ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އެ އަތޮޅު ގައްދޫ ތަމްސީލުކުރުމުގެ ފުރުސަތު އެރަށު ކައުންސިލަށް ލިބެންޖެހޭ ކަމަށް ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ފައިހަތު މިހެން ބުނެފައިވަނީ، ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު (އެމްޑީ) ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުގައި ހުރުމާ ގުޅިގެން އެ ރަށު ކައުންސިލުގެ ފަރާތުން އަތޮޅު ކައުންސިލްގެ ޖަލްސާތަކުގައި ގައްދޫ ތަމްސީލް ކުރުމުގެ ފުރުސަތު ލިބެމުން ނުދާތީއެވެ.
ގދ. އަތޮޅުކައުންސިލުގައި ގައްދޫ ތަމްސީލުކުރުމުގެ ފުރުސަތު ގދ. ގައްދޫ ކައުންސިލަށް ލިބެންޖެހޭނެ. @lgaMaldives @ahmedzahirjr @ibusolih @MohamedNasheed
— Faihath (@faihath) October 13, 2021
މިކަމާއި ގުޅިގެން “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ފައިހަތު ވިދާޅުވީ، އަތޮޅު ކައުންސިލް ބައްދަލުވުމުގައި ގައްދޫ ކައުންސިލް ތަމްސީލް ކުރުމުގައި ހުރަސްތަކެއް ހުރިތާ ފަސް ވަރަކަށް މަސް ވެފައިވާ ކަމަށެވެ. އަދި މި އެކަމާއި ގުޅިގެން އެލްޖީއޭގެ ލަފަކައަށް އެދިފައިވާ ކަމަށެވެ.
ފައިހަތު އިތުރަށް ވިދާޅުވީ، އެލްޖީއޭގެ ލަފަޔަކަށް އެދުމުން، އެކަމާއި ގުޅިގެން އެލްޖީއޭއިން އަންގާފައި ވަނީ ރަށު ކައުންސިލްގެ ނައިބް ރައީސަށް އަތޮޅު ކައުންސިލްގައި ރަށް ތަމްސީލް ކުރެވޭނެ ޤާނޫނީ ހައިސިއްޔަތު ލިބިގެން ނުވާކަމަށެވެ.
ފައިހަތު ވިދާޅުވީ، ގައްދޫގެ ބައިވެރިވުމެއް ގދ.އަތޮޅު ކައުންސިލުގައި ނެތުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށާއި، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް، އަތޮޅު ކައުންސިލުގައި ގައްދޫ ތަމްސީލު ކުރެވޭނެ ގޮތެއް ސަރުކާރުން ހޯދައިދޭން ޖެހޭ ކަމަށެވެ.
ޖިންސީ ގޯނާގެ ތުހުމަތެއްގައި ގައްދޫ ކައުންސިލްގެ ރައީސް ބަންދުކުރީ ކައުންސިލު ކަމުގެ ހުވާ ކުރުމުގެ ފަހުންނެވެ. އަދި ހުވާ ކުރެއްވި ފަހުން އެރަށު ކައުންސިލް ބައްދަލުވުމެއްގައި ވެސް އަދި އަތޮޅު ކައުންސިލުގެ ބައްދަލުވުމެއްގައިވެސް ބައިވެރި ވުމުގެ ފުރުސަތެއް ގައްދޫ ރައީސް އަކަށް ނުލިބެއެވެ.