ތިނަދޫގައި ހިންގާ ޖަމްޢިއްޔާއެއް ކަމަށްވާ، ތިނަދޫ އެސޯސިއޭޝަން ފޮރ ޔޫތު ޑިވެލޮޕްމަންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) އިން ސާފް ޗެމްޕިއަންޝިޕް 2021 ގައި ދިވެހިރާއްޖެ-އިންޑިއާ، މިރޭ ކުޅުމަށް ހަމަޖެހިފަައިވާ މެޗު ގިނަ ސަޕޯޓަރުންނަށް އެއް މާހައުލެއްގައި ތިބެ ބަލާލުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ތިނަދޫ ޖެޓީ ސަރަހައްދުގައި ހުންނަ ކުރީގެ ބާސްކެޓް ކޯޓުގައި އަޅުވަން ނިންމައިފިއެވެ.
ޓޭޑްގެ ނައިބު ރައީސް އަހުމަދު ޝިޔާޒް ނައީމް ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓޭޑް އިން އިސްނަގައިގެން ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗު ބޮޑު ސްކްރީންގައި އަޅުވަން ނިންމާފައިވަނީ، މިރޭގެ މެޗަކީ ދިވެހިންނަށް ވަރަށް މުހިންމު މެޗަކަށް ވުމުން ދިވެހި ސަޕޯޓަރުންނަށް އެއްތަނެއްގައި ތިބެ ފޯރި ނަގާލެވޭނެ މާހައުލެއް ހޯދައި ދިނުމުގެ މަޤްސަދުގައި ކަމަށެވެ.
ޝިޔާޒް އިތުރަށް ވިދާޅުވީ، މިރޭގެ މެޗުގައި ބޮޑިބަތް ކެއުމެއްވެސް މެޗުބަލަން އަންނަ ސަޕޯޓަރުންނަށް އޮންނާނެ ކަމަށާއި، ޓޭޑްގެ އޮފިޝަލް ފޭސްބުކް ޕޭޖްއިން އިން މިހާރު ކުރިއަށްގެންދާ މެޗުގެ ސްކޯ ދިމާ ކޮށްގެން އިނާމެއް ހޯދުމުގެ ފުރުސަތު މެޗު ފެށުމުގެ ސުންގަޑިއާ ހަމައަށް އޮންނާނެ ކަމަށެވެ. އެގޮތުން މެޗުގެ ސްކޯ ދިމާކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް 200 ރުފިޔާގެ ފައިސާގެ އިނާމެއް ޓޭޑްއިން ވަނީ ދޭން ނިންމާފައިކަމަށްވެސް ޝިޔާޒް ވިދާޅުވިއެވެ.
އިންޑިއާއާއި ދިވެހިރާއްޖެ ބައްދަލު ކުރުމަށް މިރޭ ހަމަޖެހިފައިވާ މެޗު ފެށޭނީ، ރާއްޖެ ގަޑިން 21:00 ގައެވެ.
ސިޔާޒު ސުކުރިއްޔާ