ޚަބަރު
މުޅި ވިލިނގިއްލާ ޤައުމީ ޓީމާއެކު

މުޅި ވިލިނގިއްލާ ޤައުމީ ޓީމާއެކު ނަމުގައި ގއ.ވިލިނގިލީގައި މިއަދު ހަވީރު ވެހިކަލް ބުރެއް ބާއްވައިފިއެވެ.

މިއަދު ހަވީރު 16:00 ގައި ބޭއްވުނު ސައިކަލް ބުރުގައި ވިލިނގިލީގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިއީ އެރަށު ކައުންސިލާއި އާއްމުު ރައްޔިތުން ގުޅިގެން ހިންގި ހަރަކާތެކެވެ. ރަތްކުލައިގެ ހެދުމާއި ޤައުމީ ޓީމުގެ ޖާޒީގައި ހުރިހާ ރައްޔިތުން ދައްކުވައިދިނީ އެމީހުންގެ ހިތުގައި އުފެދިފައިވާ ޤައުމީ ރޫހެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ކުޅޭ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗަށް މުޅި ރާއްޖެއިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ފުވައްމުލަކުގައިވެސް މިއަދު ހަވީރު ވަނީ ސައިކަލް ބުރެއް ބާއްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުގައި މިއަދުވަނީ ޤައުމީ ޓީމަށް ސަޕޯޓްކުރުމުގެ ގޮތުން އެކިއެކި ހަރަކާތްތައް ބާއްވާފައެވެ. މިހުރިހާ ކަމަކުން އަންގައިދެނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ޤައުމީ ޓީމާއެކު ވާކަމެވެ. މެޗް ބަލާލަން ދަނޑަށް ނުދެވުނު ކަމުގައިވިޔަސް ހިތުގައި އުފެދިފައިވާ ޤައުމީ ރޫހަށް ކުޑަވެސް ބަދަލެއް ނާންނަކަމެވެ.

ގޭގައި ތިބެގެން މެޗް ބަލަން ޖެހުނުނަމަވެސް ތަންކޮޅެއްވެސް ދޫކޮށްނުލާނެ ކަމަށް ޤައުމީ ޓީމުގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

މިމުބާރާތުގެ ފައިނަލުގައި ވާދަކުރަން ބޭނުން ނަމަ އިންޑިޔާއިން ކޮންމެހެންވެސް މޮޅުވާންޖެހެއެވެ. އެހެންނަމަވެސް މިރޭގެ މެޗުގެ އެއްވަރު ނަތީޖާއެކު ރާއްޖެއަށް ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 21:00 ގައެވެ.