ފިރިހެނުން އަންހެނުންގެ ފަރާތުން އެންމެ ބަދަލުކުރަން އެދޭނެ ސިފައަކީ، އޭނާއަށް ޝައްކުކުރުން ކަމުގައި ހީވުން އެކަށީގެންވެއެވެ. ނަމަވެސް ބުނެލަން ޖެހެނީ ހުރިހާ ފިރިހެނުންނަކީ ބައްދަލުވާ އަންހެނަކާއި ގުޅުން ބާއްވަމުން އުޅޭ ބައެއް ނޫނެވެ. އަދި ލޯބިވެރިޔާއަށް އެއްގޮތަކަށްވެސް ޝައްކު ނުކުރާ އަންހެނުންވެސް ގިނަ އަދަދަކަށް އުޅެއެވެ. ފިރިހެނުންނަށް ލޯބިވެރިޔާ ޚާއްސަވެ، ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ މުހިންމުވާކަން މިވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ.
ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއްގެ ގޮތުގައި ހީވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް ފިރިހެނުން ގިނަ އަންހެނުން ހީކުރާ ފަދައިން، އަންހެނުންނަށް ލަނޑު ދީ، ދިމާވާ ކޮންމެ އަންހެނަކާ ހިތާވެ، ރައްޓެހިވެ، އުޅެދާނެއެވެ. ނަމަވެސް މިއީ ހުރިހާ ފިރިހެނުންނަކީ އެފަދަ ބައެއްގެ ގޮތުގައި ވާންޖެހޭ ސަބަބެއް ނޫނެވެ. ލޯބި ވެރިންނަށް ނުވަތަ އަނބިމީހާއަށް ވަރަށް ބޮޑަށް އަޅާލާ އޯގާތެރި ފިރިހެނުން ވެސް މަދެއް ނޫނެވެ.
ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ އަކީ ތިބާ، ތިބާގެ ގޮތުގައި ބަލައި ގަންނަ ނުވަތަ ތިބާގެ ސިފަތަކާއި، ގެންގުޅޭ ގޮތްތަށް ބަލައިގަންނަ ފިރެހެނަކަށް ނުވާނަމަ، އެފަރާތަކާއި އެކު ރަނގަޅު ހިތްހަމަޖެހިގެން އުޅުމަކީ ދަތިކަމެކެވެ. އެފަދަ ފަރާތެއް ދިރިއުޅުމުގައި ބެހެއްޓުމަށްވުރެ، ތިބާ، ތިބާގެ ގޮތުގައި ބަލައިގަންނަ، ތިބާގެ ސިފަތަކާއި، އަމަލުތަކާއި ގޮތްތަށް ބަލައިގަނެ، ތިބާދެކެ ލޯބިވާ މީހަކަށް ދިރިއުޅުމުގައި ފުރުޞަތު ދިނުން މާރަނގަޅު ވާނެއެވެ.
އަންހެނުންގެ ފަރާތުން ބަދަލުކުރުމަށް ގިނަ ފިރިހެނުން ބޭނުންވާ ބައެއް ކަންކަން މިލިޔުމުގައި ހިމަނާލަމެވެ.
އޭނާ ބޭނުންވަނީ، ތިބާގެ ޑްރާމާތައް ހުއްޓާލުމަށް
އޭނާ ބޭނުންވަނީ ތިބާއަށް ދެފަރާތުގެ ދެމެދުގައި ދިމާވާ މައްސަލަތަށް ސަބަބު ހޯދައި ދެމީހުންގެ ދެމެދުގައި ބާއްވައިގެން އަމިއްލަޔަށް އަމިއްލަކަންކަން ހައްލުކުރުން ދަސްކުރުމަށެވެ. ބަންދު ހަތަރު ފާރުތެރޭގައި ހިގާ ކަންކަން މުޅިދުނިޔެއަށް ހާމަކޮށް، ދަންނަހާ ބަޔަކު އެފަދަކަންކަމަށް ކޮމެންޓްކޮށް ޖޯކުޖެހުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. ދިރިއުޅުމުގެ މިފަދަ ޑްރާމާތަކުގެ ހިއްސާއަކަށް ވާން އޭނާ ބޭނުން ނުވާ ފަދައިން ތިބާވެސް އެފަދައިން އަމަލުކުރުމަށް އޭނާ ބޭނުން ވެއެވެ. މިފަދަ ބައިވެރިޔަކާއި އެއްކޮށް އުޅެވޭނަމަ، އޭނާ ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަން އެހެން މީހުންނަށް އެނގެން ބޭނުން ނުވާ ނަމަ، ތިބާ ގެންގުޅޭ ޑްރާމާގެ ކަންތައް ހުއްޓާލަން ޖެހެއެވެ.
އޭނާ ބޭނުންވަނީ، ތިބާގެ ގައިގައި ނެތްކަމެއް, ދައްކަން މަސައްކަތް ނުކުރުމަށް
އޭނާ ބޭނުންވަނީ ތިބާ އަމިއްލަ ގޮތުގައި ހުރުމަށެވެ. އޭނާ އޭނާގެ ބައިވެރިޔާ އަކީ ފޭކް އަދި ދެއްކުންތެރި މީހަކަށް ވުމަށް ނޭދެއެވެ. އަމިއްލަ ނަފުސުގައި ހުރި ދަށްކަމެއް ނުވަތަ ދެރަކަމެއް އެހެން މީހުންނަށް ފޮރުވައި، ނެތް ސިފަތަކެއް ދައްކަން މަސައްކަތް ކުރާ އަންހެނުނަށްވުރެ، ހަޤީޤަތް ހާމަކޮށް، އަމިއްލަ ގައިގައި ހުންނަ ބަލިކަށި ކަންކަން ޤަބޫލުކުރާ ފަރާތްތައް ދެކެ ފިރިހެނުން މާބޮޑަށް ގަޔާވެ ލޯބިވެފައި، ފޭކު ދެއްކުންތެރި އަންހެނުން ދެކެ ފިރިހެނުން ރުޅިއާދެއެވެ. ހަޤީޤަތް ހާމަކޮށް، އަސްލު ސިފަ ދައްކައިގެން އުޅޭ އަންހެނުން ދިރިއުޅުމުގައި މާ ކާމިޔާބެވެ.
އޭނާ ބޭނުންވަނީ ތިބާއާއި ވާހަކަ ދެކެވޭނެ ގޮތް ވުން
ދިމާވާ ކަންކަމުގައި ހުރިހާ ކަންބޮޑުވުމަކާއި އިޙްސާސްތައް ހިއްސާ ނުކުރެވޭ، ނުވަތަ އަޑުއަހަން މާބޮޑު އިސްކަމެއް ތިބާ ނުދޭނަމަ، ތިގުޅުން އެވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ބައިވެރިޔާ ބޭނުންވާ ހުރިހާ ވާހަކައެއް އެއްވެސް ފަސްޖެހުމެއް ނެތި އޭނާ ތިބާ އަށް ކިޔައިދޭން ބޭނުންވެއެވެ. ތިބާ އޭނާގެ ވާހަކަތަކަށް މާބޮޑު ޝައުޤުވެރިކަމެއް ނުދޭ ނަމަ، އެއީ ތިޔަ ގުޅުމަށް ކުރިމަތިވާ ހީނަރުކަމެކެވެ. އޭނާގެ ކަންބޮޑުވުންތަކާއި، އިޙްސާސްތައް ތިބާއަށް ކިޔައިދޭން އޭނާ ބޭނުންވެއެވެ. އޭނާ ތިބާއާއި ވާހަކަ ދެކެވޭނެ ގޮތެއް ހޯދުމާއިއެކު، އޭނާގެ ކަންބޮޑުވުންތަކާއި ޝަކުވާތަށް އަޑުއެހުމަށް ތިބާ ޚާއްސަ ސަމާލުކަމެއް ދޭށެވެ.
އޭނާ ބޭނުންވަނީ ތިބާ ތެދުވެރިވެ ވަފާތެރިކަމާއެކު، ހުރިހާ ކަމެއް އޭނާއާއި ހިއްސާކުރުމަށް
އެއްވެސް ފިރިހެނަކު ބައިވެރިޔާގެ ފަރާތުން، ތަފަތު އޮޅުވާލުންތަކާއި، ދޮގު އަޑުއަހަން ބޭނުން ނުވާނެއެވެ. އޭނާ އަށް ތިބާ އޮޅުވާލައި މަކަރު ހަދާ ކަން ނުވަތަ، ކަންކަން ހިއްސާ ނުކުރާކަން ނުވަތަ ބޭވަފާތެރި ކަން އެނގޭ ހިނދު، ދެފަރާތް ވަކިނުވި ނަމަވެސް، އެއޮންނަ އިތުބާރާއި ލޯބި، ކުރިން އޮތް ގޮތަށް ބަދަލުކުރުމަކީ ވާނޭ ކަމެއް ނޫނެވެ. ފެންނަ ފެނުމުގައި ބައިވެރިޔާދެކެ ވަރަށް ލޯބިވާކަން ދައްކައި، ވަރަށް ގެވެހި މީހުންނަށް ހެދިގެން އުޅޭ ބައެއް އަންހެނުންވެސް، ތަފާތު އެތަށް ބަޔަކާއި ގުޅުން ބާއްވައި، ބައިވެރިޔާއަށް ބޭވަފާތެރިވާކަން އޭނާ އަށް އެނގެއެވެ. އޭނާ ބޭނުންވަނީ ތިބާ ތެދުވެރިވެ ވަފާތެރިކަމާއެކު، އެއްވެސް އޮޅުވާލުމެއް ނެތި، ހުރިހާ ކަމެއް އޭނާއާއި ހިއްސާކުރުމެވެ.
އޭނާ ބޭނުންވަނީ ތިބާ އޭނާ އާއި ވާދަކުރުމަށް
އޭނާ ބޭނުންވަނީ ތިބާ އޭނާ އާއި ކޮންމެ ދުވަހަކު ވާދަކޮށް، އޭނާ ރަނގަޅު މީހަކަށް ހެދުމަށް ކޮންމެ ދުވަހަކު ބާރުއަޅައި ކުރިއެރުމަށް އެހީތެރިވުމަށެވެ. ލޯބިވެރިޔާ ނުވަތަ ބައިވެރިޔާގެ ހައިސިއްޔަތުން، ތިބާ ކުރާ ކޮންމެ ކަމެއްގައި އޭނާ ތިބާއަށް ހިތްވަރުދޭ ފަދައިން، ތިބާގެ ފަރާތުން އެ އެއްބާރުލުމާއި، އެހީތެރިކަން އޭނާއަށް ބޭނުންވެއެވެ.
އޭނާ ބޭނުންވަނީ، ތިބާއަށް، ހުރިހާ މިނިވަންކަމެއް ލިބިފައިވާ ކަމުގައި ޤަބޫލުކުރުމަށް
އަންހެނުން މާބޮޑަށް ފިރިހެނުންނަށް ބަރޯސާވެ، އެމީހުންގެ މުޅި ދުނިޔެއަކީ އެމީހުންކަމުގައި ދެކެއެވެ. މިއީ ފިރިހެނުން އެހާ ގަޔާވާ ސިފައެއް ނޫނެވެ. ފިރިހެނުން ބޭނުންވަނީ އަންހެނުންވެސް އަމިއްލަޔަށް ކަންކަމުގައި ގޮތް ނިންމައި، އަމިއްލަޔަށް ކުރެވޭ ކުދި ކުދި ކަންކަން މެނޭޖްކޮށް، ފިރިހެނުންނާއި އެއްވަރަށް ދިރިއުޅުމުގެ ކަންކަމާއިމެދު ފިކުރުކޮށް ވިސްނާ ޒިންމާދާރު ބައެއްގެ ގޮތުގައި ތިބުމަށެވެ. އެނާއަކީވެސް ދިރިއުޅުމުގެ ބޮޑެތި ޒިންމާ ނަގާ ފަރާތަކަށް ވާއިރު، ކޮންމެ ކަމެއް އޭނާގެ ބޮލަށް ޖަހައި ދިރިއުޅުމަށް ނޭވާލާންވެސް އޭނާ ބޭނުންވާ ކަމަށް ޤަބޫލުކުރުމުގެ ބަދަލުގައި، ހުރިހާ މިނިވަންކަމެއް ލިބިފައިވާ ކަމުގައި ޤަބޫލުކުރުން މުހިންމެވެ. ދިރިއުޅުމަކީ ދެފަރާތް އެކުގައި ހޭދަކުރާ އެއްޗަކަށްވުމާއެކު، ޒިންމާ ނެގުމުގައި ދެފަރާތުގެ ހިއްސާ އެއްވަރަކަށް އޮންނަން ޖެހެއެވެ.
އޭނާ ބޭނުންވަނީ އެކުގައި ހިނިތުންވުން ހިއްސާކުރުމަށް
އެކުގައި އުޅޭއިރު، އެކުގައި ހިނިތުންވުން ހިއްސާ ނުކުރެވޭ ފަރާތަކާއި އެއްކޮށް އުޅުމަކީ އޭނާ ބޭނުންވާގޮތެއް ނޫނެވެ. އެކުގައި ތާކުންތާކު ނުޖެހޭ ކަންކަމާއި، ތަފާތު ޖޯކުތަކާއި ގުޅުވައިގެން އެކުގައި ހިނިތުންވުން ހިއްސާކޮށް، އުފާވެރި ވަގުތެއް އެކުގައި ހޭދަކުރުމަށް ފިރިހެނުން ބޭނުންވެއެވެ. އޭނާ ބޭނުންވަނީ، ތިބާ ރުޅިއައިސްފައި ހުންނަ އިރުވެސް، މޫނަށް ހިނިތުންވުން ގެނެވޭނެ ފަރާތަކަށް އޭނަ ވުމެވެ.
އެންމެ ގޯސް ވަގުތުތަކުގައިވެސް އޭނާ ބޭނުންވަނީ ތިބާގެ އެހީތެރިކަން
ދިރިއުޅުމުގައި ދިމާވާ ތަފާތު ދަތި އުދަނގޫ ވަގުތުތަކުގައި ތިބާގެ އެހީތެރިކަން އޭނާއަށް ބޭނުންވެއެވެ. ތިބާ އަށް އެ އެހީތެރިކަން ފޯރުކޮށް ނުދެވޭނަމަ، އޭނާ ގިނަ ދުވަހު ތިބާގެ ދިރިއުޅުމުގައި ނުހުންނާނެއެވެ. ދިރިއުޅުމުގައި ކަންކަން ގޯސްވާ ވަގުތުތަކުގައި، ހިތްވަރުދީ، ކުރިޔަށް ދިޔުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް އޭނާ ބޭނުންވެއެވެ. މިފަދަ ފަރާތަކީ އޭނާއާއި އެކީ އެކަކު ނުހުންނަ ހާލަތްތަކުގައިވެސް ހުންނަ ފރާތަކަށް ވާންޖެހެއެވެ.
އޭނާ ބޭނުންވަނީ، ކޮންމެ ދުވަހަކު ލޯބިވާކަން ސާބިތުކޮށްދިނުމަށް
ބައިވެރިޔާގެ ފަރާތުން ލޯބިވާކަން ކޮންމެ ދުވަހަކު ސާބިތުކޮށްދިނުމަކީ ގިނަ ފިރިހެނުން ބޭނުންވާ ކަމެކެވެ. ފަހަރެއްގައިވެސް، ލޯބިވާކަން ސާބިތުކުރަން މިބުނެވެނީ، ހައްދު ފަހަނައަޅާ ދާ މިންވަރކަށް ނޫނެވެ. ބަހާއި އަމަލުން ލޯބިވާކަން ސާބިތުކޮށްދިނުމެވެ. އޭނާ ބޭނުންވަނީ ތިބާ އަޅާލަކަމާއި، އަބަދުވެސް އެކުގައި ވާކަން ދެނެގަތުމުގެ އިތުރުން އަބަދުވެސް އެއް މިންވަރަކަށް ލޯބިވާކަން ދެނެގަތުމެވެ. ބޭރުފުށަށް ވަރުގަދަ ހިތްހަރު ބައެއްގެ ގޮތުގައި ފިރިހެނުން ފެނުނުކަމުގައިވިޔަސް ގިނަ ފިރިހެނުންނަކީ ވަރަށް އިމޯޝަނަލް ބައެކެވެ.
އޭނާ ބޭނުންވަނީ، ތިބާ އަބަދުވެސް އުފާވެރިކަންމަތީ ހުންނަ، އޯގާތެރި ހިތެއްގެ ވެރިއަކަށް ވުމަށް
އޭނާ ބޭނުންވަނީ ތިބާ އުފާވެރި، އޯގާތެރި ހިތެއްގެ ވެރިއެއްގެ ގޮތުގައި ހުރުމަށެވެ. އަދި މިފަދަ މީހެއްގެ ގޮތުގައި ތިބާ ފެނިގެން ދިޔުމަކީ އޭނަޔަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމެކެވެ.