ޚަބަރު
ދިވެހި ކުޅުންތެރިން ގައުމަށްޓަކައި އެންމެ ފަހު ސިކުންތާ ހަމައަށްވެސް ކުރި ހިތްވަރަށް ސާބަސް – ޝާހިދު

ދިވެހި ކުޅުންތެރިން ގައުމަށްޓަކައި އެންމެ ފަހު ސިކުންތާ ހަމައަށްވެސް ކުރި ހިތްވަރަށް އދ ގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސާބަސްދެއްވައިފިއެވެ.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ކުޅުންތެރިން ގައުމަށްޓަކައި އެންމެ ފަހު ސިކުންތާ ހަމައަށްވެސް ކުރެއްވި ހިތްވަރަށް ސާބަސްދެއްވާ ކަމަށާއި، މެޗަށްފަހު ސަޕޯޓަރުން ދެއްކެވި ރީތި ނަމޫނާއަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި މޮޅުވިޔަސް ބަލިވިޔަސް ހުންނަވާނީ ގައުމީ ޓީމާއެކު ކަމަށްވެސް ޝާހިދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ސާފްޗެމްޕިއަންޝިޕް 2021 ގައި ދިވެހިރާއްޖެއާއި އިންޑިއާ ރޭގައި ބައްދަލު ކުރިމެޗުން އިންޑިއާ އަތުން ގައުމީ ޓީމު ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ދިވެހި ޓީމަށް ޖެހުނު ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާޤްއެވެ.