ޚަބަރު
ފްލެޓްތަކާއި ގުޅޭ މައްސަލަތައް ހުށަހަޅަން ހާއްސަ ހޮޓްލައިނެއް ތައާރަފްކޮށްފި

ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން ގެންދާ މީހުންގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގައި ހިޔާ ފްލެޓްތަކާއި ގުޅޭ މައްސަލަ ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިވަނީ ހާއްސަ ހޮޓަލައިނެއް ތައާރަފް ކޮށްފައެވެ.

މިހޮޓްލައިން ތައާރަފްކުރަމުން އެޗްޑީސީން ވިދާޅުވެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން އެއްވެސް މައުލޫމާތެއް އޮޅުން ފިލުވަން ބޭނުންފުޅުވާނަމަ ނުވަތަ ފްލެޓާ ބެހޭ މައްސަލައެއް ހުށަހަޅަން ބޭނުންފުޅުވާނަމަ އެ އިދާރާގެ 7253535 ނަމްބަރަށް މެސެޖު ކޮށްލައިގެން ކުރިޔަށް ގެންދެވޭނެ ކަމަށެވެ. މިހޮޓްލައިން ތައާރަފް ކުރުމުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން މައްސަލަތައް ރިޕޯޓްކުރުމުގައި ލުއިތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

ހިޔާ ފްލެޓްތަކާއި ބެހޭ ހޮޓްލައިނަށް މެސެޖް ފޮނުވަން ޖެހޭގޮތް ބަޔާންކޮށްދީ އެޗްޑީއެފްސީން ވަނީ ޓްވީޓެއް ކޮށްފައެވެ. އެޓްވީޓްގައި ބުނާގޮތުން ހޮޓްލައިންއަށް މެސެޖްކުރާއިރު، އެ މެސެޖުގައި މީހާގެ ފުރިހަމަ ނަން، ގުޅޭނެ ފޯނު ނަމްބަރު، ފްލެޓް ނަމްބަރު އަދި މައްސަލަ ނުވަތަ އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތުގެ ތަފްސީލް ހިމަނަން ޖެހެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ އާބާދީ އިތުރުވަމުން ދާއިރު ޝަކުވާތައްވެސް ދަނީ އިތުރުވަމުންނެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ ކުނި މެނޭޖް ކުރާނެ ގޮތެއް ނެތުމާއި އެތާނގެ ސެކިއުރިޓީގެ މައްސަލަތަކެވެ. މީގެ އިތުރުން ދާދި ފަހުން ވަނީ ހިޔާ ފްލެޓްތަކުގެ ބިއްލޫރިތައް ތަޅައިގެންދާ މައްސަލައެއްވެސް ފެންމަތިވެފައެވެ.