމުންވެސް އާއްމުކޮށް މަސް ގުޅަކައެވެ. މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ޕޮޓޭސިއަމް، ސޯޑިއަމް، ކެލްސިއަމް، އަދި މެގްނީޒިއަމް ފަދަ ބައިތައް މަދުވުމުންވެސް މިމައްސަލަ ދިމާވެއެވެ.

މަސްގުޅަކެއުން ހުއްޓުވުމަށްޓަކައި ކެއުމުގައި ބޭނުންކުރެވިދާނެ ކާނާތަކަށް ބަލާލާއިރު:

ކަރާ:

ކަރައެއްގެ 90 އިންސައްތަ އަކީ ފެން ހިމެނޭއިރު ކާބޯހައިޑްރޭޓްސް، ޕްރޮޓިން، ކެލްސިއަމް، ފޮސްފަރަސް، ހަކުރު، ދަގަނޑުގެ ބައި ހިމެނޭތީ އާއްމު ދިރިއުޅުމުގައި ކަރާ ކެއުން ގިނަކުރުމަކީ ސިއްޚަތަށް ވަރަށް ގިނަ ފައިދާ ކުރާނެ ކަމެކެވެ. ބޮލުގައި ރިއްސާ މައިގްރެއިން މައްސަލަ ހުންނަ މީހުންނަށް ކަރާ އަކީ ޝިފާއެކެވެ. އާދަކޮށް ކަރާ ކާނަމަ މަސްގުޅަކެއުންވެސް ދުރުވެއެވެ.

އެވަކާޑޯ:

ނިއުޓްރިޝަންއާ ބެހޭ ތަޖްރިބާކާރުން ހަމަކުރާގޮތުގައި އެވަކާޑޯއިން ލިބޭ ޞިއްޙީ ފައިދާތަކަށް ބަލާއިރު އެއާ އަޅާކިޔޭނެ އެހެން މޭވާއެއް ނުހުންނާނެކަމަށާއި މިއީ އެންމެ މަދުން ކާބޯހައިޑްރޭޓްސް ހުންނަ މޭވާއެވެ. މިމޭވާ މުއްސަނދި ވެފައިވަނީ ސިއްހީ ފެޓްސްއިންނެވެ. ގިނަ ދިރާސާތަކުންނާއި ސައިންޓިފިކްހޯދުންތައް އަންގައިދޭ ގޮތުގައި އެވަކާޑޯއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ އެންމެގިނަ މާއްދާތަކެއް އެކުލެވިގެންވާ ހަމައެކަނި މޭވާއެވެ.

ބީންސް އާއި ލެންޓިލްސް:

ތޮޅި އަކީ އޭގައި މެގްނީޒިއަމް ހުންނަ ތަރުކާރީ އެކެވެ. ކައްކާފައި ހުންނަ ލެންޓީލްސް ޖޯޑެއްގައި 71 މިލިގްރާމް މެގްނީޒިއަމް ހުރެއެވެ. އަދި ބީންސް ޖޯޑެއްގައި 120 މިލިގްރާމް ހުރެއެވެ. އަދި ބީންސްގައި ފައިބަރ ހުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޕީރިއަޑް ވުމުގެ ސަބަބުނ މަސްގުޅަ ކާނަމަ ފައިބަރ ހުންނަ ކާނާގެ ބާވަތްތައް ބޭނުން ކުރުމުން އެތަދަށް ލުޔެއް ލިބެއެވެ. އަދި ލޭގެ ހަކުރު ކޮންޓްރޯލް ކޮށް ކޮލެސްޓްރޯލް ގެ ނުރައްކާތެރި ވައްތަރު ދައްކޮށްދެއެވެ.

ދޮންކެޔޮ:

މަސްގުޅަކެއުން ހުއްޓުވުމަށް ހަށިގަނޑަށް ބޭނުންވާ މާއްދާތަކުގެ ތެރެއިން ތިން މާއްދާ ކަމަށްވާ ޕޮޓޭޝިޔަމް، ކެލްސިޔަމް، އަދި މެގްނީޒިޔަމް ދޮންކޭލުގައި ހިމެނެއެވެ. އެހެންކަމުން ކޮންމެ ދުވަހުގެ ކެއުމުގައިވެސް ކޮންމެވެސް މިންވަރަކަށް ދޮންކެޔޮ ހިމަނާލާށެވެ.

އޮރެންޖް ޖޫސް: 

އޮރެންޖަކީ ގިނައަދަދަކަށް ފެން ހިމެނޭ މޭވާއެކެވެ. އަދި އޮރެންޖް ޖޫސް ޖޯޑެއްގައި 500 މިލިގްރާމް ޕޮޓޭސިއަމް އާއި 27 މިލިގްރާމް ކެލްސިއަމް އާއި މެގްނީޒިއަމް ހުރެއެވެ.

ކައްޓަލަ:

ކައްޓަލަ އާއި ބަރަބޮލަކީވެސް ގިނަ އަދަދަކަށް ކެލްސިޔަމް، ޕޮޓޭޝިޔަމް އަދި މެގްނީޒިޔަމް ހިމެނޭ ދެބާތެވެ. ކައްޓަލައިގެ އެންމެ ހާއްސަ ކަމަކީ އޭގައި މަތީ މިންވަރަކަށް ޑައިޓްރީ ފައިބާ އެކުލެވިފައި ކެލޮރީޒް އެކުލެވޭ މިންވަރު ދަށްވުމެވެ. މީގެ ނަތީޖާއަކީ ކައްޓަލާ ކާ ނަމަ ބަރުދަން ލުއިވާން އެހީވުމެވެ.

ކައްޓަލައި ކެއުމުން ބަނޑުހައިވުން ކުޑަކޮށް ދެނީ މީގައި އެކުލެވޭ ފައިބާއިންނެވެ. ހަށިގަނޑަށް ފައިދާ ނޫން ކާނާތަކާ ދުރުވާން ބޭނުން ނަމަ، ކައްޓަލަ ކަހަލަ އެ އެއްޗެއް ކެއުމުން މީހާ ފުރިފައި ހުންނަ އިހުސާސް ކުރެވޭ ކަހަލަ ކާނާތަކަށް ސަމާލުކަން ދޭން ޑައިޓިޝަނުން ވެސް އަބަދު ލަފާ ދެ އެވެ. އެހެންވެ ކައްޓަލައަކީ ދޫކޮށްލެވޭ ވަރަށް މުހިއްމު ބާވަތެކެވެ.

ކެކުރި:

ކެކުރީގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އައި އަދި އެކަށީގެންވާ މިންވަރަށް މެގްނީޒިއަމް އާއި ކެލްސިއަމް އަދި ކޮންމެވެސް ވަރަކަށް ސޯޑިއަމް އާއި ފެން ހުންނަ މޭވާ އެކެވެ. ސޯޑިއަމް އަކީ ހަށިގަނޑަށް މުހިއްމު މާއްދާ އެކެވެ. ނަމަވެސް ކަސްރަތު ކުރުމުން ހަށިގަނޑޫ ފައިބާ ދަލާއެކު މި މާއްދާ ހަށިގަނޑުން ބޭރުވެއެވެ. ނަތީޖާއެއްގެ ގޮތުން މަސްގުޅަކާން މެދުވެރިވެއެވެ. އެހެންކަމުން ކަސްރަތަށް ފަހު ކުދިކޮށް ކޮށާފައި ހުންނަ ކެކުރި ޖޯޑެއް ކެއުމުން ހަށިގަނޑުން މަދުވާ ސޯޑިއަމް ލިބޭނެއެވެ.

މީގެ އިތުރުން ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން އެއްލީޓަރު ފެން އަދި ކިރުތައްޓެއް ބުއިމަކީ މަސްގުޅަކެއުމުން ދުރުކޮށްދޭ ކަމެކެވެ. ގިނައިން ފެންބުއިމަކީ ވަރަށް ގިނަ ބަލިތަކުންވެސް ދުރުކޮށްދޭ ކަމެކެވެ.